އައިވީއެފް ފަރުވާ ދިނުމަށް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފާޓިލިޓީ ސެންޓަރު (ފޮޓޯ/ރައީސް އޮފީސް)

ޓްރީ ޓޮޕުން އައިވީއެފް ހެެދި 6 މީހެއްގެ ފަރުވާ ކާމިޔާބުވެ، ބަލިވެއިނދެއްޖެ

އެ ހޮސްޕިޓަލުން މިހާތަނަށް 16 މީހެއްގެ ފަރުވާ ވަނީ ފަށާފައި؛ އެ ހިދުމަތަށް ރަޖިސްޓްރީކޮށްފައި 150 މީހުން އެބަތިބި

މިދިޔަ މެއި މަހު ޓްރީ ޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ފަރުވާ ތައާރަފްކުރި ފަހުން، އެ ހޮސްޕިޓަަލުން އައިވީއެފް ހެެދި ހަ މީހެއްގެ ފަރުވާ ކާމިޔާބުވެ ބަލިވެއިނދެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ފަރުފާ ދޭން ޓްރީޓޮޕުން ފެށިއިރު އެ ކަމަށް އެދިއެދި އެތައް ސަތޭކަ ދިވެހިންނެއް ތިއްބެވެ. އެ ހޮސްޕިޓަލުގެ ކިޔުގައި 150 ވަރަކަށް މީހުން ތިބިއިރު، މިހާތަނަށް 16 މީހުންނަށް އައިވީއެފް ފަރުވާ ވަނީ ދީފަ އެވެ. އެގޮތުން:

  • 10 މީހެއްގެ އެމްބްރިޔޯ ޓްރާންސްފާ ނިމިފައިވޭ

  • އޭގެ ތެރެއިން ހަ މީހެއްގެ ނަތީޖާ ޕޮޒިޓިވް ނުވަތަ ކާމިޔާބުކަމާ އެކު ބަލިވެއިނދެފައިވޭ

  • މި ހުރިހާ އެންމެން ވެސް ބަލިވެއިނީ ޓްރީ ޓޮޕްގައި ހެދި އައިވީއެފްގެ ފުރަތަމަ ސައިކަލް އިން

ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވިި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ތަފްސީލް - އައިވީއެފް ހިދުމަތާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޓްރީ ޓޮޕްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ އައިވީއެފް ސެންޓަރުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ، އައިވީއެފް ހަދަން މީހުން ނަގައިގެން އެ ފަރުވާ ރަސްމީކޮށް ފެށީ ޖުލައި މަހު ކަމަށެވެ.

"ޖުލައިން ފަށައިގެން މިހާތަނަށް މި ކުރިއަށް ގެންދިޔައީ ބެޗު އައިވީއެފް ގޮތަށް. އެއީ ޕޭޝަންޓުންކޮޅެއް ސެލެކްޓުކޮށްގެން އެ ގްރޫޕަކަށް އައިވީއެފް ހަދަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެ ޕްރޮސީޖާ ކުރިއަށް ގެންދެވޭނެކަން ޒާކިޔާ ފާހަގަކުރެއްވި އެވެ.

"މިހާރު ރަޖިސްޓްރީކޮށްފައި ތިބި ޕޭޝަންޓުންގެ ފްރަސްޓްރޭޝަން އެބަހުރި އައިވީއެފް ހިދުމަތް ލަސްވާތީ. އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި ޑެއިލީކޮށް ޕްރޮޮސީޖާ ކުރިއަށް ގެންދިއުން ވިސްނުމަކީ،" އޭނާ ވިދާޅުވި އެވެ.

ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޒާކިޔާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އައިވީއެފް ހިދުމަތް ފަށާއިރު ކޮންމެ ސެންޓަރެއްގައި ވެސް ހިދުމަތް ފަށަނީ ބެޗު ގޮތަށް ކަމަށް ޒާކިޔާ ވިދާޅުވި އެވެ.

އައިވީއެފް ފަރުވާއަށް ހާއްސަ، ޓްރީ ޓޮޕްގައިި މަސައްކަތް ކުރައްވާ ޑރ. އަނީތާ ގޯރު ވިދާޅުވީ، މަސައްކަތް ކުރަނީ ޓްރީ ޓޮޕުން ދޭ އައިވީއެފް ހިދުމަތަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.

"މިވަގުތު އޮތް އެއް ގޮންޖެހުމަކީ ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖެ ގެނައުމުގައި ހުރި ގޮންޖެހުން. ރާއްޖެއަށް ބޭސް ގެންނަން ލިބޭ ހުއްދަ އާއި ބޭސް ގެންނަން ލިބޭ މިންވަރު ވަރަށް ލިމިޓުކޮށްފައި މި އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

އައިވީއެފް ފަރުވާއަށް ދޭ ބޭހަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެގެން ގެންނަ ބޭހަށް ވާއިރު، ކޮންމެ މީހަކަށް ދޭން ޖެހެނީ އެ މީހެއްގެ ހާލަތަށް ބަލައި ވަކި ޑޯޒް އެކެވެ.

"[ކޮންމެ ދުވަހަކު ފަރުވާ ދޭ ގޮތަށް] އައިވީއެފް ނުފެށިގެން މި އުޅެނީ އެހެންވެ. އައިވީއެފް އަކީ މިވެނި ޕޭޝަންޓަކަށް މިވެނި ޑޯޒްއެކޭ ބޭނުންވާނީ ބުނަން އުނދަގޫ ފަރުވާއެއް،" އަނީތާގެ ވާހަކައަށް ބާރުދެއްވައި ޒާކިޔާ ވިދާޅުވި އެވެ.

ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި އާދިލް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރީ ޓޮޕްގެ ސީއޯއޯ އާދިލް މޫސާ ވިދާޅުވީ އެ ހޮސްޕިޓަލުން ދޭ އައިވީއެފް ފަރުވާގެ މުޅި ޕްރޮސީޖާ ކުރިއަށް ގެންދަނީ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށެވެ.

"ބޭރަށް ފޮނުވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް. ހުރިހާ ކަމެއް ވެސް އަޅުގަނޑުމެންގެ ލެބް ފެސިލިޓީގައި ކޮށް، ނިމިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވެސް ވަނީ ބޭސް ހޯދަން ހުރި ދަތިތައް ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ ދެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަމަށް ވާއިރު، ބައެއް ބޭސްތަކަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި ދަތިތައް އެބަހުރި ކަމަށެވެ. ހާއްސަކޮށް މި ފަރުވާއަށް ދޭ ބޭހަކީ މާ ގިނައިން ގެންނަ ބޭހަކަށް ނުވާތީ، ބޭސް ގެންނަން ބޭނުންވާ ލިޔެކިއުންތައް ހޯދަން ދަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓަރުން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި އަނީތާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

'މާލީ ގޮންޖެހުމަށް ހައްލެއް ގެންނަން ޖެހޭ'

މި ފަރުވާ އަކީ ގިނަ ބަޔަކު އެދިއެދި ތިބި ފަރުވާއެއް ނަމަވެސް، މި ފަރުވާއަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމަކީ ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް އޮތް ގޮންޖެހުމެކެވެ. ސަރުކާރުގެ އިންޝުއަރެންސް ނިޒާމު، އާސަންދަ ނުވަތަ ޕްރައިވެޓް އިންޝުއަރެެންސް މެދުވެރިކޮށް ނަމަވެސް މި ފަރުވާއަށް އިންޝުއަރެންސް ލިބެން ފެށުމަކީ އައިވީއެފް ހަދަން ބޭނުންވާ މީހުންނަށް ލިބޭނެ ލުޔަކަށް ވާނެ ކަމަށް އަނީތާ ވިދާޅުވި އެވެ.

"ރާއްޖޭގައި މި ފަރުވާ ހޯދުމަކީ މާލީ ގޮތުން ލުޔެއް. ބޭރަށް ދާން ކުރާ ހަރަދު ސަލާމަތްވާނެ. އަނެއްކާ މި ޕްރޮސީޖާއަށް ފަހު ސްޓްރެސް އިން ދުރުވާން ޖެހޭ. އާއިލާ ކައިރީ ހުރެގެން މި ފަރުވާ ލިބުމަކީ ދެމަަފިރިންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާހެން އާސަންދަ މެދުވެރިކޮށް އައިވީއެފް ފަރުވާ ލިބެން ފެށުމުން މި ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޓްރީޓޮޕް އިން ލަފާކުރެ އެވެ.

އެނގުން މުހިންމު - ދަރިމައިވުމުގައި މައްސަލަތައް ދިމާވާ މީހުން ނުވަތަ ގުދުރަތީ ގޮތުން ދަރިމައިވުމުގައި ދަތިތައް ހުންނަ މީހުން ދަރިއަކު ހޯދުމަށް އައިވީއެފް އަދި އައިޔޫއައި ހެދުމަށް ބޮޑެތި ހަރަދުތައް ކުރެ އެވެ. ޓްރިޓޮޕްގެ ފާޓިލިޓީ ކްލިނިކުން މި ހިދުމަތަށް ނަގަނީ 46،000ރ އެވެ.

އައިވީއެފް ފަރުވާ އާސަންދައިގައި ހިމެނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް