ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޔާމީންގެ ޕާޓީ އުފައްދަން އާދީއްތަ ދުވަހު ހުއްދައަށް ހުށަހަޅަނީ

ޕާާޓީގެ ނަމާއި ލޯގޯ އާއި އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވަނީ މިހާރު ނިމިފައި
24 ނޮވެމްބަރު 2023

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީއިން ވަކިވެވަޑައިގެން އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އަންނަ އާދީއްތަދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. 

ޔާމީން މިހާރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުން ނުވުމާއި ޔާމީންގެ މަޝްވަރާ އާއި ލަފާ ވެސް އެބޭފުޅުން މިހާރު ބޭނުން ނުވާތީ ކަމަށެެވެ.

ތަފްސީލް- ޔާމީންގެ 'ސްޓިއަރިން ކޮމިޓީ' ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް އުޅުއްވި، އަދި އޭގެ ފަހުން ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށް އެ ޕާޓީން އިއްޔެ ވަކިކުރި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް މިއަދު 'ދައުރު' އަށް ވިދާޅުވީ މިހާރު ޕާޓީގެ ނަމާއި ލޯގޯ އާއި އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި މިއަދު އިދާރީ ބައެއް މަސަައްކަތްތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ހުށަހަޅާ ގޮތަށް ނިންމާފައި ވަނީ،" ޔާމީންގެ ފަރާތުން ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މަލީހު ވިދާޅުވި އެވެ.

އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް