ގެއްލިގެން ހޯދަމުންދާ ނައީޝް. އޭނާ ހެޔޮހާލުގައި ފެންނާނެ ކަމަށް އާއިލާއިން އުންމީދު ކުރޭ.

ހިތްވަރުގަދަ ނައީޝްއަށް އެންމެންގެ ހެޔޮ ދުއާ؛ 'ހެޔޮ ހާލުގައި ފެންނާނެ'

އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުން އަންނަ ނައީޝް ހެޔޮ ހާލުގައި ފެނުމުގެ ނަސީބު މިންވަރު ކުރެއްވުން އެދި ދުއާކުރަމުން މީހުން އޭނާ ސިފަކުރަނީ އަހުލާގު ރަނގަޅު ތޫނު ފިލި ހިތްވަރު ގަދަ ކުއްޖެއްގެ ގޮތުގައި
24 ޑިސެމްބަރު 2023

ނިމުނު ހަފްތާ ބަންދުގައި އައްޑޫ ސިއްސުވާލީ، އުމުރުން އެންމެ 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ހަބަރުންނެވެ. ދެ ރަހުމަތްތެރިޔަކާ އެކު އިހި ނަގަން ގޮސް އުޅުމުގެ ތެރޭގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ގެއްލިފައިވަނީ، މުހައްމަދު ނައީޝް ކުރެދިމާގެ /ސ. މަރަދޫ، އެވެ.

ނައީޝް ގެއްލުނީ ފޭދޫ ފަސްގަނޑު ސަރަހައްދުން މޫދަށް ފައިބައިގެން، ގަމުގެ ރަންވޭއާ ވީ ދިމާލަށް އިހި ނަގަން ގޮސް އުޅެނިކޮށް، ކުއްލިއަކަށް މޫސުން ގޯސްވެ އޮޔާ ދަމައިގަނެގެންނެވެ. އޭނާއާ އެކު ތިބި ރަހުމަތްތެރިން އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، ރަނގަޅަށް އަތުނުޖެހުނީ އެވެ.

އެ ދެ ޒުވާނުންނަށް ރަށަށް ދެވުނީ ރޭގަނޑު ގާތްގަނޑަކަށް 10 ޖެހިއިރެވެ. އެއާ އެކު ރަށު މީހުންނަށް އެކަން އަންގާ، ފުލުހަށް ރިޕޯޓުކޮށް، ނައީޝް ހޯދުމުގެ މަސައްކަތް ވަގުތުން ފެށި އެވެ. އެ މަސައްކަތް އަދި ވެސް ދަނީ ކުރިއަށެވެ.

މިހާތަނަށް ނައީޝްގެ އެއްވެސް ހިލަމެއް ވެފައި ނުވިޔަސް، އެންމެންގެ އުންމީދަކީ އޭނާ ހެޔޮ ހާލުގައި ހުއްޓައި ފެނުމެވެ.

ނައީޝް ގެއްލުނު ސަރަހައްދު. އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ އިތުރުން ރަށު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން.

'އެއީ ހިތްވަރުގަދަ ކުއްޖެއް'

ނައީޝްއަކީ ގިނަ ބައެއްގެ ގަދަރާއި އިހުތިރާމާއި ލޯބި ލިބިފައިވާ، އޭނާގެ ރަށު މީހުން ފަހުރުވެރިވާ ޒުވާނެކެވެ. އޭނާގެ އާއިލާގެ މީހުންނާއި، ރަހުމަތްތެރިންނާއި، ސްކޫލް ޓީޗަރުންނާއި ރަށު މީހުން އޭނާއަށްޓަކައި ކޮށްދެމުން އަންނަ ދުއާތަކާއި، އޭނާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ލިޔާ ޕޯސްޓްތަކަކީ އޭގެ ދަލީލެކެވެ.

"ނައީޝްއަކީ ހިތްވަރުގަދަ ކުއްޖެއް. އިރާދަކުރެއްވިއްޔާ އޭނާ ހުންނާނީ ސަލާމަތުން،" މީހަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.

ނައީޝްއަކީ، މީހުން ސިފަކުރާ ގޮތުން ނަމަ، ވިސްނުންތޫނު، މޮޅު ކުއްޖެކެވެ. ހިތްހެޔޮ، ހިތްވަރުގަދަ، ކުއްޖެކެވެ. ކުރިމަގުގައި ގައުމުގެ ލީޑަރަކަށް ވެވޭނެ ފަދަ ކުއްޖެކެވެ. އޭނާ ފުޓުބޯޅަ ކުޅުމަށް ލޯބި ކުރެ އެވެ. ރައްޓެހިންނަށް ހެވެވެ.

"[ނައީޝް އަކީ] މި އާއިލާގެ އެންމެ ހިތްވަރުގަދަ، ބުއްދިވެރި، އަދި ހަރުދަނާ ކުއްޖާ. ނައީޝް ހޯދުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އަހަރެމެން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އަހަރެމެންނާ ބައްދަލުވާނެ،" ނައީޝްގެ އާއިލާގެ މީހަކު ބުންޏެވެ.

"[ނައީޝް] ފެނުނީމަ ނޫނީ ހުއްޓައެއް ނުލާނަން. އަހަރެމެން އެންމެންގެ ތެރެއިން ވެސް އެންމެ ހިތްވަރުގަދައީ [ނައީޝް]. ވަރަށް އަވަހަށް ފެންނާނެ ކަމަށް އުންމީދު ކުރަން." 

ގެއްލިގެން ހޯދަމުންދާ ނައީޝް ތައުލީމް ހާސިލްކުރަމުންދާ އައްޑޫ ހައި ސްކޫލް އިން ކޮށްފައިވާ ޕޯސްޓެއް.

އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުން އަންނަ ނައީޝް ހެޔޮ ހާލުގައި ފެނުމުގެ ނަސީބު މިންވަރު ކުރެއްވުން އެދި ދުއާކޮށް، އެ ސްކޫލުގެ ފަރާތުން ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ. އައްޑޫގެ ގިނަ ބަޔަކު މި ޕޯސްޓް ޝެއާ ކޮށްފައިވާ އިރު، އޭގެ ތެރޭގައި ނައީޝްގެ މުދައްރިސުން ވެސް ހިމެނެ އެވެ.

އެންމެންގެ ވެސް އެދުމަކީ، ނައީޝް ހެޔޮ ހާލުގައި ހުއްޓައި ފެނުމުގެ ހެޔޮ ގޮތް މިންވަރު ކުރެއްވުމެވެ. މި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ކާމިޔާބު ދެއްވުމަށް އެދި ވެސް އެތައް ބަޔަކު އަންނަނީ ދުއާ ކުރަމުންނެވެ.

އުންމީދު ގެއްލުވައެއް ނުލާ 

ނައީޝް ގެއްލިގެން ހޯދަމުން ދާތާ 40 ގަޑިއިރަށް ވުރެ ގިނައިރު ވެފައިވާ އިރު، މިހާތަނަށް އޭނާގެ އެއްވެސް އެއްޗެއް ވެސް ފެނިފައެއް ނުވެ އެވެ.

ނައީޝްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު 'ދައުރު'އަށް ކިޔައިދިން ގޮތުގައި، ނައީޝް އޮޔާ ދަމައިގަތް އިރު، އެ ހިސާބުގަނޑުގައި މަސް ހިފަން މީހުން ގެންގޮސް އުޅޭ ކަހަލަ ފްރިޖް ފޮށިގަނޑެއް އަތުގައި އޮންނާނެ އެވެ.

"[އޭގައި] ހިފަހައްޓައިގެން [އޮތް] ކަމެއް ނޭނގެ. އެކަމަކު ނައީޝް އަތުގައި ނައީޝް ބޭރަށް ދަމައިގަތް އިރު އޮންނާނެޔޯ [އޭގެ ފްރިޖެއް]. އާންމުކޮށް އޭތި އިންނާނީ އަތުގައި އައްސާފައި ވާގަނޑަކުން،" އޭނާ ބުންޏެވެ.

ނައީޝް ގެއްލުނު އިރު އޭނާ ލައިގެން ހުރީ އަތް ދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ނައީޝް ލައިގެން ހުރި އެއްޗެއް ވެސް، ފްރިޖްގެ ބައިތަކެއް ވެސް ފެނިފައެއް ނުވެ އެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ހިތްވަރު އެލުވާލާފައެއް ނުވެ އެވެ. މީހުން ގަބޫލުކުރަނީ، ކޮންމެވެސް ގޮތަކުން، އޭނާގެ އަތުގައި އޮތް އެއްޗެއްގެ ބޭނުން ހިފައިގެން ނަމަވެސް، ނައީޝް ސަލާމަތުން އޮންނަން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެންޑީއެފް އިން އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓް ގާޑް ފޯތު ސްކޮޑްރަން އިން ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންގައި:

  • ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލް ހޯދާފައިވޭ

  • ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލް ބަލާފައިވޭ

  • ޑައިވް ކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ

އެމްއެންޑީއެފް އިން ހިންގާ އޮޕަރޭޝަންގެ އިތުރުން އައްޑޫގެ ރައްޔިތުން ވެސް އަންނަނީ ނައީޝް ހޯދުމަށް އެކިއެކި މަސައްކަތް ކުރަމުންނެވެ. އައްޑޫން 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި:

  • ރަށުގެ ހަތަރު، ފަސް އޮޑިއެއް ދަނީ ނައީޝް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން

  • އެމްއެންޑީއެފްގެ ޑައިވަރުންގެ އިރުޝާދުގެ ދަށުން ރަށުގެ ޑައިވަރުން ވެސް ދަނީ އެކި ތަންތަން ބަލާ ހޯދުމުގެ މަސައްކަތް ކުރަމުން

  • ނައީޝް ގެއްލުނުކަމަށް ބުނާ ސަރަހައްދުގައި ދެވުނު އެންމެ ފުނަކަށް ގޮސްގެން އޭނާ ފެނޭތޯ ރަށުގެ ޑައިވަރުން ބަލާފައިވޭ

އެކި ކަންކަމަށް މޫދަށް އެރި އުޅުމުގެ ތެރޭގައި މިފަދަ ހިތާމަވެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދިމާވެ އެވެ. އެފަދަ ކަންކަމަށް ސަމާލުވެ، އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.

"ވަރަށް ބޮޑަށް އެދެން ކިތައްމެ ގާތް ރައްޓެއްސަކާ އެކު ވެސް ފުން ވިލު ފަރުމައްޗަށް، ފަރު ކައިރީގައި ކަނޑު އޮތަސް، ފަތާފައި ފައިޖެހޭ ހިސާބަށް ދެވިދާނެ ކަމުގެ ޔަގީންކަން އޮތަސް، ޑިންގީއެއް ކަހަލަ އެއްޗެއް ކައިރީގައި ނެތިއްޔާ ނުދިޔުމަށް، ނުފޭބުމަށް،" ނައީޝް ގެއްލިގެން އުޅޭ ހަބަރު ޝެއާ ކުރަމުން މީހަކު ސޯޝަލް މީޑިއާގައި އިލްތިމާސް ކޮށްފައިވެ އެވެ.

"މިކަހަލަ ވަރަށް ނުރައްކާ އެތިފަހަރަކުން އަހަރެން ހަމަ ކިރިޔާ ސަލާމަތްވެފައި މިހުރީ، އޭގެ ތަޖުރިބާގައި މިވާހަކަ ބުނެލީ." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް