ފުށިދިއްގަރު ހިއްކަނީ
ފުށިދިއްގަރުގައި ހަދާ ސަހަރަކީ 'ރަސްމާލެ'؛ ދުނިޔެއަށް ނަމޫނާއަކަށް ވާނެ
މުޅިންއާ ސިޓީއެއް ނުވަތަ ސަހަރެއްގެ ގޮތުގައި މި ސަރުކާރުން ފުށިދިއްގަރު ހިއްކައިގެން ތަރައްގީ ކުރާ ސަހަރުގެ ނަމަކީ 'ރަސްމާލެ' ކަމަށާއި އެއީ މުޅި ދުނިޔެއަށް ނަމޫނާ 'މޯލްޑިވްސް އިކޯ ސިޓީ'ގެ ގޮތުގައި ވެގެން ދާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރުފަޅު މިއަދު ވަނީ ހިއްކަން ފަށައިފަ އެވެ. އެފަޅުގައި އަޅާފައި އޮތް ބާޖެއްގައި ހުންނަވާ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް މުއިއްޒު އެވެ. އެއަށް ފަހު ރައީސް ވަނީ ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ އާ ސަހަރުގެ ޕްލޭން ވިދާޅުވެ ދެއްވައިފަ އެވެ.
ތަފްސީލް - ރައީސް މުއިއްޒު ވިދާޅުވީ ފުށިދިއްގަރުފަޅުން މިއަދު ހިއްކަން މި ފަށަނީ 1،153 ހެކްޓަރުގެ ބިން ކަމަށެވެ. އެއީ ހުޅުމާލެއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު މި ފަށާ ގޮތަށް ނުހުއްޓި ގޮސްފި ނަމަ 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް،" މިއީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ބިން ހިއްކުމުގެ އަދި ގެދޮރުވެރިކަމުގެ މަޝްރޫއުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.
"މިތަން ތަރައްގީ ކުރާނީ ރަސްމާލޭގެ ނަމުގައި."
އެ ސަހަރު ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަން ފާހާގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ ޒީރޯ ކާބަން ސަހަރަކަށް ހައްދަވާނޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ:
-
އެ ރަށާ ކައިރީގައި އޮންނަ ފަޅުގައި މަތިންދާ ބޯޓް ޖެއްސޭނޭ ގޮތަށް އެއާސްޓިރިޕެއް ގާއިމްކުރާނެ؛ އެތަނާ ރަސްމާލެއާ ބްރިޖަކުން ގުޅާލާނެ
-
ގޯތި ފްލެޓް ހިމެނޭ ގޮތުން 65،000 ހައުސިން ޔުނިޓް ގާއިމްކުރާނެ
-
އެ ސަހަރު ދުނިޔެއަށް ޕްރޮމޯޓް ކުރާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި
-
އެ ސަހަރަށް ދަތުރުކުރަން ޒަމާނީ ހައިސްޕީޑް ފެރީ ނިޒާމެއް ގާއިމްކުރާނެ؛ އެ ފެރީތަކަކީ ރާޅާއި އޮއިގައި ނުޖެހި ދަތުރުކުރާ ޓެކްނޮލޮޖީ ހިމެނޭ ފެރީ ތަކަކަށް ވާނެ
-
އެ ސަހަރުގައި ހަކަތަ އުފެއްދުމާއި ދަތުރުފަތުރުގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް
"މިއީ ތާ އަބަދަށް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދޭނޭ މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.
"މިތަން ވެގެން ދާނީ ދޮރުގެ މަންޒިލަކަށް، ވަޒީފާގެ މަންޒިލަކަށް އާމްދަނީގެ މަންޒިލަކަށް. މިތަނަކީ އިންކްލޫސިވް ޑިވަލޮޕްމަންޓެއްގެ ގޮތުގައިވާނެ."
ކޮމެންޓް (1)
ކަޅުހުއްތު