ގެއްލިގެން ހޯދަމުންދާ ނައީޝް: އޭނާ ހޯދުމަށް ބޮޑު ބައެއް ވަނީ ހޯދާފައި

ނައީޝްގެ ހިލަމެއް ނެތް، ހޯދުމުގެ މަސައްކަތް ކުރިއަށް

ނައީޝް އޮޔާދަމައިގަތް އިރު އޭނާގެ އަތުގައި އޮތް އެއްޗެއް ވެސް މިހާތަނަށް ފެނިފައެއް ނުވޭ
24 ޑިސެމްބަރު 2023

އިހި ނަގަން ގޮސް އުޅުމުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެއްލުނު މުހައްމަދު ނައީޝްގެ އެއްވެސް ހިލަމެއް މިހާތަނަށް ފެނިފައި ނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދި ވެސް ކުރަމުންދާ ކަމަށް އެރަށު މީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގައި ހުކުރު ދުވަހުގެ ރޭ އިރާކޮޅު އިހި ނަގަން ދިޔަ ތިން ޒުވާނެއްގެ ތެރެއިން 18 އަހަރުގެ މުހައްމަދު ނައީޝް، ކުރެދިމާގެ/ސ. މަރަދޫ، ގެއްލިގެން ހޯދަން ފެށީ އެރޭ 10:10 ހާއިރުން ފެށިގެންނެވެ.

ތަފްސީލް - ޒުވާނާ ހޯދުމަށް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިޔު އިން ބޮޑު ބައެއް ވައިގެ މަގުންނާއި ކަނޑުމަގުން މިހާރު ބަލާފައިވާއިރު، އެރަށުގެ ރައްޔިތުން ވެސް ދަނީ ނައީޝް ހޯދުމަށްޓަކައި އެމީހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

އައްޑޫން 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި:

  • ރަށުގެ ހަތަރު، ފަސް އޮޑިއެއް ދަނީ ނައީޝް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން

  • އެމްއެންޑީއެފްގެ ޑައިވަރުންގެ އިރުޝާދުގެ ދަށުން ރަށުގެ ޑައިވަރުން ވެސް ދަނީ އެކި ތަންތަން ބަލާ ހޯދުމުގެ މަސައްކަތް ކުރަމުން

  • ނައީޝް ގެއްލުނުކަމަށް ބުނާ ސަރަހައްދުގައި ދެވުނު އެންމެ ފުނަކަށް ގޮސްގެން އޭނާ ފެނޭތޯ ރަށުގެ ޑައިވަރުން ބަލާފައިވޭ

ނައީޝް ގެއްލުނު ސަރަހައްދު: މި އޮޕަރޭޝަންގައި އިންޑިއާގެ އެއްވެސް އުޅަނދެއް ބޭނުންމެއް ނުކުރޭ
ނައީޝް ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން. (ފޮޓޯ/ އެމްއެންޑީއެފް)


ބުނީ ކީކޭ؟
- "ނައީޝްގެ އިތުރު މައުލޫމާތެއް ނެތް. ގެންގުޅުނު އެއްޗެއް ވެސް ފެނިފައެއް ނުވޭ މިހާތަނަށް،" ނައީޝްގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހަކު 'ދައުރު'އަށް ބުންޏެވެ. 

އެމީހާ ކިޔައިދިން ގޮތުގައި، ނައީޝް އޮޔާ ދަމައިގަތް އިރު، އެ ހިސާބުގަނޑުގައި މަސް ހިފަން މީހުން ގެންގޮސް އުޅޭ ކަހަލަ ފްރިޖް ފޮށިގަނޑެއް އޭނާ އަތުގައި އޮންނާނެ އެވެ.

"[އޭގައި] ހިފަހައްޓައިގެން [އޮތް] ކަމެއް ނޭނގެ. އެކަމަކު ނައީޝް އަތުގައި ނައީޝް ބޭރަށް ދަމައިގަތް އިރު އޮންނާނެޔޯ [އޭގެ ފްރިޖެއް]. އާންމުކޮށް އޭތި އިންނާނީ އަތުގަ އައްސާފައި ވާގަނޑަކުން،" އޭނާ ބުންޏެވެ.

ނައީޝް ގެއްލުނު އިރު އޭނާ ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފައިވެ އެވެ. ނަމަވެސް، މިހާތަނަށް ނައީޝް ލައިގެން ހުރި އެއްޗެއް ވެސް، ފްރިޖްގެ ބައިތަކެއް ވެސް ފެނިފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - 'ދައުރު'އަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި:

  • ނައީޝް އާއި އިތުރު ދެ ޒުވާނަކު އިހި ނަގަން ދިޔައީ ހުކުރު ދުވަހުގެރޭ ގާތްގަނޑަކަށް 7 ޖަހާކަށްހާ އިރު

  • އެ މީހުން ދިޔައީ ފޭދޫ ފަސްގަނޑު ސަރަހައްދުން މޫދަށް ފައިބައިގެން، ގަމުގެ ރަންވޭއާވީ ދިމާލަށް

  • އެ މީހުން އިހި ނަގަން ގޮސް އުޅެނިކޮށް ކުއްލިއަކަށް މޫސުން ގޯސް ވެގެން ނައީޝް އޮޔާ ދަމައިގަތީ ގަމުގެ ފުއްޓަރު ފަރާތުން

  • ބާކީ ތިބި ދެ ޒުވާނުންނަށް ރަށަށް ދެވުނީ ގާތްގަނޑަކަށް 10 ޖެހިއިރު؛ އެމީހުން ވަގުތުން ވަނީ އެކަން ފުލުހަށް ރިޕޯޓު ކޮށްފައި

ނައީޝް ހޯދުމުގެ އޮޕަރޭޝަން

އެމްއެންޑީއެފް އިން އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން އިން ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންގައި:

  • ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލް ހޯދާފައިވޭ

  • ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލް ބަލާފައިވޭ

  • ޑައިވް ކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލާފައިވޭ

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް