ކުރީގެ ނާދީ ބިމުގައި ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ ފްލެޓްތައް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ނާދީ ފްލެޓު ހަދާ ތަނުން މަގުމައްޗަށް ވެއްޓުނު ހޮޅިއަކުން ޖެހި މީހަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައި ވަނީ، އެ ސަރަހައްދުގައި ހުންނަ ގޭގެއިން ނެރެފައިވާ ކުނި ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ އަންހެން މުވައްޒަފަކަށް ކަމަށްވޭ
20 ޑިސެމްބަރު 2023

ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން ހަދަމުން އަންނަ ފްލެޓުތަކުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ތަނުގެ މަތިން މިރޭ މަގުމައްޗަށް ވެއްޓުނު ދަގަނޑު ހޮޅިއަކުން ޖެހި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ރޯޝަނީ މަގުގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިއެއް ވެއްޓި ޖެހި، މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓް މިރޭ 7:9 ހާއިރު ފުލުހުންނަށް ލިބިފައިވެ އެވެ.

ތަފްސީލް - ފުލުހުން ބުނި ގޮތުގައި:

  • މި ހާދިސާގައި އަނިޔާވެފައި ވަނީ އަންހެނަކަށް

  • އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދޭ

"މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ސޯސަން މަގާއި ރޯޝަނީ މަގު ގުޅޭ ކަންމަތިން ކަހަލަ ގޮތަކަށް ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ، އެ ސަރަހައްދުގައި ހުންނަ ގޭގެއިން ނެރެފައިވާ ކުނި ނެގުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފަކަށެވެ.

ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކާއި އޭނާގެ ހާލަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް