17 ނޮވެމްބަރު 2023: ރާއްޖޭގެ އަށް ވަނަ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ފަތުވާ ކައުންސިލް އަލުން ފަށައިގަނެ ފުރަތަމަ ނިންމުން: ގައުމީ ސަލާމް ކިއުމަކީ ހުއްދަ ކެމެއް

ފަތުވާ މަޖިލީހުން ބުނީ ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް ބޭއްވުމަކީ ދީނީ އަޅުކަމަކާ ގުޅުމެއް ނެތް ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ކަމެއް ކަމަށް

މެމްބަރުން ހަމަނުވުމުގެ ސަބަބުން މަސައްކަތްތައް ހުއްޓިފައި އޮތް ފަތުވާ ކައުންސިލް އަލުން ފަށައި ގައުމީ ސަލާމް ކިއުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ފަތުވާ މަޖިލީހުން މިގޮތަށް ނިންމާފައި ވަނީ، އެކިއެކި މުނާސަބަތުތަކުގައި ގައުމީ ސަލާމް ކިއުމާއި، ގައުމީ ދިދައަށް ސަލާމް ކުރުމާއި، ގައުމީ ސަލާމް ކިޔަވާ ވަގުތު ކޮޅަށްތެދުވެހުރުމާއި، ގައުމީ ސަލާމް ކިޔަމުންދާ ވަގުތު މޭމަތީގައި އަތް ބޭއްވުމާ ބެހޭ ގޮތުން މިއަދު ފަތުވާ ކައުންސިލުން ނެރެފައިވާ ފަތުވާގަ އެވެ.

ބުނީ ކީކޭ؟ - އެ މަޖިލީހުން މިއަދު ނެރެފައިވާ ފަތުވާގައި ބުނީ، އެގޮތަށް ކަނޑައަޅާފައި ވަނީ، އެ މައްސަލަ ޝަރުއީ މަސްދަރުތަކުގެ އަލީގައި ފަތުވާދޭ މަޖިލީހުގެ މެމްބަރުން ދިރާސާ ކުރުމުންނާއި، އިސްލާމީ ފަތުވާދޭ ބައިނަލްއަގުވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމަށް ފަހު ކަމަށެވެ.

އެ ބެލި ބެލުމަށް ރިއާޔަތްކޮށް ނެރެފައިވާ އެ ފަތުވާގައި ބުނެފައި ވަނީ:

  • ގައުމީ ސަލާމް ކިޔާއިރު ޝަރުއީ އަޅުކަމެއް އަދާކުރުމުގައި ހަށަމަށް ދެއަތް ބަނދެގެން ހުންނަ ގޮތް ނޫން ގޮތަކަށް މޭމަތީގައި އަތްދަނޑި ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން

  • އެއީ އާދަކާދައާ ގުޅީފައިވާ ކަމެއް

"އެހެންކަމުން މި މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ،" ފަތުވާގައި ބުނެފައި ވެއެވެ.

އެނގުން މުހިންމު - އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފަތުވާ ކައުންސިލްގެ މެމްބަރުން ހަމަނުވެ، ހުސްކަމެއްގެ ތެރޭގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މެމްބަރުން ހަމަނުވާތީ އެ ތަނުގެ މަސައްކަތްތަށް އޮތީ ނުހިނގަ އެވެ. ފަތުވާ ކައުންސިލް "ޕެރެލައިޒްކޮށްފައި"ވާ ކަމަށް ބުނެ، އެކަން ނިމުމަކަށް ގެނެސް، ފަތުވާ ކައުންސިލްގެ މަސައްކަތްތައް ފެށުމަށް ތަކުރާރުކޮށް ގޮވާލަމުން އޭރު ދިޔަ އެވެ. 

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަހްމަދު މިފަހުން 'ދައުރު' އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވަނީ އެ މަޖިލިސް އަލުން ފަށައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމާއި، އެ މަޖިލިސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް