ހެލްތް މިނިސްޓްރީ ހިންގާ އިމާރާތް.

ހެލްތުގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ވަގުތު އިތުރުކުރުން ފަސްކޮށްފި

ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށް ފަހު ގޮތެއް ނިންމަންދެން މަސައްކަތު ގަޑިއަކީ 8 އަކުން 2 އަކަށް
2 ޑިސެމްބަރު 2023
1

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ފަންނީ އިދާރާތަކުގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އިތުރުކުރަން ނިންމި ނިންމުމަށް އަމަލުކުރުން އެ މިނިސްޓްރީން ފަސްކޮށްފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރު މުވައްޒަފުންގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8 އިން މެންދުރު ފަހު 2 އަށެވެ.

ނަމަވެސް، މި މަހުން ފެށިގެން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަޑް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި ހަވީރު 4 އަށް އިތުރުކުރަން މިނިސްޓްރީން ނިންމި އެވެ.

މަސައްކަތު ވަގުތު އިތުރުކުރިކަން މިދިޔަ މަހު އިންޓާނަލް މެމޯއަކުން މުވައްޒަފުންނަށް އަންގާފައި ވާއިރު، މަސައްކަތު ވަގުތު އިތުރުކޮށްފައިވަނީ ޕޭ ފްރޭމްވޯކުގެ ދަށުން މުސާރަައިގެ އާ އޮނިގަނޑަށް ހިޖުރަކޮށްފައިވާ މުވައްޒަފުންނަށެވެ.

ވީ ކިހިނެއް؟ - މި ބަދަލާ ގުޅިގެން މުވައްޒަފުންގެ ފަރާތުން ރަސްމީ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށް ބުނެ، މިނިސްޓްރީން މިއަދު ފޮނުވާފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ، ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިތައް ކަނޑައެޅުމުގެ ކުރިން، ކަމާ ބެހޭ ފަރާތްތަކާ އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، މީގެ ކުރިން ވެސް އޮތް ގޮތަށް ހެނދުނު 8 އިން މެންދުރު ފަހު 2އަށް މަސައްކަތް ކުރަމުން ގެންދިޔުމަށް އެ މެމޯގައި އަންގާފައިވެ އެވެ.

ފާހަގަކޮށްލެވޭ - ހެލްތުގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ވަގުތައް ބަދަލު ގެންނަން ނިންމީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މަޝްވަރާއާ ނުލާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް (1)

ހޯ ހޯ އަދުރޭ

2 ޑިސެމްބަރު 2023
އޭ ބަލަ މިއޮތީ އަތައް ގޮވާފަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް