އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް (ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ)

މޫސުމީ ކާރިސާއަށް ބަދަލުދޭ ފަަންޑްގެ ބޭނުން ރާއްޖެއިން ހިފާނެ: ތޯރިގް

ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް އެ ފަންޑު ބޭނުންކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި
29 ނޮވެމްބަރު 2023

މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ކުރިމަތިވާ ކާރިސާތަކަށް ބަދަލުދިނުމަށް ކޮޕް27ގައި ގާއިމްކޮށްފައިވާ 'ލޮސް އެންޑް ޑެމޭޖް' ފަންޑުން ފައިސާ ދޫކުރަން ފެށުމާ އެކު، އެ ފަންޑުގެ ބޭނުން ހިފައިގެން ރާއްޖޭގެ މޫސުމީ ވިލުންވެރިކަން އިތުރު ކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މާދަމައިން ފެށިގެން ޑިސެމްބަރު 12އަށް ކުރިއަށްދާ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދަ އްކަވަމުންނެވެ.  މިނިސްޓަރުގެ އަރިހުގައި ރާއްޖޭގެ ކްލައިމެޓް އެންވޯއީ އަލީ ޝަރީފް ވެސް ވަނީ ކޮޕް28އަށް ފުރާވަޑައިގެންފަ އެވެ.

އެނގުން މުހިއްމު - ކޮޕް އަކީ ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކާ ގުޅިގެން އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް މުރާޖައާކޮށް، ކުރިއަށްދާނެ ގޮތުގެ މަގުޗާޓު ތައްޔާރުކުރުމަށް އދ.ގެ ގައުމުތަކުން ކޮންމެ އަހަރަކު ބާއްވާ ބައްދަލުވުމެކެވެ.

ބުނީ ކީކޭ؟ - މި އަހަރުގެ ބައްދަލުވުމަކީ ޕެރިސް އެގްރިމެންޓުގައި ސޮއި ކުރި ކޮޕް21ގެ ބައްދަލުވުމަށް ފަހު އެންމެ ގިނަ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންކަމަށް ވިދާޅުވެ، ކޮޕް28ގެ މުހިއްމުކަން ފާހަގަކުރައްވާ، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ ކަންކަމަށް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.

"ހާއްސަކޮށް ކުރިއަރާފައި އޮތް ގައުމުތަކަށް ބަލާއިރު، އެބޭފުޅުންގެ ހިސްޓޮރިކަލް އެމިޝަންސް އެބަހުރި. އެބޭފުޅުން ކުރިއަރާފައި މިއޮތީ ޖައްވަށް ވިހަ ގޭސް ދޫކޮށްގެން،" އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކުން އަޅުގަނޑުމެން އެއްވެސް އެމިޝަންއެއް، ނުވަތަ ވަރަށް ކުޑަ މިންވަރެއްގެ ވިހަ ގޭހެއް މި ދޫކުރަނީ. އެކަމަކު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް މިކަމުގައި ގެއްލުން ވެގެން މިދަނީ."

އެހެން ކަމުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • ބޮޑެތި ގައުމުތަކުން ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުކުރުމަށް

  • މޫސުމީ ބަދަލުގެ ސަބަބުން ގެއްލުން ލިބޭ ކުދި ގައުމުތަކަށް އެހީވުމަށް

ކުދި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ ކޮޕް27ގައި ވަނީ ލޮސް އެންޑް ޑެމޭޖް ފަންޑެއް އުފައްދައިފަ އެވެ. އެހެން ނަމަވެސް، ފަންޑު މެނޭޖު ކުރާނެ ގޮތާއި ފަންޑު ބޭނުންކުރާނެ ގޮތުގެ ކަންކަން ނިންމަން ހަމަޖެހިފައިވަނީ މި ކޮޕްގަ އެވެ.

އެ ފަންޑު އެކުލަވާލައި ބޭނުން ކުރަން ފެށުމާ އެކު ރާއްޖެއަށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރަން އެ ފަންޑުގެ ބޭނުން ހިފޭނެ ކަމަށް ތޯރިގް ވިދާޅުވި އެވެ. އެގޮތުން އެ ފައިސާ ހަރަދުކުރާނީ:

  • އެޑެޕްޓޭޝަންގެ މަސައްކަތްތަކަށް

  • ރަށްގިރުމުގެ މައްސަލަ ހައްލުކުރަން

  • މޫސުމީ ބަދަލުގެ އަސަރުތަކާ ގުޅިގެން ތައްޔާރީ ހާލަތައް އައުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް

  • މީހުން ބިނާ ކުރުމަށް

އޭގެ އިތުރުން، ދުނިޔޭގައި މިވަގުތު ހުރި މާލީ ޖަމިއްޔާތަކުގެ އެހީދޭ ނިޒާމު ބަދަލުކުރުމަށާއި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް ވަކާލާތުކޮށް، ކަރަންޓު ހަރަދު ކުޑަކުރުމަށްޓަކައި އިޔާދަކުރަނިވި ހަކަތަ އުފައްދައި، އިތުރު މަޝްރޫއުތައް ހޯދުމުގެ މަސައްކަތް ވެސް ރާއްޖޭގެ ފަރާތުން ކުރައްވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.

ދުނިޔެ ހޫނުވުން އިތުރުވުމާ ގުޅިގެން ސައިންސްވެރިން ރަތުގެ އިންޒާރު ދެމުންދާ މި ދަނޑިވަޅުގައި، "މިއީ ވަރަށް އުންމީދީ ކޮޕްއަކަށް ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ތޯރިގް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒު ވެސް ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މާދަމާ ޔޫއޭއީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވެ އެވެ. ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުން އެ ބައްދަލުވުމުގައި އެމަނިކުފާނު ތަގުރީރު ވެސް ކުރައްވާނެ އެވެ.

160 ގައުމެއްގެ ވެރިން މި ކޮޕްގައި ބައިވެރިވާ އިރު، ބައްދަލުވުމުގެ ހަވާސާގައި ރައީސް އެކި ގައުމުގެ ވެރިންނާ ބައްދަލުކުރައްވައި، އެކި މަޝްވަރާތައް ކުރިއަށް ގެންދަވަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް