މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑިމޮކްރެޓްސްގެ ސައިފް، ކެންޑިޑަސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނީ (ފޮަޓޯ/ ދެން)

މޭޔަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓްސްގެ ސައިފު ފޯމު ހުށަހަޅުއްވައިފި

ސައިފްއާ އެކު ޑިމޮކްރެޓްސްގެ ޓިކެޓްގައި ހުސްވެފައިވާ މާލޭގެ އެހެން ދާއިރާތަކަށް ވާދަ ކުރައްވާ ބޭފުޅުން ވެސް މިއަދު ފޯމު ހުށަހަޅުއްވާފައިވޭ

ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު 12 ޖެހިރު، ޑމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނާ އެކު، ސައިފް ވަނީ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

ތަފްސީލު - އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާއަށް 2021ގައި އިންތިހާބުވެވަޑައިގެންނެވި ސައިފް އަކީ، ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ:

  • އޭނާގެ މައިގަނޑު އަމާޒަކީ މާލެ އަކީ ހާސްކަމުން ނެއްޓިފައިވާ، އުޅެވޭ ވަރުގެ ތަނަކަށް ހެދުން

  • ހިތްނުތަނަވަސްކަމާއި މުޑުދާރުކަން އަދި ފަަގީރުކަަމަކީ މާލޭގައި ދިރުއުޅުމުގެ ތޮބީއަތަށްކަށް ވާކަށް ނުޖެހޭ

"މިހާލަތުން އަރައިގަތުމަށް ފޯކަސް ކުރާ ސްޓްރެޓެޖީސްތަކާއި ހަރަކާތްތަކާ އެކު އަޅުގަނޑުމެން މި ނުކުންނަނީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މެނިފެސްޓޯއިން ލިވަބަލް މާލެއަށް ބިނާ ކުރާނެ ގޮތް ހުށަހަޅައިގެން، އެ ފުރުސަތު ހޯދައިގެން، އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ،" ސައިފް ވިދާޅުވި އެވެ.

ސައިފްއާ އެކު، މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ އެެހެން ދާއިރާތަކަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ ބޭފުޅުން ވެސް މިއަދު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. އެއީ:

  • މާފަންނު ދެކުނު ދާއިރާއަށް: އަލީ އިއްޝާގު

  • މެދު ހެންވޭރު ދާއިރާއަށް: ލުފްޝާން ޝަކީބް

  • ހެންވޭރު ދެކުނު ދާއިރާއަށް: އައިޝަތު ލީނާ

ފާހަގަކޮށްލެވޭ ކަމެއް - މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކެއް ހުސްވެގެން ބާއްވާ މި ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13ގަ އެވެ.

މާލެ މޭޔަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމު ފުރުއްވި ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ އިތުރުން، ބާކީ ތިން ދާއިރާގެ ކައުންސިލަރުންގެ ގޮނޑި ހުސްވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކަށް އެ ބޭފުޅުން އައްޔަން ކުރެއްވުމުންނެވެ.

ސައިފްގެ އިތުރުން މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ ބޭފުޅުން:

  • އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް (އެމްޑީޕީ)

  • ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު (ޕީޕީއެމް-ޕީއެންސީ)

  • ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު (އަމިއްލަ)

  • އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުއައިބު އަލީ (އަމިއްލަ)

މި އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދަށް ހަމަވާއިރު، އެ ހުރިހާ ބޭފުޅުން ވެސް މިހާރު ވަނީ ކެންޑިޑަސީ ފޯމު ހުށަހަޅުއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް