ސޯޝަލް މިނިސްޓަރު އައިޝަތު ޝިހާމް. (ދައުރު ފޮޓޯ)

އެހީއަށް އެދި ގުޅާ މީހުންނަށް އަވަހަށް ޖަވާބުދޭނަން: އައިޝަތު ޝިހާމް

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީއަށް ގުޅާ މީހުންނަށް ފަސޭހަ ނިޒާމުތަކެއްގެ ތެރެއިން ޖަވާބުދާރީވާ ތަނަކަށް މިނިސްޓްރީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

ކަންބޮޑުވުންތަކާއި މައްސަލަތާ އެކު އެހީތެރިކަން ހޯދުމަށް ގުޅާ މީހުންނަށް ފަސޭހައިން ގުޅޭނެ ނިޒާމެއް ފަހިކޮށް، އަވަަހަށް ޖަވާބުދާރީވާ ތަނަކަށް ހަދާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެެ އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މިނިސްޓްރީއަށް އެކިއެކި މައްސަލަތަކާ ގުޅިގެން އެހީތެރިކަމަށް އެދި ގުޅާ މީހުންނަށް މިނިސްޓްރީން ޖަވާބުދާރީ ނުވާ ކަމުގެ ޝަކުވާ ބޮޑެވެ. އަންހެނަކު އޭނާގެ ކުޑަ ދެ ކުދިންނާ އެކު ބޭރަށް ނެރެލާފައި ހުންނަތާ 2 ގަޑިއިރަށް ވުރެ ގިނައިރުވީއިރު އޭރުގެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ނުދިނުމާއި އެ މިނިސްޓްރީއަށް ގުޅުމުން ރަސްމީ ވަގުތު ނޫން ކަމަށް ބުނެ އެހީތެރިކަން ފޯރުކޮށް ނުދިން މައްސަލައެއް މި އަހަރުގެ ތެރޭގައި ރަށެއްގައި ވަނީ ފެންމަތިވެފަ އެވެ.

ބުނީ ކީކޭ؟ - މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، މިނިސްޓްރީއަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދުމާ މެދު މިނިސްޓަރު ވިސްނުން ގެންގުޅުއްވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމުން އައިޝަތު ޝިހާމް ވިދާޅުވީ، އެ މިނިސްޓްރީ އަކީ އެހީތެރިކަމަށް އެދޭ މީހުންނަށް އަވަހަށް ޖަވާބުދާރީވާ ތަނަކަށް ހެދިއްޖެ ނަމަ އިތުބާރު ހޯދިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖެނުއަރީން ފަށައިގެން ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ގުޅާ ފޯން ކޯލްތައް ނަަގައި އެއަށް ޖަވާބުދާރީވުމާ އެކަހަލަ ސިސްޓަމްތަކަކަށް މިހާރު މަސައްކަތް ކުރަމުން އެެބަދަން. އެއީ މީހަކަށް ދަތިވެގެން ފޯނެއް ކުރާ ވަގުތު އެއަށް ޖަވާބު ނުދެވޭ ކަމަށް ވަންޏާ އެ މީހަކަށް ވަރަށް ދަތި ކަމަކަށް ވާނީ،" މިނިސްޓްރީން ޖަވާބުދާރީވާ ގޮތް ރަނގަޅު ކުރުމަށް ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ ބޭނުންތަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްނުދެވޭ މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން، އެހީތެރިކަން ބޭނުންވާ މީހުންނާ ވާހަކަދައްކައި އެ މީހުންގެ ބޭނުންތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން

  • އެހީތެރިކަމަށް ބޭނުންވެފައިވާ އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ދަފްތަރެއް އެކުލަވާލުން

  • ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން، ރަށްރަށުގައި ތިބޭ އެފަދަ މީހުން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދެންވީ ގޮތްތައް ދެނެގަތުން

"އެ [އެހީތެރިކަން ބޭނުންވާ] މީހުން، އެ އެދޭ ކަންތައް ނުވަތަ [މިިނިސްޓްރީ އަކީ] ޖަވާބުދާރީވާ ބައެއް ކަމަށް ފާހަގަވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ މައްސަލަތައް ހައްލުކުރަން ފަސޭހަވެ، މިނިސްޓްރީއަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ކަމަށް،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަސަންތަކުރު

22 ޑިސެމްބަރު 2023
ކޮބާ މެއިލުތަކައް ސިޓީތަކައް ޖަވާބު ދިނުން؟ ގޮސް އެތައް މަހެއް ވާއިރު ހިރިވާނުލާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް