ނައިފަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އާރުސީސީ)

ފެނާއި ނަރުދަމާ

ނައިފަރަށް ފެން ލިބިއްޖެ، އެކަމަކު 'އެއީ ވަގުތީ ހައްލެއް'

ދާއިމީ ހައްލެއް ހޯދުމަށް ރަށުގައި އިތުރު ފެން ޕްލާންޓެއް ބަހައްޓަން ޖެހޭ
16 ޑިސެމްބަރު 2023

ޅ. ނައިފަރުގައި ފެނުގެ ހިދުމަތް ކެނޑިފައި އޮތުމަށް ފަހު، ރޭ ފަތިހު 4 ޖަހާ އެހާކަންހާއިރު ފެނުގެ ހިދުމަތް ދޭން ފަށާފައިވީ ނަމަވެސް، މިވަގުތަށް ލިބިފައިވަނީ ވަގުތީ ހައްލެއް ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ނައިފަރުގެ ފެނުގެ ހިދުމަތް ކެނޑިފައިވާކަން ރޭ 1  ޖަހާއެހާކަންހާއިރު ފެނަކައިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ހިދުމަތް ދިނުމަށް ބޭނުންވާ ފެން އުފެއްދުމަށް ފަހު، ރޭ ފަތިހު ފެން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ބުނީ ކީކޭ؟ - ނައިފަރު ކައުންސިލުގެ މެމްބަރު އަބްދުﷲ ހަސަން މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ރޭ ފަތިހު ފެނުގެ ހިދުމަތް ވަނީ ލިބެން ފަށާފައިފަ އެވެ. އެހެން ނަމަވެސް، މިއީ ވަގުތީ ހައްލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"[އަނެއްކާ ވެސް] ކޮންމެ އިރަކު ވެސް ފެން ކެނޑިދާނެ. [ފެން ކެނޑުމުގެ މައްސަލަ] މުޅިން ރަނގަޅުވާނީ ދާއިމީ ހައްލެއް ލިބިގެން،" އޭނާ ވިދާޅުވި އެވެ.

ނައިފަރުގައި ހުންނަ ފެނަކަ ފެން ޕްލާންޓުގެ ސުޕަވައިޒަރު މޫސާ ރަމްޒާން ވެސް 'ދައުރު'އަށް ވިދާޅުވީ، އަނެއްކާ ވެސް ފެން ކެނޑޭނެ ކަމަށެވެ.

"އެ ވާ ގޮތަކީ މިރަށުގައި 100 ޓަނުގެ ދެ ޕްލާންޓު މި އިންނަނީ. ހުއްޓާ ނުލާ މަސައްކަތް ކުރާ ގޮތަށް ޕްލާންޓުތައް ހިންގާފައި ހުންނާތީ މި ޕްލާންޓުތަކުގެ މެއިންޓަނަންސް މަސައްކަތްތައް ވެސް ނުކުރެވެނީ. އެހެންވެ، އަސްލު [ޕްލާންޓުން] އުފައްދަން ވާ ވަރަށް ނުއުފެއްދެނީ ފެން ވެސް،" އޭނާ ވިދާޅުވި އެވެ.

ނައިފަރަކީ ރާއްޖޭގައި ފަސް ވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަކުރައްވާ ރަމްޒާން ވިދާޅުވީ، ރަށުގައި ބަހައްޓާފައި ހުރީ އާބާދީއާ ނުބައްދަލު، ޒަމާނަށް ނުފެތޭ ފެން ޕްލާންޓްތަކެއް ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ނައިފަރުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ، ނައިފަރުގައި ކޮންމެހެން ވެސް 200 ޓަނުގެ ފެން ޕްލާންޓެއް ބަހައްޓައިގެންނެވެ.

އެގޮތުން، މިދިޔަ އަހަރުން ފެށިގެން ވެސް ނައިފަރުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އެއްވެސް ކަހަލަ ދާއިމީ ހައްލެއް ނުވެއް ލިބޭ. އެއްވެސް ކަހަލަ މަސައްކަތްތަކެއް ނުކުރެވޭ އިތުރަކަށް،" އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މިތަނަށް ބޮޑު ޕްލާންޓެއް ގެނެސްގެން ރައްޔިތުންނަށް މިކަމުން އަރައިގަނެވޭނީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް