ނައީޝް ގެއްލުނު ސަރަހައްދު: މި އޮޕަރޭޝަންގައި އިންޑިއާގެ އެއްވެސް އުޅަނދެއް ބޭނުންމެއް ނުކުރޭ

ނައީޝް ހޯދަން އިންޑިއާގެ އުޅަނދުތައް ބޭނުންކުރަން އެމްޑީޕީން ގޮވާލައިފި

ދިވެއްސެއްގެ ފުރާނައަށް ވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނި
24 ޑިސެމްބަރު 2023
2

އައްޑޫގައި އިހި ނަގަން މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވާ މުހައްމަދު ނާއިޝް ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ އުޅަނދުތައް ބޭނުންކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގައި ހުކުރު ދުވަހުގެ ރޭ އިރާކޮޅު އިހި ނަގަން މޫދަށް ދިޔަ ތިން ޒުވާނެއްގެ ތެރެއިން 18 އަހަރުގެ މުހައްމަދު ނައީޝް، ކުރެދިމާގެ/ސ. މަރަދޫ، ގެއްލިގެން އެރޭ 10:10 ހާއިރުން ފެށިގެން އަންނަނީ ހޯދަމުންނެވެ.

މީގެ ކުރިން އާންމު ގޮތެއްގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި، އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކަޕްޓަރު ނުވަތަ ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރި ނަމަވެސް، މި އޮޕަރޭޝަންގައި ދިވެހި ސިފައިން ބޭނުން ކުރަމުން ދަނީ، އައްޑޫ އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، މޯލްޑިވްސް އޭވިއޭޝަން އެކެޑެމީގެ މަތިންދާބޯޓެކެވެ. އެކަން ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ ހާމަކޮށްފަ އެވެ.

ބުނީ ކީކޭ؟ - ނައީޝް ހޯދުމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި، ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ވެގެން ދިޔައިރު ވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އޭނާ ހޯދަން ބޭނުން ނުކުރުމަކީ "އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމަށް ބުނެފައިވެ އެވެ.

އެ ބަޔާނުގައި ވާގޮތުން:

  • އެކުވެރި ގައުމުތަކާ އެކު އޮންނަ ގުޅުންތަކުގެ ތެރެއިން ޒަމާނުއްސުރެ ރާއްޖެއިން މިފަދަ އޮޕަރޭޝަންތަކުގައި އެހީތެރިކަން ހޯދާފައިވޭ

  • މިއަދު ރާއްޖޭގައި އެފަދަ ފަންނީ ގާބިލުކަމާއި ވަސީލަތްތައް ލިބެން ހުރެ، އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ އެމްޑީޕީގެ ފަރާތުން ކަންބޮޑުވާ ކަމެއް

  • ރާއްޖޭގެ ސިފައިންނާ ބޭރު ގައުމުތައް ގުޅިގެން ކުރިއަށް ގެންދިޔަ 1،996 އޮޕަރޭޝަނެއްގައި 3،452 މީހުން ސަލާމަތް ކުރެވިފައިވޭ؛ އެއީ ވަސީލަތްތައް ބޭނުން ކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް

ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އެކަން ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"ދިވެއްސެއްގެ ފުރާނައަށް ވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ނާއިޝް ހޯދުމުގެ އޮޕަރޭޝަންގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ހިފުމަށް ސަރުކާރަށް ގޮވާލަމެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު. ނައީޝް ހޯދުމުގައި މި ބޯޓު ބޭނުމެއް ނުކުރޭ. (ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފްގެ ބަސް - އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ރޭ 'ދައުރު'އަށް ވިދާޅުވެފައިވަނީ، ނައީޝް ހޯދުމުގެ އޮޕަރޭޝަންގައި ވައިގެ މަގުން ބޭނުން ކުރަނީ އޭވިއޭޝަން އެކަޑަމީގެ މަތިންދާބޯޓު އެކަނި ކަމަށެވެ.

އިންޑިއާގެ އެއްވެސް އުޅަނދެއް މި އޮޕަރޭޝަންގައި ބޭނުން ކުރޭތޯ އެހުމުން ވިދާޅުވީ، ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ހާމައެއް ނުކުރައްވަ އެވެ.

އެނގުން މުހިއްމު - 'ދައުރު'އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި:

  • ނައީޝް އާއި އިތުރު ދެ ޒުވާނަކު އިހި ނަގަން ދިޔައީ ހުކުރު ދުވަހުގެރޭ ގާތްގަނޑަކަށް 7 ޖަހާކަށްހާ އިރު

  • އެ މީހުން ދިޔައީ ފޭދޫ ފަސްގަނޑު ސަރަހައްދުން މޫދަށް ފައިބައިގެން، ގަމުގެ ރަންވޭއާވީ ދިމާލަށް

  • އެ މީހުން އިހި ނަގަން ގޮސް އުޅެނިކޮށް ކުއްލިއަކަށް މޫސުން ގޯސް ވެގެން ނައީޝް އޮޔާ ދަމައިގަތީ ގަމުގެ ފުއްޓަރު ފަރާތުން

  • ބާކީ ތިބި ދެ ޒުވާނުންނަށް ރަށަށް ދެވުނީ ގާތްގަނޑަކަށް 10 ޖެހިއިރު؛ އެމީހުން ވަގުތުން ވަނީ އެކަން ފުލުހަށް ރިޕޯޓު ކޮށްފައި

  • ނައީޝް ގެއްލުނު އިރު ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓެއް؛ އޭނާ އޮޔާ ދަމައިގަތީ މަސް ހިފަން ދާއިރު މީހުން ގެންގޮސް އުޅޭ ފްރިޖް ފޮށިގަނޑަކާ އެކު

ނައީޝް ހޯދުމުގެ އޮޕަރޭޝަން

އެމްއެންޑީއެފް އިން އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންގައި:

  • ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލް ހޯދާފައިވޭ

  • ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލް ބަލާފައިވޭ

  • ޑައިވް ކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ

ކޮމެންޓް (2)

އެދުރު

25 ޑިސެމްބަރު 2023
މިދިޔަ އަހަރުތަކުގައި ތިޑޯނިޔާ ބޭނުން ކޮއްގެން ގެއްލުނު ކިތަށް މީހުން ހޯދުނުތޯ؟ އައިލެންޑް އޭވިއޭޝަންގެ ބޯޓެއް ބޭނުން ކުރިޔަސް ބޯޓްގައި ތިބެނީ ރެސްކިޔު އެކްސްޕާޓުންކަން ތިޕާޓިކުދިންނަށް ނޭގޭތަ؟ އިންޑިޔާއިން ބުނެގެން ނޫސްބަޔާން ނެރެވިދާނެ ކިތަންމެވަރަކަށްވެސް
1 0

ނޑޕ &

25 ޑިސެމްބަރު 2023
ކޮން ނޑޕ އެއް. ގޮވާނުލެވޭ އެއްޗެހި ނުގޮވަބަލަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް