މަޖިލީހުގެ މެމްބަރުން ތަޅުމުގައި: މެންބަރުންގެ މުސާރަ އާއި އިނާޔަތް ،000ރ. އަށް ބޮޑުކުރަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައި (ފޮޓޯ/މަޖިލިސް)

މަޖިލީހުގެ މެންބަރުންގެ މުސާރަ ލައްކައަކަށް ބޮޑުކުރަން ކޮމިޓީން ނިންމަައިފި

މިއަށް އަމަލު ކުރާނީ، ތަޅުމުން ފާސްކުުރުމުން އަންނަ މަހުން ފެށިން؛ އެހެން މަގާމުތަކުގެ މުސާރައަށް ވެސް ގެނައި ބަދަލުތަކާ އެކު ބޮޑު ކުރި މުސާރައިގެ އަދަދު 90 މިލިއަނަށް އަރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 1 ލައްކަ ރުފިޔާއަށް ބޮޑު ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. އޭގެ އިތުރުން ދައުލަތުގެ އެހެނިގެން މަގާމުތަކުގެ މުސާރަތައް ވެސް ބޮޑުކުރުމަށް އެ ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ވީ ކިހިނެއް؟ - މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރީ، މަޖިލީހުން ދައުލަތުގެ މުސާރަ ކަނޑައަޅާ ފަރާތްތަކުގެ މުސާރަ މުރާޖާ ކުރުމަށް އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ކޮމިޓީން އެކުލަވާލި މުސާރަތަކަށް ބަހުސްކުރުމަށް ފަހު، ބައެއް ބަދަލުތަކާ އެކު އެވެ.

މަޖިލީހުން ފާސް ކުރާ މުސާރަތަކުގައި މަޖިލިސް މެންބަރުންގެ އިތުރުން، ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންގެ މަޖިލީހާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އަދި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ހިމެނެ އެވެ. އެ އެންމެންގެ މުސާރަތައް ވެސް ބޮޑުކުރުމަށް މިއަދު ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ތަފްސީލު - މަޖިލިސް މެންބަރުންގެ މުސާރައަށް ގެންނަ ބަދަލުތަކަކީ:

  • މަޖިލީހުގެ ރައީސަށް: މުސާރައިގެ ގޮތުގައި 90،000ރ. (މިހާރު ލިބެނީ، މުސާރައިގެ ގޮތުގައި 73،125ރ.)

  • މަޖިލީހުގެ ނައިބު ރައީސަށް: މުސާރައިގެ ގޮތުގައި 88،000ރ (މިހާރު ލިބެނީ، 71،000ރ.)

  • މެންބަރުންނަށް: ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. އާއެކު ޖުމްލަ 100،000ރ. ( މިހާރު ލިބެނީ ކޮމިޓީ އެލަވަންސާ އެކު 82،500ރ.)

މީގެ ކުރިން ބޭއްވި ކޮމިޓީގެ ނުރަސްމީ ވޯކިން ޝެޝަންތަކުގައި މަޝްވަރާކުރުމަށް ފަހު ތައްޔާރު ކުރި މުސާރަތައް މުރާޖާ ކުރުމުގެ ދިރާސާ ޕޭޕަރު، މިއަދުގެ ކޮމިޓީއަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ ނައިބު މުގައްރިރު ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް އެވެ. އެ ހުށަހެޅުންތަކަށް ތާއީދު ކުރެއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒު (ކ) އަދި މެމްބަރު ޔައުގޫބް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި (ފޮޓޯ/މަޖިލިސް)

އެ ހުށަހެޅުންތަކަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރެއްވުމުން، އެ މުސާރަތަކަށް ބަދަލު ގެެންނަން ކޮމިޓީން ފާސްވިކަން، އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒު މުހައްމަދު އިއުލާން ކުރެއްވި އެވެ.

މި ބަދަލުތަކަށް އަމަލު ކުރާނީ، މަޖިލީހުގެ ތަޅުމުން ކޮމިޓީ ރިޕޯޓު ފާސްކުރުމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޮމިޓީން ފުރަތަމަ އެކުލަވާލި ދިރާސާ ކަރުދާހުގައި އޮތީ މެންބަރުންގެ މުސާރަ 102،000ރ.އާ ހަމައަށް ބޮޑުކުރުމަށެވެ. އެގޮތަށް ފާސްކުރި ނަމަ:

  • އަސާސީ މުސާރަ: 57،000ރ. (މިހާރު ލިބެނީ 42،500ރ.)

  • ލިވިން އެލަވަންސް: 25،000ރ. (މިހާރު ލިބެނީ 20،000ރ.)

  • ކޮމިޓީ އެލަވަންސަށް ދޭ 20،000ރ.އާ އެކު ޖުމްލަ މުސާރަ 102،000ރ.އަށް އަރާނެ

ނަމަވެސް ފަހުން ނުރަސްމީ މަޝްވަރާތަކަށް ފަހު ނިންމީ އަސާސީ މުސާރަ އާއި ލިވިން އެލަވަންސްއިން 2،000ރ. އުނިކުރުމަށެވެ. އެހެންކަމުން ކޮމިޓީތަކަށް މެންބަރުން ހާޒިރުވުމުން މިިހާރު ދެމުން އަންނަ 20،000ރ.ގެ ކޮމިޓީ އެލަވަންސާ އެކު މެންބަރަކަށް 1 ލައްކަ ރުފިޔާ ލިބޭނެ އެވެ.

ގުޅުން ހުރި - ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މުސާރައަށް އަންނަ ބަދަލުތައް ފާސްކުރުމުގެ ކުރިން، ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވީ، ކޮންމެ އިދާރާއެއްގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން ވަކިވަކިން ވޯޓަށް އެހުމަށެވެ. އެ ހުށަހެޅުމަށް ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ތާއީދު ކުރެއްވި އެވެ.

ނަމަވެސް އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ އެ ކޮމިޓީން އެ ހުށަހެޅުން ފާހެއްނުވި އެވެ. އެކީ އެކައްޗަކަށް ހުރިހާ އިދާރާއެއްގެ މުސާރަތަކަށް ވޯޓަށް އެހުމަށް ހުށަހެޅުއްވީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. އެމްޑީޕީ މެންބަރުން ވެސް އެ ހުށަހެޅުމަށް ތާއީދު ކުރެއްވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު (ވ2) މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އޭގެ އިތުރުން، 19 ވަނަ މަޖިލީހުން އަމިއްލައަށް އެ މެންބަރުންގެ މުސާރަ ބޮޑު ކުރުމަކީ އެންމެ ޑިމޮކްރެޓިކް އުސޫލެއް ކަމަށް ގަބޫލުނުކުރައްވާތީ، 20 ވަނަ މަޖިލީހުން ފެށިގެން މެންބަރުންގެ އާ މުސާރައިގެ އޮނިގަނޑަށް އަމަލު ކުރަން ރިޔާޒު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ތާއީދު ކުރެއްވި އެވެ. 

ނަމަވެސް އެ ހުށަހެޅުން ވެސް ފާހެއް ނުވި އެވެ. އެހެންކަމުން މި މުސާރަތައް ތަޅުން ފާސްވުމާ އެކު، އަންނަ ޖެނުއަރީ މަހުން ފެށިގެން، 19 ވަނަ މަޖިލީހުގެ ބާކީ އޮތް މުއްދަތަށް ވެސް ހިނގާނީ ބޮޑު ކުރި މުސާރަ އެވެ.

ބޮޑު ކުރި މުސާރައިގެ އަދަދު 90 މިލިއަން ރުފިޔާއަށް އަރާ

ކޮމިޓީން އެކުލަވާލި ދިރާސާ ކަރުދާހާއި ކޮމިޓީގެ ރިޕޯޓު އަދި މަޖިލީހުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިނުވާތީ، އެކަމާ ގުޅިގެން ކޮމިޓީގެ ރަސްމީ ބައިގައި ދެއްކި ވާހަކަތަކުގެ އިތުރަށް، އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.

މުސާރައަށް ވޯޓަށް އެހުމުގެ ކުރިން، ރަސްމީ ބައިގައި ވާހަކަ ދެއްކެވި ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި ދިރާސާ ޕޭޕަރުގައިވާ ގޮތުން ބަދަލު ގެންނަ މުސާރައަށް މުޅި ޖުމްލަ 90 މިލިއަން ރުފިޔާ އިތުރުވާ ކަމަށެވެ. އެހެންވެ، ހުރިހާ އިދާރާތަކުގެ މުސާރަ ބޮޑު ކުރުމާ ދެކޮޅަށް އޭނާ ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑުމެންގެ ބަޖެޓު މިހާރު މިއޮތް ހާލަތަށް ބަލާއިރު، ވަރަށް ތާށިކޮށް މި އޮތީ. ދަރަންޏަށް ހުރިހާ ކަމެއް މި ކުރަނީ. ދެން، އަޅުގަނޑަކަށް ނުފެނޭ މި ވަގުތު މި ހުރިހާ ތަނެއް އެއްފަހަރާ [މުސާރަ ބޮޑު] ކުރާކަށް،" މުސަރާތައް ބޮޑު ކުރުމާ ދެކޮޅަށް ރަސްމީ ބައިގައި ވާހަކަ ދެއްކެވި ހަމައެކަނި މެންބަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަނީ، ޖުޑީޝަރީ އާއި ކައުންސިލް ބޮޑު ކުރަން. ދެން އެހެން ހުރި ތަންތަން މިވަގުތަށް ބޮޑުކުރަން އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ."

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސް ކުރި ބަޖެޓުގައި ދައުލަތުގެ މުސާރަތައް ބޮޑު ކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ކޮމެންޓް (5)

އެމްޑީޕީ

20 ޑިސެމްބަރު 2023
މި މީހުންނަށް ހެޔޮ ޤައުމު ބަގްރޫޓުވިޔަސް.. ތަންކޮޅެއް އަމިއްލަ އެދުން ބޮޑު
0 0

ގަމީހެއް

20 ޑިސެމްބަރު 2023
@އެމްޑީޕީ ތަންކޮޅެއްތަ؟
0 0

އަންތަރީސް

19 ޑިސެމްބަރު 2023
ތި ވަރުވެސް ކުޑަ، 200،000 އަށް ހަދަން ފެނޭ. ތިޔައީ މަޖްލީހަށް ގަވާއިދުން ހާޒިރުވާ ތަޖުރިބާކާރު، ތައުލީމީ، ނަޒާހަތްތެރި އަދި ލާމަސީލު ސުލޫކެއް ހުންނަ އިއްޒަތްތެރި މެންބަރުން ވިއްޔަ
2 1

ގަމީހެއް

19 ޑިސެމްބަރު 2023
މި މީހުން ހަމަ ރަނގަޅަށްވެސް ހީކުރަނީ މީ ގައުމުގެ ވެރިންނޭ. ރައީސްއާ އެއްވަރުގެ މުސާރައެއްވިޔަ މި ނަގަން ނިންމީ.
3 1

އެއްލަދޫ

19 ޑިސެމްބަރު 2023
ސާބަހޭ އެމްޑީޕީ...
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް