ގދ. ތިނަދޫ މަސްވެރިން ދޮށީގެ މަސްވެރިކަން ކުރުމަށް އެ އަތޮޅު ހުޅަނގު ފަރާތުގައި އޮންނަ ކަނދުފަތި ކައިރީގައި. (ފޮޓޯ/ އަލީ ރަފީގު)

މަސްވެރިން

ކޮންމެ މަސްއޮޑިއަކުން ރެސްކިއު ޑައިވިންއަށް މީހަކު ތަމްރީނުކޮށްދޭނަން: ރައީސް

އަމާޒަކީ އެން ދަމާށާއި އެ ނޫން ވެސް ބޭނުންތަކަށް މަސްވެރިން ފީނަން އުޅުމުގެ ތެރޭގައި ހިނގާ ހިތާމަވެރި އަދި ފުރާނައަށް ނުރައްކާވާ ހާދިސާތައް މަދުކުރުން
10 ޑިސެމްބަރު 2023

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު 'ރެސްކިއު ޑައިވާ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދައިދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެން ދަމާށާއި އެ ނޫން ވެސް ބޭނުންތަކަށް މަސްވެރިން ފީނަން އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގައި، ފުރާނައަށް ނުރައްކާވާ ހާލަތު ވެސް ދިމާވާ ކަމަށެވެ.

ބުނީ ކީކޭ؟ - މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި، ރައީސް ވިދާޅުވި ގޮތުގައި، އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން ތިބުމަކީ މުހިންމު ކަމެކެވެ.

"އެހެންކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވާ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލު - ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދައި ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ ކޮންމެ ކަމަކުން ނިކަމެތި ވަނީ ހަމައެކަނި ހާދިސާއާ ކުރިމަތިލާ މީހާއެއް ވެސް ނޫން. އޭނާގެ އަނބިދަރީން. މުޅި އާއިލާ. އުމުރު ދުވަހަށް މި ފަޅުކަމާއި ހުސްކަން އިހުސާސްކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ސަރުކާރުން އަޅުގަނޑު ބޭނުންވަނީ މި ހިތާމަވެރި ހާލަތުން މަސްވެރިންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރަން. އިރާދަކުރެއްވިއްޔާ މި ކަންކަން ރަނގަޅަށް ކުރިޔަށް ދާނެ."

ނަމަވެސް އެ ޕްރޮގްރާމު ފަށާނީ ކިހާތާކު ކަމެއް ރައީސް ވިދާޅެއްނުވެ އެވެ.

ގުޅުން ހުރި ކަމެއް - މިރޭގެ ޖަލްސާގައި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމުގެ ކޮލެޖެއް ގާއިމުކުރައްވާނެކަން ވެސް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. އަދި މަސްވެރިކަމާ ގުޅޭ އެކި ކަންކަމުން މަސްވެރިން ތަމްރީނު ކުރުމަށް ރާވާފައިވާ ޕްރޮގްރާމުތަކުގެ ތަފްސީލު ހިއްސާކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް