އެމްޓީޔޫސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/އެމްޓީޔޫސީ)

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ދެ ބިލަކީ ވަރަށް ބޮޑު ހައްލެއް: އެމްޓީޔޫސީ

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބުނިގޮތުގައި ވަޒީފާގެ މާހައުލުގައި ޖެހޭ ގިނަ މައްސަލަތައް މީގެ ކުރިން ހައްލު ނުވެދަނީ މަޝްވަރާ ކުރުމަށް ލާޒިމުކުރާ ނިޒާމެއް ނެތީމަ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލާ އެކު، ޝަރުއީ މަރުހަލާއަށް ނުގޮސް މަޝްވަރާ އިން ހައްލު ހޯދުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މަސައްކަތްތެރިންގެ ހައްގުތަކުގެ ދިފާއުގަައި އަޑުއުފުލައި އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އެމްޓީޔޫސީން މިއަދު ވަނީ އެ ދެ ބިލު ވީހާ ވެސް އަަވަހަކަށް ތަސްދީގު ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެކަމާ ގުޅޭގޮތުން އެ ޖަމާއަތުން މިއަދު ބަޔާނެއް ވެސް ނެރުނެވެ.

އެނގުން މުހިއްމު - އެމްޓީޔޫސީގައި ހިމެނެނީ:

  • މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން (އެމްޕީޑަބްލިއުޔޫ)

  • މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަން (އެމްޖޭއޭ)

  • ޓުއަރިޒަމް އެމްޕްލޯއީސް އެސޯޝިއޭޝަން މޯލްޑިވްސް (ޓީމް)

  • ޓީޗާސް އެސޯސިއޭޝަން

  • މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)

  • ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)

ތަފްސީލް - އެމްޓީޔޫސީގެ ރައީސް މައުރޫފް ޒާކިރު ނޫސްވެރިންނަށް ވިދާޅުވީ، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ފާސް ކުރުމަށް ބާރުއަޅައި، 2013 ވަނަ އަހަރުން ފެށިގެން، މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި އެމްޓީޔޫސީގައި ބައިވެރިވާ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކާ އެކު ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. 

މައުރޫފް ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުން އެމީހުންގެ ހައްގުގައި ވާހަކަ ދެއްކުމުގެ ފުރުސަތު މިއަދާ ހަމަޔަށް ގާނޫނަކުން ލިބިދީފައި ނެތުމުން، އެ ހާލަތުގައި އެ މީހުން ނިންމާ ނިންމުންތަކާއި ސިޔާސަތުތައް ވެގެންދަނީ އެއް ފަރާތަށް ބުރަވެފައިވާ ސިޔާސަތުތަކަކަށް ކަމަށެވެ. 

ބުނީ ކީކޭ؟ - "މަސައްކަތްތެރިންގެ ހިތްވަރުގަދަކަމުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިއަދާ ހަމަޔަށް މި ސަވައިވްވީ ގާނޫނީ ރައްކާތެރިކަމެއް ނެތި ވެސް މެ. ނަމަވެސް މިއަދުން ފެށިގެން އަދި މި ގާނޫނުތައް ތަސްދީގުކުރެވޭ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެއްވެސް ބިރެއްނެތި ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު އިހުތިޔާރުކުރާ ޔޫނިއަންއެއްގައި ބައިވެރިވެ، ޔޫނިއަނެއް ހަދާ، ވަޒީފާ ދޭ ކުންފުންޏާ ނުވަތަ ސަރުކާރުތަކާ ނެގޯޝިއޭޓު ކޮށްގެން ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

އެމްޓީޔޫސީގައި ބައިވެރިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ފައުންޑަރު އަދި ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، އިއްޔެ ފާސްކުރި ދެ ބިލަކީ ވެސް މަސައްކަތްތެރިންނަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާ އެކު، މިހާރު ކަޑައްތުކުރަންޖެހޭ ޝަރުއީ މަރުހަލާގެ އުނދަގޫ ނިމުމަކަށް އައިސް، މަޝްވަރާއިން ހައްލު ހޯދުމަށް ފުރުސަތު ލިބިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގާނޫނުގެ ސަަބަބުން ޝަރީއަތަށް ނުގޮސް މަޝްވަރާކޮށްގެން ހައްލުކުރެވޭނެ ނިޒާމެއް އައުމުން މި މައްސަލަތައް ހައްލުވެގެންދާނެ. އެހެންވީމަ އެ މަރުހަލާއަށް ދިއުމުގެ ކުރީގައި މަޝްވަރާކޮށްގެން ސުލުހަވެރި ގޮތަކަށް ހައްލުކުރެވޭނެ ނިޒާމެއް މި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ސަބަބުން މި އެކުލަވާލަނީ. އެއީ ވަރަށް ބޮޑު ހައްލެއް،" ޝުނާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި:

  • ވަޒީފާގެ މާހައުލުގައި ޖެހޭ މައްސަލަތައް ހައްލުނުވެދަނީ މަޝްވަރާ ކުރުމަށް ލާޒިމުކުރާ ނިޒާމެއް ނެތީމަ؛ އެކަން އޮންނަނީ އިހުތިޔާރެއްގެ ގޮތުގައި

  • އެހާ ހިސާބުން ގިނަ މައްސަލަތަކަށް ހައްލު ހޯދަން ދާން ޖެހެނީ ޝަރީއަތުގެ މަރުހަލާއަށް؛ އެ މަރުހަލާގައި އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތައް ވެސް އެބަހުރި

  • ޝަރުއީ މަރުހަލާގައި ވެސް ހައްލު ލިބިފައިވަނީ މަޝްވަރާގެ އިހުތިޔާރު ބޭނުންކުރި މީހުންގެ މައްސަލަތައް، އެ ނޫން މައްސަލަތައް އަދިވެސް ހައްލެއް ނުވޭ

  • ޝަރުއީ މަރުހަލާ ނިމޭއިރު އެ މައްސަލައަށް ދޭން ބޭނުންވާ ހަގީގީ ފަރުވާ އާއި މަގުސަދު ގިނަ ފަހަރަށް ހާސިލެއް ނުވޭ

  • އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ތަސްދީގުވުމުން، ވަޒީފާއިން ވަކި ކުރި ނަމަވެސް އެކަމަށް އިންސާފު ހޯދަން ފަސޭހަވާނެ 

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭ ފާހަގަކުރުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން އިސް ނަގައިގެން 1 މޭ 2022 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބޭއްވި ހިނގާލުން. (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

އެނގުން މުހިންމު - އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ، މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައަޅައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތަކާއި މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލަކީ، މަސައްކަތުގެ މާހައުލުގައި ލިބޭ ގެއްލުމަށް ބަދަލު ލިބޭ ނިޒާމެއް އެކުލަވާލުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމަށް ފާސްކުރި ބިލެކެވެ.

މަސައްކަތުގެ މާހައުލުން ދިމާވެދާނެ ބަލިތައް ކަނޑައަޅައި އެފަދަ ބަލިތަކާއި އެ ނޫން ވެސް، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތަކާއި ގެއްލުންތަކުން ރައްކާތެރިކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

މި ދެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ބިލު ދިރާސާކުރި އިގްތިސޯދީ ކޮމިޓީން ގެނައި އިސްލާހުތަކަކާ އެއްގޮތަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް