މިދިޔަ ޖުލައި މަހު ފުވައްމުލަކު ފަރަށް، އެމްއެމް އެކްސްޕޯޓުގެ ބާޖެއް އަރާފައި. މައްސަލަ ތަހުގީގު ކުރުމުގެ ކުރިން މި ބާޖު ވަނީ ރާއްޖެއިން ފުރާފައި.

ތިމާވެށި

ފުވައްމުލަކު ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ އަގު 162 މިލިއަން ރުފިޔާ އަށް އަރާ، ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން އެންމެ ބޮޑުކޮށް ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާ އިން
14 ޑިސެމްބަރު 2023

ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ހިލަވެލި ހިފައިގެން ގޮސް އުޅެނިކޮށް ފަރަށް އެރުމުން ފިލައިގެން ދިޔަ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓުކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައިސްފައިވާ 'އޮލިމްޕިކް ކަންޑިލޯ' ނަމަކަށް ކިޔާ ބާޖު މިދިޔަ ޖުލައި މަހު ފުވައްމުލަކު ފަރަށް އަރައި އެ ބާޖަށް ބަރުކޮށްފައިވާ ބޮޑު ހިލަތައް ވަނީ ފަރުމައްޗަށް އެޅިފަ އެވެ.

އެ ބާޖުގެ މައްސަލަ އީޕީއޭއަށް ތަހުގީގު ނުކުރެވިގެން އުޅެނިކޮށް ބާޖު ފުންކޮށްގެން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އެހެންވެ، އީޕީއޭއިން އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައިވެ އެވެ.

ތަފްސީލް - އީޕީއޭއިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ހާދިސާގައި ފަރަށް ލިބިފައިވާ ގެއްލުން ބަލައި ވަޒަންކުރުމަށް އެ އިދާރާއިން ކުރި ސާވޭ އިން ދެއްކި ގޮތުގައި:

  • ފުވައްމުލަކު ފަރުގެ 4،306 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

  • ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

އެހެންކަމުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމުން، ޖޫރިމަނާގެ ބަދަލުގެ އަދަދު 162 މިލިއަން ރުފިޔާއަށް އަރާ ކަމަށް އީޕީއޭ އިން ބުންޏެވެ. 

ނަމަވެސް، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، އީޕީއޭ ނިންމީ:

  • ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން

  • ޖޫރިމަނާ ފައިސާ ދައްކަން ސަރުކާރު ބަންދު ދުވަސް ހިމަނައިގެން 30 ދުވަސް ދީފައިވޭ

ބާޖު ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާއާ ގުޅިގެން އިސްތިއުނާފު މަރުހަލާ ނިމުމުން އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ފާހަގަކޮށްލެވޭ - އެކި މަޝްރޫއުތަކުގެ މަސައްކަތް ކުރުމުގެ ތެރެއިން ބާޖު ފަރަށް އަރައިގެން ލިބޭ ގެއްލުމުގައި މީގެ ކުރިން ވެސް އީޕީއޭއިން ވަނީ އެންމެ ބޮޑު އަދަދުން ބައެއް ހާލަތްތަކުގައި ޖޫރިމަނާ ކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް