މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމުގެ ކޮލެޖެއް ގާއިމްކުރަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމުގެ ކޮލެޖެއް ގާއިމުކުރައްވާނެކަން ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އެކަން އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އެމަނިކުފާނު ވަރަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ވަރަށް ބޭނުންތެރި ކަމެކެވެ.
"މި ކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރެއިންނިން އިސްޓިޓިއުޓް އަޅުގަނޑުމެން ގާއިމްކުރާނަން،" ރައީސް ވިދާޅުވި އެވެ.
"މި ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްކުރެވޭނެ. މި ކަމުގެ އިދާރީ މަސައްކަތްތައް އަޅުގަނޑުމެންގެ ހަފުތާ ސާދައިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުން އެބަ ދޭ."
ތަފްސީލު - މަސްވެރިންގެ ތަޖުރިބާ އާއި ޒުވާން މަސްވެރިންނަށް ލިބެން ޖެހޭ ހުނަރާއި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލުކުރުމަކީ، ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ހާސިލުކުރައްވާނެ ހަގީގަތެކެވެ.
ރައީސްގެ ވާހަކަފުޅުގައި މަސްވެރިން ތަމްރީނު ކުރުމާ ގުޅޭ ގިނަ ކަންތައްތަކެއް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި:
-
މަސްވެރިކަމުގެ ނޫ އިގްތިސާދު ކުރިއަރުވަން ޖަޕާނު ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި މި މަހު ފަހުކޮޅު ފެށުން؛ އެ މަޝްރޫއުގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އަމާޒުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނެ
-
އެ ޕްރޮގްރާމުގެ ދަށުން މަސް ބާނާ ވަގުތުން ފެށިގެން އުޅަނދުގައި މަސް ރައްކާކޮށް ބަހައްޓަން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާ ގުޅޭ ތަމްރީނު ދޭނެ އަދި ސަޝިމީ ގްރޭޑުގެ ބޮޑުކަންނެލި ޕްރޮސެސް ކުރާ ކުންފުނިތަކަށް ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވާނެ
-
އެކުއަކަލްޗާ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށް 'މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް'ގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް އަންނަ ފެބްރުއަރީ މަހު ފަށާނެ
-
އެން ދިރުވައި ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމުތަކެއް މިހާރުވެސް ހިންގަމުން އަންނަ ކަމަށް ވިދާޅުވި
-
ޑައިވްކުރާ އިރު ދިމާވާ ހާދިސާތައް މަދުކުރަން ކޮންމެ އޮޑިއެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ފެށުން
ރައީސް ވިދާޅުވީ މި ސަރުކާރު އައިސްގެން މިވީ ދެ ތިން ހަފްތާގައި ވެސް މަސްވެރިންނަށް ވެފައިވާ ވައުދުތައް ހަނދުމަފުޅު އެބަ ހުރި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަކީ ވައުދު ހަނދާން ނެތޭނެ، ނުވަތަ ވައުދު ހަނދާން ނައްތާލާނެ މީހަކީމެއް ނޫން،" ރައީސް ވިދާޅުވި އެވެ.