އެކްޓިން ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ.

ފުލުހުން

އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ކަނޑައަޅައިފި

25 ނޮވެމްބަރު 2023
2

ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވާގޮތުން ފުލުހުންގެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކޮށްފައިވަނީ، ކުރިން އެ މަގާމު އަދާކުރެއްވި ދެ ބޭފުޅުން މިއަދު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެ ދެ ބޭފުޅުންނަކީ:

  • ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަބްދުލް މަންނާނު ޔޫސުފް

  • ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަލީ ރަޝީދު

މިނިސްޓަރު އިހުސާން ވަނީ އެ ދެ ބޭފުޅުން ގައުމަށާއި ފުލުހުންނަށް ދިގުމުއްދަތަކަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާ، ރައީސްގެ ނަންފުޅުގައި އަދި މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.

ފުލުހުންގެ ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މަންނާން(ވ) އަދި ޑީސީޕީ އަލީ ރަޝީދު: އެ ދެބޭފުޅުން މި މަހު ރިޓަޔާ ކުރައްވާނެ

ފާހަގަކޮށްލެވޭ - ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ އެކްޓިން ކޮމިޝަނަރަކަށް އައްޔަންކުރި މަންނާން އާއި އަލީ ރަޝީދު މިއަދު ރިޓަޔަކުރައްވާނެ ކަމުގެ މައުލޫމާތު މީގެ ކުރިން ވެސް 'ދައުރު'އަށް ލިބިފައިވެ އެވެ.

މަންނާން ފުލުހުންގެ ތެރޭގައި މަސައްކަތްކުރައްވާތާ ގާތްގަނޑަކަށް 30 އަހަރު ވެއްޖެ އެވެ. މިިދިޔަ ފަސް އަހަރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު މިދިއަ ހަފްތާގެ ބުދަ ދުވަހު ރިޓަޔަކުރެއްވުމުން ފުލުހުންގެ އެންމެ އިސް އެއް ވެރިޔަކީ ވެސް މަންނާނެވެ. 

އެނގުން މުހިންމު - 'ދިވެހި ފުލުހުންގެ ހިދުމަތު'ގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ސީދާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ނުލިބެ އެވެ. އޭގެ ބަދަލުގައި ގާނޫނުގައި ބުނަނީ؛

  • އެ މަގާމަށް އާންމުކޮށް ހުޅުވާލަން، 90 ދުވަސް ދޭން ޖެހޭ

  • އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާން ޖެހޭ

  • ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަންކުރާނެ

  • ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެމީހުންނާ ބެހޭ ރިޕޯޓެއް ހަދާނެ. އެ ރިޕޯޓްގައި، ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ، އަބުރުވެރިކަން ހުރި ނިސްބަތް، ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތް ނަމަ އެކަން ހިމަނާނެ

  • ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ

ކޮމެންޓް (2)

އެކުވެރިޔާ

25 ނޮވެމްބަރު 2023
ޕޮޮލިހުންގެ މުއައްސަސާ ސިޔާސީ ވެފަވާ މިންވަރު ވަރަށް ރަނގަޅައް އިނގި ހާމަވެއްޖެ.ގައުމުގެ ވަލިއްޔުލްއަމްރު ބަދަލުވާއިރަށް މުއައްސަސާ ހިންގަންތިބި އެންމެން އިސްތިއުފާ
1 0

ގަނީ

25 ނޮވެމްބަރު 2023
ޙަބަރުން ދޭހަވީ ފުލުހުންގެ ގާނޫނުގެ ޕްރޮސީޖަރއާ ހިލާފަށް އައްޔަން ކުރިކަމަށް !
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް