މާފުށީ ޖަލު (ފޮޓޯ/ދަޕްރެސް)

މާފުށި ޖަލު

މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަނީ

ހަޅުތާލު ކުރަމުންދަނީ ގައިދީންނާ މެދު ތަފާތުކުރުން ގެންގުޅެމުންދާތީ ކަމަށް ބުނެ؛ މި ހަޅުތާލު ކުރަމުންދާތާ ތިން ދުވަސް ވަނީ ވެފައި

މާފުށީ ޖަލުގެ ޔުނިޓް 10ގައި ތިބި ބައެއް ގައިދީންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، އެ ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ތަފާތުކުރުން ނައްތާލައި، ހައްގުތައް ކަށަވަރު ކޮށްދިނުމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިން ވޮޗް އިން ރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގެ ޔުނިޓް 10ގައި ތިބި ގައިދީން ބަނޑުހައި ހޫނުކުމުގެ ހަޅުތާލެއް ކުރަމުންދާތާ ތިން ދުވަސްވެފައިވާ ކަމަށް ބުނެ އެ ގައިދީންގެ އާއިލާތަކުން އެ ޖަމިއްޔާއަށް ޝަކުވާތަކެއް ހިއްސާކުރަމުންދާ ކަމަށެެވެ.

ގައިދީންގެ އާއިލާތަކުން ތުހުމަތުކުރާ ގޮތުގައި އެ ހަޅުތާލު ފެށިފައިވަނީ އެ ޔުނިޓުގެ ފަސް ގައިދީއަކާ މެދު ކަރެކްޝަނުން ގެންގުޅެމުންދާ ތަފާތުކުރުންތަކާ ގުޅިގެން ކަމަށް ބަޔާނުގައިވެ އެވެ.

ތަފްސީލް - ހަޅުތާލުކުރާ ސަބަބެއް ކަމަށް އާއިލާއިން ތުހުމަތުކުރަނީ:

  • އުސޫލުތަކުގެ ދަށުން އެހެން ގައިދީން ބޭރަށް ނެރޭ ފަދައިން އެ ފަސް ގައިދީން ކަނޑައެޅިފައިވާ ވަގުތުތަކުގައި ގޮޅިން ބޭރަށް ނުނެރޭތީ ކަމަށް ބުނެ

  • އުސޫލުތަކާ ހިލާފަށް އެކަހެރި ވަކި ގުޅިތަކެއްގައި އެ ގައިދީން ދިގު މުއްދަތަކަށް ބަންދުކޮށްފައި ބައިތިއްބާތީ ކަމަށް ބުނެ

  • ހުކުމުގައި ތިބޭ އެހެން ގައިދީންނަށް ލިބޭ ރިހިބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ގައިދީންނަށް ނުދޭތީ ކަމަށް ބުނެ

  • ޖުވެނައިލް ޑިޓެންޝަނެއްގައި ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވާ މީހަކަށް އެ ޔުނިޓުގައި އެކަހެރިކޮށް ބަންދުކޮށްފައިވާ ކަަމަށް ބުނެ

ބަޔާނުގައި ބުނީ، އެކަމާ ގުޅިގެން އެ ޖަމިއްޔާއިން ބެލިބެލުމުން މާފުށީ ޖަލުގެ އެ ޔުނިޓުގައި ތިބި ގައިދީން ޖަލުންދޭ ކޮއްތު ބޭނުން ކުރުން މިހާރު ހުއްޓާލާފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް އެ ގައިދީންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ދާކަމަށް ކަރެކްޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ތަފާތުކުރުން ނައްތާލައި ގައިދީންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް ގޮވާލައި ނެރެފައިވާ އެ ބަޔާނުގައި އިތުރަށް ބުނީ، ތަފާތުކުރުމުގެ ސަގާފަތަކީ ނެތިދާންޖެހޭ ސަގާފަތަކަށްވާ އިރު އެކަމުގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލި އަނިޔާވެރިކަމަށް ހުށަހެޅިގެންދާ ކަމަށެވެ. އަދި ޖުވެނައިލް ޑިޓެންޝަނެއްގައި ބަންދުކުރަންޖެހޭ މީހަކު އެކަހެރި ޔުނިޓެއްގައި ބަންދުކޮށްފައި ހުރުމަކީ ޖުވެނައިލްގެ އަދުލާއި ފުށޫއަރާ ކަމެއް ކަމަށްވުމުން ވަގުތުން ވަގުތަށް އެކަމުގައި ފިޔަވަޅު އެޅުމަށް ގޮވާލާފައިވެ އެވެ. 

ކޮމެންޓް (1)

އާސްމާންސް

23 ޑިސެމްބަރު 2023
ބޮޑަށް ބެލެވެނީ ގޭންގު ކޮންޓްރޯލްގެ ދަށުން ހިނގާ ކަމަކަށް. ގޭންގުތައް ނައްތާލަން ކިތައް ދުވަސް ބޭނުންވޭތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް