'އަމާން ދޯދި' އެކްސްޕީރިއެންސް ޔުނިޓުތައް އިފްތިތާހު ކުރުން. (ފޮޓޯ/އެފްޑީސީ)

އެފްޑީސީގެ 'އަމާން ދޯދި' ފްލެޓުތައް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

'އަމާން ދޯދި' ޕްރޮޖެކްޓުން ޖުމްލަ 16 ޓަވަރު އަޅާއިރު، އެ ޓަވަރުތަކުގައި ދެ ކޮޓަރީގެ 600 ފްލެޓާއި ތިން ކޮޓަރީގެ 1،400 ފްލެޓް ހުންނާނެ
14 ޑިސެމްބަރު 2023

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އަޅަން ފެށި ފްލެޓުތަކުގެ ތެރެއިން 'އަމާން ދޯދި' ފްލެޓްތަކުގެ އެކްސްޕީރިއަންސް ޔުނިޓުތައް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިއްޔެ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - އަމާން ދޯދި ޓަވަރު 16ގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕީރިއެންސް ޔުނިޓުތައް އިފްތިތާހުކޮށްދެއްވީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

'އަމާން ދޯދި' އެކްސްޕީރިއެންސް ޔުނިޓުތައް އިފްތިތާހު ކުރުން. (ފޮޓޯ/އެފްޑީސީ)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އެ ކުންފުނިން އިމާރާތްކުރަމުން އަންނަ 4،000 ހައުސިން ޔުނިޓްތައް ހަލުވި ސްޕީޑެއްގައި ނިންމައި ފްލެޓް ލިބުނު ރައްޔިތުންނަށް އެ ފްލެޓްތައް ހަވާލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލު - އެކްސްޕީރިއެންސް ޔުނިޓުތައް ހުންނާނީ އަމާން ދޯދި ޓަވަރު 16ގެ ދެ ވަނަ ފަންގިފިލާގަ އެވެ. އެ ޔުނިޓުތައް ބަލާލަން ދާން، އެފްޑީސީގެ އެކްސްޕީރިއެންސް ޔުނިޓު ބުކިން ޕޯޓަލް މެދުވެރިކޮށް ބުކް ވެސް ކޮށްލެވޭނެ އެވެ.

'އަމާން ދޯދި'

  • ޖުމްލަ 16 ޓަވަރު ތަރައްގީ ކުރާނެ

  • އެ ޓަވަރުތަކުގައި ހިމެނޭނީ ދެ ކޮޓަރީގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 1،400 ޔުނިޓު

  • ދެ ކޮޓަރީގެ ޔުނިޓްތަކުގައި ހުންނާނީ 650 އަކަފޫޓު، ތިން ކޮޓަރީގެ ޔުނިޓުތަކުގައި ހުންނާނީ 900 އަކަފޫޓު

އެނގުން މުހިންމު - އެފްޑީސީއިން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ޖުމްލަ 4،000 ޔުނިޓު ތަރައްގީކުރަމުން އަންނައިރު، އެ ޔުނިޓުތައް ހަވާލުކުރާނީ، އެ ކުންފުނިން ބުނާ ގޮތުގައި ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު އެވެ. އެގޮތުން ފަންކާ، ކުޑަދޮރާއި ދޮރު ހަރުކޮށް، މުށި ޖަހައި ކުލަ ލައި ފާހާނާ ތަށްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް