ކުވޭތުގެ އަމީރު ޝެއިހް ނަވާފް އަލް-އަހްމަދު އަލް-ޖާބިރު އަލް-ސަބާހް.

ކުވޭތުގެ އަމީރުގެ މައްޗަށް މިރޭ ރާއްޖޭގައި ކަށުނަމާދު ކުރަނީ

އެ މަނިކުފާނުގެ މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި

އިއްޔެ އަވަހާރަވި ކުވޭތުގެ އަމީރު ޝެއިހް ނަވާފް އަލް-އަހްމަދު އަލް-ޖާބިރު އަލް-ސަބާހްގެ މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު މިރޭ ރާއްޖޭގައި ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އުމުރުފުޅުން 86 އަހަރުފުޅުގައި ކުވޭތުގެ އަމީރު ޝެއިހް ނަވާފް އަވަހާރާވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުވޭތުގައި ބާއްވާން ނިންމާފައިވަނީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 9 ޖަހާއިރު އެވެ.

ތަފްސީލް - އިސްލާމިކް މިނިސްޓްރީން ރޭ ބުނީ، ކުވޭތަކީ ރާއްޖެއާ ގާތް، އަހުވަންތަ ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، އެ ގައުމުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނު މައްޗަށް ގައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ބަޔަކު އެ ނަމާދުގައި ބައިވެރިވުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނަވާފް އަވަހާރަވުމާ ގުޅިގެން ކުވޭތުން ވަނީ 40 ދުވަހުގެ މުއްދަތަކަށް ހިތާމަ ފާޅުކުރުމާ އެކު، ތިން ދުވަސް ވަންދެން ރަސްމީ އިދާރާތައް ބަންދުކުރަން ނިންމާފަ އެވެ.

ރާއްޖޭގައި ވެސް އެ ކަމުގެ ހިތާމާގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފަ އެވެ.

އެ މަނިކުފާނު އަވަހާރާވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވެސް ވިދާޅުވީ، ނަވާފުގެ ވެރިކަމުގައި، ރާއްޖެ އާއި ކުވޭތާ ދެމެދު ވަރަށް ގާތް ގުޅުމެއް ދެމެހެއްޓެވި ކަމަށާއި، އެ ގުޅުން ބިނާވެފައި ވަނީ، އިތުބާރާއި އިހުތިރާމާއި ސުލްހަމަސަލަސްކަމާއި ތަނަވަސްކަމާއި އެއްބަނޑު އެއްބަފާ ކަމުގެ މައްޗަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް