ޓްރީ ޓޮޕްގެ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ މަރުކަޒުގައި ހުޅުވި ފާމަސީއެއްގައި ފާމަސިސްޓަކު (ފޮޓޯ/ޮޕް)

ރާއްޖޭގައި ވިއްކި ބޭހުގައި ނުރައްކާތެެރި މިންވަރަކަށް ވިހައެއް ނެތް: އެމްއެފްޑީއޭ

އެމްއެފްޑީއޭ އިން ބުނީ ބޭހުގައި ހިމެނޭ ވިހަ މާއްދާ ތަހުލީލުކުރިއިރު ވިހަ ހުރި ކަމަށް ދައްކަނީ %0.72 ކަަމަށް؛ އެއީ ބޭސް ބޭނުން ކުރެވިގެން ސީދާ މަރުވެދާނެ މިންވަރެއް ނޫންނަމަ ވެސް ގެއްލުން ކުޑައެއް ނޫން ކަމަށް ބުނި

ރާއްޖޭގައި ވިއްކަނިކޮށް ވިހަ ފެނުނު ޕާކިސްތާނުގެ ބޭސްތަކުގައި މީހަކަށް ގެއްލުންވާވަރުގެ މިންވަރަށް އެ ވިހަ ހުރި ކަމަށް ތަހުލީލުތަކުގެ ރިޕޯޓުން ނުދައްކާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ފާމިކްސް ލެބޯޓަރީން އުފައްދައި ކުޑަކުދިންނަށް ދޭ ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ދިޔާ ސިރަޕަކުން ވިހަ ކެމިކަލް މާއްދާތަކެއް ފެނިގެން، އެ ކުންފުނީގެ ފަރާތުން ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއް މަނާކޮށް، އެ ކުންފުނިން ބޭސް އެތެރެކުރުން ރާއްޖޭގައި މިހާރު ވަނީ މަނާކޮށްފަ އެވެ.

  • ވިހަ މާއްދާ ފެނުނީ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީން އުފައްދައި ރާއްޖެ އެތެރެކޮށްފައިވާ ސިޓްރިޒިން ސިރަޕެއް ކަމަށްވާ 'އެލާޖޯ'ގެ ބެޗަކުން

  •  އެ ސިރަޕުން ފެނިފައި ވަނީ ބޭސް ގަޑުބަޑުކުރަން އަޅާ ވިހަ ކެމިކަލެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އިން؛ މި ދެ މާއްދާ ބޭސް އުފެއްދުމުގައި ބޭނުން ކުރުމަކީ މަނާކަމެއް

  • އެ ބޭހުގައި ވިހަ މާއްދާ އެކުލެވިގެންވާ މިންވަރު ބެލުމަށް އޮސްޓްރޭލިޔާގެ ލެބޯޓްރީއަކުން އެ ބޭސްތައް ވަނީ ޓެސްޓްކޮށްފައި

މި މައްސަލައާ ގުޅިގެން އެފްޑީއޭ އާއި، ހެލްތު މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އާސަންދަ އަދި އެސްޓީއޯ އާއި އޭޑީކޭ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. 

ބުނީ ކީކޭ؟ - މި ބޭހުގައި ހިމެނޭ ވިހަ މާއްދާގެ ސަބަބުން އެއްވެސް މީހަކަށް މިހާތަނަށް ރާއްޖޭގައި ސިއްހީ ގެއްލުމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެފައިވާކަން ދެނެގަނެވިފައިވޭތޯ މެންބަރުން ސުވާލުކުރުމުން އެމްއެފްޑީއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ މިއަދު ވިދާޅުވީ އެ ބޭހުގައި ޑީއީޖީ އަދި އީޖީ އެކުލެވޭ ވިހަ މާއްދާ ހުރި ކަމަށް ދައްކަނީ %0.72 ކަމަށެވެ.

"ކެމިކަލްގެ ކޮންސެންޓްރޭޝަން މަތިވާ ވަރަކަށް ވިހަވުން އިތުރުވަނީ. މި މާއްދާގެ ނުރައްކާ ނުވާނެ މިންވަރަކީ %0.1. ރާއްޖޭން ފެނިފައިވާ ބޭހުގައި ހުރި ވިހަ މާއްދާގެ މިންވަރު %0.72 އަކީ އެހާ މަތީ މިންވަރެއް ނޫންވީމަ ސީދާ މަރެއް އައުމުގެ ފުރުސަތު ކުޑަ،" އެ މާއްދާއަކީ ބޭހެއް އުފެއްދުމުގައި ހިމަނައިގެން ނުވާނެ ކެމިކަލެއްކަން ފާހަގަކުރައްވާ ޖަލީލާ ވިދާޅުވި އެވެ.

ރާއްޖޭގައި މަނާކުރި ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގެ ބޭހެއް.

ޖަލީލާ އިތުރަށް ވިދާޅުވީ، މީގެ ކުރިން އެ ވިހަ މާއްދާ ހިމެނޭ ބޭސް ބޭނުންކުރެވިގެން އިންޑޮނޭޝިއާގައި އެތަން ކުޑަކުދިންނެއް މަރުވި ކޭސްގައި ވިހަ މާއްދާއިން ފެނިފައިވަނީ %25 ކަމަށެވެ.

ޑީއީޖީ އާއި އީޖީގެ ވިހަ މާއްދާ ފުރާނައަށް ނުރައްކާވާ މިންވަރަކަށް ބޭނުންކުރެވިއްޖެ ނަމަ ފެންނާނެ އަލާމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަލީލާ ވިދާޅުވީ، އިންޑޮނޭޝިއާގައި ވެސް އަދި ގެންބިއާގައި ވެސް އެ ވިހަ މާއްދާ ބޭނުންކުރެވުނު ކުދިން މަރުވެފައިވަނީ ކިޑްނީ ފެއިލުވެގެން ކަމަށެވެ.

އޭގެ އިތުރުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ވިދާޅުވީ:

  • 24 ގަޑިއިރުތެރޭގައި ކުޑަކަމު ނުދެވުން

  • ބަނޑުގައި ރިއްސުން

  • ހޮޑުލެވުން

އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެ ބޭސް ބޭނުންކުރުމުގެ ސަބަބުން ބޭސް ވިހަވެ އެފަދަ އެއްވެސް އަލާމާތެއް ފެނިގެން ކުޑަކުއްޖަކަށް ފަރުވާދީފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ބޭސް ވިއްކާ ފިހާރަތަކުގައި އެ ބޭސް ވިއްކަން ނުހުންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އެރުވި އެވެ.

އެނގުން މުހިންމު - ޑީއީޖީ/އީޖީގެ ގިނަ މިންވަރެއް އަޅާފައިވާ ބޭހެއް ބޭނުންކުރެވިއްޖެ ނަމަ 8 - 24 ގަޑިއިރާ ދެމެދުގެ ވަގުތެއްގެ ތެރޭގައި ކިޑްނީ ހަލާކުވެ ފުރާނައަށް ނުރައްކާ ވެއެވެ. އެ ވިހައިގެ ކުޑަ މިންވަރެއް ވެސް ދިގު މުއްދަތަކަށް ބޭނުން ކުރެވިއްޖެނަމަ ހަޔާތުގެ ވަކި ހިސާބަކުން ކިޑްނީ ފެއިލްވުން ނުވަތަ ބައެއް ގުނަވަންތައް މަސައްކަތް ކުރުން ހުއްޓުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. 

ރާއްޖޭގައި ވިއްކި ބޭހުގައި މި މާއްދާ އެކުލެވޭ މިންވަރު ބެލުމަށް ހެދި އައިޑެންޓިފިކޭޝަން ޓެސްޓުން އެ ބޭހުގައި %0.72 އެކުލެވޭ ކަމަށް ދައްކާފައިވާ އިރު، މި މިންވަރަކީ ވެސް އެ ބޭސް ތަކުރާރުކޮށް ބޭނުންކޮށްފައިވާ ނަމަ މުސްތަގުބަލުގައި ގެއްލުން ވާނެ މިންވަރެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް