ބޭސްތައް ގަޑުބަޑުކޮށްފައިވޭތޯ ބެލުމަށް ޓެސްޓުކުރަނީ

ވިހަ މާއްދާ ހުރި ބޭސްތައް ހޯދުމުން ޑަބްލިއުއެޗްއޯގެ ތައުރީފް ރާއްޖެއަށް

ޑަބްލިއުއެޗްއޯއިން ބުނީ، ރާއްޖެ އަކީ އެ ފަދަ ބޭސް ދެނެގަންނަ އެކަށައަޅާފައިވާ އާ ގޮތް ބޭނުންކޮށްގެން މިފަދަ ތަގައްޔަރުކޮށްފައިވާ ވިހަ މާއްދާތަކެއް ހުރި ބޭސްތަކެއް ހޯދި ފުރަތަމަ ގައުމު ކަމަށް

ބޭސް އުފެއްދުމުގައި އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެ ވިހަ މާއްދާތަކެއް ކަމަށްވާ، ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އާއި އިތައިލީން ގްލައިކޯލް (އީޖީ) އަޅައިގެން ގަޑުބަޑުކޮށްފައިވާ ބޭސްތަކެއް ހޯދައި އެކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން ކުރި މަަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އިއްޔެ ތައުރީފްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ދެ ވިހަ މާއްދާ ހުރިކަން އެމްއެފްޑީއޭއަށް ދެނެގަނެވުނީ، މިދިޔަ އަހަރުގެ ފަހުކޮޅު ގެމްބިއާ އާއި އިންޑޮނޭޝިއާގައި ހިނގި ބޭސް ވިހަވުމުގެ ހާދިސާތަކަށް ފަހު ޑީއީޖީ އަދި އީޖީއާ މެދު ސަމާލުވުމަށް މިދިޔަ ޖެނުއަރީގައި ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެއަށް ކުރި އިންޒާރުތަކާ ގުޅިގެން، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މިންގަނޑުތައް އިސްލާހުކޮށް އެޅި ވަރުގަދަ ފިޔަވަޅުތަކާ އެކު އެވެ.

  • ރާއްޖޭގައި ޓެސްޓު ކުރުމުގެ ގާބިލުކަން އުފައްދަން އެ އެމްއެފްޑީއޭ އިން ފެށި މަސައްކަތް ނިންމައި ރާއްޖޭގައި ބޭސް ޓެސްޓް ކުރެވޭނޭ ނިޒާމެއް ގާއިމް ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހު 

  • ޓެސްޓިން ނިޒާމު ގާއިމްކުރުމާ އެކު، މިދިޔަ ޖޫންގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައި ހުރި ބޭސްތައް ޓެސްޓްކުރަން ފެށި؛ ރާއްޖޭގައި ހެދި ޓެސްޓްތަކުން، ޕާކިސްތާނުގެ ޕާމިކްސް ލެބޯޓްރީގެ ސިރަޕްތަކުން އެ ދެ ވިހަ މާއްދާ ފެނުމާ އެކު، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެ އިން މުޅި ދުނިޔެއަށް އެލާޓް ކުރި 

  • ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީއަށް ވެސް އެންގި؛ އެ ހިސާބުން ޕާކިސްތާނާއި ދުނިޔޭގެ އެކި ގައުމުތަކުގެ އިދާރާތަކުން އެ ކުންފުނީގެ ސްކްރީނިންތައް ފެށި 

  • ޕާކިސްތާނުން ހެދި ޓެސްޓްތަކުން، އެ ކާރުހާނާ އިން އުފެއްދި އެކި ބޭސްތަކުން ވިހަ މާއްދާ ފެނުމާ ގުޅިގެން އެ ކުންފުނި މިހާރު ވަނީ ގައުމުތަކުގައި ބްލެކް ލިސްޓުކޮށްފައި

  • އެ ކުންފުނީގެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާ ބޭނުންކުރުން އިއްޔެ ވަނީ ދާއިމީކޮށް މަނާކޮށްފައި

ބުނީ ކީކޭ؟ - ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ މުހިންމު ބޭސްތަކަކުން އެ ނުރައްކާތެރި ވިހަ މާއްދާ އެކުލެވޭކަން ދެނެގަތުމަށް މަދު ވަސީލަތްތަކާ އެކު ވެސް ރާއްޖެ އިން ކުރިއެރުން ހޯދާފައިވާތީ، އެމްއެފްޑީއޭ އިން ކުރި މަސައްކަތަށް، ޑަބްލިއުއެޗްއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ތައުރީފްކޮށްފަ އެވެ.

ބޭހުގައި ބޭނުން ކުރުން މަނާ އަދި އެހާމެ ނުރައްކާތެރި ވިހަ ދެ މާއްދާ ފެނިފައިވަނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދައި ރާއްޖެ އެތެރެކުރި ސިޓްރިޒެން ސިރަޕެއް ކަމަށްވާ 'އެލާގޯ'ގެ ބެޗަކުންނެވެ. އޭގެ ފަހުން ރާއްޖެއިން ޓެސްޓުކުރި ފާމިކްސްގެ 27އަށް ވުރެ ގިނަ ބޭހުގައި ވެސް އެ ވިހަ މާއްދާތައް އެކުލެވޭކަން ވަނީ ކަށަވަރުވެފަ އެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނުގައިވާ ގޮތުން:

  • މި ވިހަ މާއްދާތަކަކީ އިންޑަސްޓްރިއަލް ސޮލްވެންޓް އަދި އެންޓިފްރީޒް އެޖެންޓްގެ ގޮތުގައި ބޭނުންކުރާ ގެއްލުން ހުރި މާއްދާތަކެެއް 

  • ހާއްސަކޮށް، ކުޑަކުދިންނަށް އެ މާއްދާ އެކުލެވޭ އެއްޗެއް ކުޑަ މިންވަރަކަށް ވެސް ބޭނުން ކުރެވިއްޖެ ނަމަ، ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ

ޑަބްލިއުއެޗްއޯ އިން ބުނީ، ރާއްޖެ އަކީ ވަސީލަތްތައް މަދު، ނޭޝަނަލް ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީ (އެންކިޔުސީއެލް)ގެ ޒަރިއްޔާއިން ސްކްރީނިން ކުރުމަށް އެހީތެރިވުމަށް ތަރައްގީކުރި އާ ސްކްރީނިން މެތަޑު ބޭނުންކޮށްގެން ސިރަޕްތަކުން މިފަދަ ތަގައްޔަރުކޮށްފައިވާ ވިހަ މާއްދާތަކެއް ހޯދި ފުރަތަމަ ގައުމު ކަމަށެވެ.

ގަޑުބަޑުކޮށްފައިވާ ބޭސްތަކާ ގުޅިގެން މައުލޫމާތު ދިނުމަށް އެމްއެފްޑީއޭއިން ބޭއްވި މައުލޫމާތު ސެޝަންގެ ތެރެއިން. (ފޮޓޯ/ހެލްތު މިނިސްޓްރީ)

އެ ވިހަ މާއްދާ ދެނެގަނެވުމާ އެކު، ބޭހުގައި ވިހަ މާއްދާ އެކުލެވޭ މިންވަރު ޓެސްޓުކުރުމަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ލެބޯޓްރީ ޓެސްޓިން މެދުވެރިކޮށް ބެލިބެލުމުން، އެ ބޭސްތަކުގައި 0.62 އާއި 0.82އާ ދެމެދުގެ މިންވަރަކަށް އެ ވިހަ މާއްދާ ހުރިކަން ދެނެގަނެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ:

  • މި ބޭސްތަކުގައި އެ ވިހަ އެކުލެވިގެންވާކަން ދެނެގަނެވުމަކީ ހަމައެކަނި ރާއްޖެއަށް އޮތް ނުރައްކާ ކުޑަކުރުމަށް ލިބުނު އެހީތެރިކަމެއް ނޫން 

  • އިތުރު ހަތަރު ގައުމެއްގައި ވެސް އެ އުފެއްދުންތައް މާކެޓްކޮށްފައިވާތީ، މި ހޯދުނު ހޯދުމުގެ އަލީގައި ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދިޔަ

"ޑަބްލިއުއެޗްއޯއާ ގުޅިގެން ރާއްޖޭގެ އެފްޑީއޭއިން މި ކުރި މަސައްކަތަކީ ތައުރީފް ހައްގު ކާމިޔާބު މަސައްކަތެއް. މި ކަމުން ދޭހަކޮށްދެނީ ތަގައްޔަރުވެފައިވާ ބޭސްތަކުގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ގުޅިގެން މަސައްކަތް ކުރުމާއި ހަރުދަނާ، އަވަސް ފިޔަވަޅުތަކުގެ މުހިންމުކަން" ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ނަޒްނީން އަންވަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - މިހާތަނަށް ދުނިޔޭގައި ހިނގާފައިވާ، ބޭސް ވިހަވެ މަރުވުމުގެ އެންމެ ބޮޑެތި ހާދިސާތައް ހިނގާފައި ވަނީ ޑީއީޖީ އަދި އީޖީ ކެމިކަލް އަޅައި ގަޑުބަޑުކޮށްފައިވާ ބޭސްތަކުގެ ސަބަބުންނެވެ.

ބޭހާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދުނިޔޭގެ އެންމެ ހަރުދަނާ އުސޫލުތައް އޮންނަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ވުޖޫދުކުރީ ވެސް 1937ގައި އެމެރިކާގައި ހިނގި ބޭސް ވިހަވުމުގެ ބޮޑު ހާދިސާއަކަށް ފަހު އެވެ. އެ ފަހަރު އެމެރިކާގައި 100އަށް ވުރެ ގިނަ މީހުން މަރުވީ އިންފެކްޝަންތަކަށް އޭރު އާންމުކޮށް ދެމުން އައި ސަލްފަނަމައިޑް ބޭސް އުފެއްދުމުގެ ތެރޭ ޑީއީޖީ އަދި އީޖީ ކެމިކަލް އަޅައި ގަޑުބަޑު ކުރުމުންނެވެ. 

މި ކެމިކަލްތައް ކިތަންމެ ވިހަ ނަމަވެސް އަދި ބޭނުން ކުރުން މަނާ ނަމަވެސް ބައެއް ކާރުހާނާތަކުން ދޭތެރެ ދޭތެރެއިން ބޭސް ގަޑުބަޑުކުރުމަށް މި ކެމިކަލް ބޭނުން ކުރަނީ ހަރަދު ކުޑަކޮށް ވިޔަފާރީގެ ފައިދާ އިތުރުކުރުމަށެވެ.

ހާއްސަ ގޮތެއްގައި ކުޑަކުދިންނަށް ދޭ ސިރަޕް އުފެއްދުމުގައި ޑީއީޖީ އަދި އީޖީ ބޭނުން ކުރަނީ ސިރަޕްތަކުގައި ފޮނި ރަހަ ލެއްވުމަށް އަސްލު ބޭނުންކުރަން ޖެހޭ ގްލިސަރޯލް ނަމަކަށް ކިޔާ މާއްދާއެއްގެ ބަދަލުގަ އެވެ. ޑީއީޖީ އަދި އީޖީ އަކީ ވެސް ފޮނި ރަހަ ލާ، ގާތްގަނޑަކަށް އެއްގޮތް ސިފަތަކެއް ހުންނަ ކެމިކަލްތަކެކެވެ. އެކަމަކު މިއީ ޒަހަރު ފަދަ އިންޑަސްޓްރިއަލް ލެވެލްގެ ދެ ކެމިކަލް އެވެ.

ޑީއީޖީ އަދި އީޖީގެ ގިނަ މިންވަރެއް އަޅާފައިވާ ބޭހެއް ދެވިއްޖެ ނަމަ، 24 ގަޑިއިރު ތެރޭ ކުޑަކުދިންގެ ކިޑްނީ ހަލާކުވެ މަރުވެ އެވެ. މި ވިހައިގެ ކުޑަ މިންވަރެއް ބޭނުންކޮށްފައިވީ ނަމަވެސް، ދިގު މުއްދަތެއްގައި އެފަދަ ބޭހެއް ބޭނުންކޮށްފައިވާ ނަމަ، އޭގެ އަސަރު ކުޑަކުދިންނަށް ކޮންމެވެސް ޒަމާނަކުން ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ހަޔާތުގެ ވަކި ހިސާބަކުން ކިޑްނީ ފެއިލްވުން ނުވަތަ ބައެއް ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް