ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ޔާމީން މައްސަލައިގައި މަލީހުގެ ސުވާލުތަކަށް ޝިއުނާގެ ޖަވާބު

ވެރިކަމުގެ ފުރަަތަމަ ހަފްތާ ތެރޭގައި ސަރުކާރާ ދެކޮޅަށް ޕާޓީ ތެރެއިން ނުކުތުމުން މުއިއްޒުގެ ބޭފުޅުން އެކަން ސިފަކުރަނީ ބަދަލުހިފުމުގެ ގޮތުގައި
24 ނޮވެމްބަރު 2023
8

ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށް އެ ޕާޓީން އިއްޔެ ވަކިކުރި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެއްވި ތުހުމަތުތަކުގެ ދިފާއުގައި، ކުރިން އެމަނިކުފާނުގެ ދަށުން މާލެ ސިޓީ ކައުންސިލްގައި، ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ ނުކުންނަވާ ޖަވާބުދެއްވައިފި އެވެ.

މައްސަލައިގެ ފެށުން - ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާން ކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެ ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހު ޖެހިގެން އައި ދުވަހު ޕާޓީން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލައި ވަކިކުރީ އެވެ.

ޔާމީން މިހާރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުން ނުވުމާއި ޔާމީންގެ މަޝްވަރާ އާއި ލަފާ ވެސް އެބޭފުޅުން މިހާރު ބޭނުން ނުވާތީ ކަމަށެެވެ.

ތަފްސީލް- ކުރީގެ ރައީސް ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ މަލީހު ވަނީ އެމަނިކުފާނުގެ ދިފާއުގައި ނުކުންނަވައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ކިބައިން ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެއް ކަމަށް ވިދާޅުވެ އޭނާގެ ފޭސްބުކަށް ސުވާލުތަކެއް ދޫކޮށްލައްވާފަ އެވެ. އެ ސުވާލުތަކުގައި ތުހުމަތުކުރެއްވީ ޕީއެންސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު ޔާމީން އާއި އެމަނިކުފާނަށް ލޯޔަލް މީހުން އެކަހެރިކޮށްލެއްވީ ކަމަށެވެ.

ކުރިން ޔާމީނަށް ތާއީދުކުރެއްވި، އެހެންނަމަވެ ސް މިހާރު ރައީސް މުއިއްޒުއާ އެކު ހުންނެވި ޝިއުނާ ވަނީ ޔާމީން މީޑިއާ ގްރޫޕުގެ ނަމުގައި އުފައްދާފައިވާ ވަޓްސްއެފް ގްރޫޕުގައި މަލީހުގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.

21/11/2023؛ ޕީޕީއެމް ހިންގުމަށް ޔާމީން އުފެއްދެވި ކަމަށް ބުނާ ވަގުތީ ސްޓެއަރިން ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި މަލީހު(ދައުރު ފޮޓޯ/ހުސެއިން ސުނޭން)

މަލީހުގެ ސުވާލުތައް

  • ރައީސް ޔާމީންގެ ފޯނަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވަނީ ކީއްވެ؟

  • [ވެރިކަމުގެ] ފުރަތަމަ ދުވަހު [ޔާމީން] މިނިވަން ނުވީ ކީއްވެ؟

  • ރައީސް ޔާމީން ޕާޓީ އޮފީހަށް ވަޑަގަތީމަ ލީޑާޝިޕު ކިޔާ ބޭފުޅުން ވަޑައިނުގަތީ ކީއްވެ؟

  •  ޕީޕީއެމް މެމްބަރުން [ޕީއެންސީއަށް] ނުގެންދާނެމޭ ކިޔާ ލ. ފުނަދޫ ކައުންސިލް އެންމެން [އެ ޕާޓީއަށް] ވެއްދީ ކީއްވެ؟

  • [ޕީޕީއެމް/ޕީއެންސީ] ތިޔަ ލީޑާޝިޕު މީހުން ކޯޓުގެ އަޑުއެހުމަށް ދިއުން ހުއްޓާލީ ކީއްވެ؟

  • [ޕީއެންސީގެ] ވަކި އޮފީހެއް ހެދީ ކީއްވެ؟

  • ޑރ. މުއިއްޒުގެ ސްޕީޗްތަކުގައި ރައީސް ޔާމީންގެ ނަން ގެންނެވުން ހުއްޓާލީ ކީއްވެ؟

  •  ވެރިކަން ލިބުމުގެ އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ސޯޝަލް ސެންޓަރަށް ރައީސް ޔާމީން އެދުމުން ވެސް ނުގެންދެވީ ކީއްވެ؟ އެ ޖަލްސާގައި ރައީސް ޔާމީނަށް ޝުކުރު އަދާނުކުރީ ކީއްވެ؟

  • ޕީޕީއެމް ހައިޖެކުކުރީ ކީއްވެ؟

  • [މި ސަރުކާރުގެ ސީނިއާ މިނިސްޓަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް] އަދުރޭ ރައީސް ޔާމީނާއި ތަފާތު އިންޒާރު ދެނީ ކީއްވެ؟

  • ޕީޕީއެމް އަދި ރައީސް ޔާމީންގެ ލޯޔަލް ބޭފުޅުން [އެ ޕާޓީން] އެކަހެރިކުރީ ކީއްވެ؟

  • ސަރުކާރު އެކުލަވާލުމުގައި ރައީސް ޔާމީންގެ ލަފަޔާއި މަޝްވަރާ ނުހޯއްދަވަނީ ކީއްވެ؟

ޝިއުނާގެ ޖަވާބުތައް

  • ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދަައުވަތު ދެއްވުމުން ވެސް ރައީސް ޔާމީން ރިޖެކްޓް ކުރެއްވީ ނޫންތޯ؟ މަރުހަބާ ޖަލްސާއަށް ދައުވަތު ނުދެއްވީތޯ ނުވަތަ ރިޖެކްޓް ކުރެއްވީތޯ ސުވާލު އުފެދޭ.

  • ބޮޑު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް އެއް ދުވަހުން މިނިވަން ނުވާނޭކަން އެންމެންނަށް އެނގޭ. އެއީ ޖުޑިޝަރީ ތެރެއިން ވާ ކަމެއް ނޫންތޯ؟ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭންގައި ވެސް ވިދާޅުވީ ގާނޫނީ އިމުގެ ތެރެެއިން ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެ ކަމަށް. ހުއްޓިފައިވާ އަޑު އެހުންތައް ފެށި ހުކުމާ ހަމަޔަށް [ހިނގައްޖެ] ނޫންތޯ؟

  • ޕީޕީއެމް މީހުން ޕީއެންސީއަށް ނުގެނައުމަށް ރައީސް ޑރ. މުއިއްޒު ވަނީ ފާޅުގައި އިއުލާންކުރައްވާފަ. އެހެން ނަމަވެސް ޑިމޮކްރަސީ ނިޒާމެއްގައި އެމީހަކު ބޭނުން ޕާޓީއެއްގައި ހުރެވޭނެއް ނޫންތޯ؟ ރާއްޖޭގެ ތާރީހަށް ބަލާއިރު ޕާޓީ ބަދަލުކުރުން އެއީ އާ ކަމެއް ނޫން. ޕީޕީއެެމްއަކީ ވަނުމަށް ފަހު ނުކެންޑެވޭ ޕާޓީއަކީތޯ؟

  • ޕީއެންސީއަކީ ވަކި ޕާޓީއެއް ވީމަ ވަކި އޮފީހެއް ހެދުމަކީ މައްސަލައެއްތޯ؟.

  • ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަން ވާނީ މުޅި ގައުމުގެ މަަސްލަހަތުގައި ނޫންތޯ؟

  • ސަރުކާރު އެކުލަވާލާއިރު ފެންނަމުންދަނީ ޕީޕީއެމް/ޕީއެންސީއަށް ލޯޔަލް ކަމަށް ބުނާ ބޭފުޅުންނަށް މުހިއްމު މަގާމުތަައް ދެއްވާ މަންޒަރު

  • ރިޔާސީ އިންތިހާބު ބޮއިކޮޓްނުކޮށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލާ ސަރުކާރަށް އަށް ދުވަސް ވިއިރު ސަރުކާރާ ދެކޮޅަށް ނުކުތުން ސިޔާސީ ގިނަ ބަޔަކު ސިފަކުރަނީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރަން ބަޔަކު ކުރާ ކަމެއްގެ ގޮތުގައި. އަދި މީގެ ކުރިން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ ހޯމް މިނިސްޓަރުކަން ގެއްލުމުގެ ބަދަލު ރައީސް ޔާމީންގެ ކިބައިން ހިފުމަށް ކުރައްވާާ ކަމެއްގެ ކަމަށް ޕީޕީއެމް/ޕީއެންސީގެ އާއްމު މެމްބަރުން ބުނަމުން ދޭ. ކޮބައިތޯ މިކަމާ މެދު އޮތް ޖަވާބަކީ؟

  • އަބްދުއްރަހީމް ރައީސް ޔާމީނަށް ދެއްވީ ކޮން އިންޒާރެއްތޯ؟

ފާހަގަކޮށްލެވޭ - މަލީހު އިސްވެ ހުންނަވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭގެ ކުރިން އެ ޕާޓީގެ ލީޑަޝިޕުން ނުފެންނަ ބޭފުޅުންތަކެއް ފެނުނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ މަލީހާއި އައްބާސް އާދިލް ރިޒާ އެވެ.  

އެބޭފުޅުން ވިދާޅުވާ ގޮތުގައި 'ސްޓިއަރިން ކޮމިޓީ' އުފެއްދެވީ، ޕީޕީއެމްގެ ރައީސްކަން ކުރައްވާ ޔާމީނަށް ޕާޓީގެ އަސާސީ ގަވާއިދުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމެވެ. އެކަމަކު ޔާމީނަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ގާނޫނީ ގޮތުން އެ މަނިކުފާނުގެ އެއްވެސް ހައިސިއްޔަތެއް ޕާޓީ ހިންގެވުމުގައި މިހާރަކު ނެތެވެ.

ނަމަވެސް، މަލީހު ޕާޓީން ވަކިކޮށް ޕީޕީއެމް އިން ފޮނުވި ސިޓީގައި ބުނަނީ މަލީހު ޔާމީންގެ ނަމުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. މަލީހު އެކަން ދޮގުކުރައްވަ އެވެ.

ކޮމެންޓް (8)

ސިއުނާ

29 ނޮވެމްބަރު 2023
މުއިޒުއަށް ދެންވާނީ އިބޫއަށްވީގޮއް ބަލަންހުރޭ އިބޫވެސް އުޅުނު ތިހެންފޮނު އަރުވާފަ… އަހަރެމެން ވޯޓުލީ ރައީސް ޔާމީނުގެ ހައްގުގަ މުއިޒު ޓިނު އަދުރޭ ވެގެންނޫ މި 5 އަހަރު ހުރޭ ފޮނުއަރުވަން މަޖިލިސް ވެސްދެންނުލިބޭނެ އިރާދަ ކުރެއްވިޔާ
0 0

علي وحيد

24 ނޮވެމްބަރު 2023
ސިއުނާ މަލީހުގެ ސުވާލުތަކަށް ޖަވާބު ދީފީމު ސައްކެތްނެތް ނަމަވެސް ތިދެއްވި ޖަވާބުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެއް ދަންނަވާނަން މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެވުނު ފަހުން މުއިއްޒު އާއި ޔާމީނު އާއި ހުރިހާގޮތަކުންވެސް ގުޅުން ކެނޑުނީ ކީއްވެ އަދުރޭ އާއި ޔާމީނު އާއި ގުޅުން ކެނޑުނީ ކީއްވެ އަދިވެސް ސުވާލު އެބަހުރި ހަމައެކަނި މިދެ ސުވާލައް ޖަވާބު ދެއްވާ އެއިރުން ދެންހުރި ސުވާލު ކުރެވޭމެ
5 3

ފެންތަށި

25 ނޮވެމްބަރު 2023
@علي وحيد ރައީސް ގެ މަގާމަށް އައިމަ ދެން ކަންކަން ކުރަންވީ ގޮތް ވަރަށް ތަފާތު ވާނެ. ރައްޔިތުން ބޭނުމެއް ނުވޭ ރައީސަކަށް ހުންނަ މީހަކީ އެހެން މީހެއްގެ ބޯއިގަނޑަކަށް ވާކަށެއް.
10 0

ރަޝާދު

24 ނޮވެމްބަރު 2023
ޕީޕީއެމް/ ޕީއެންސީ ލޯޔަލް ކަމަށް ތިބުނަނީ ކޮންބައެއްތޯ ؟ އަދުރޭގެ އާއިލާ ނޫނީ މެޑަމްގެ އާއިލާ ނޫނީ ރައީސްގެ އާއިލާތޯ ؟ ރައްޔިތުން ހަނާވިއިރު އެމީހުން ކޮބައިތޯ ؟ ގާބިލް މީހުން ކޮބައިތޯ ؟ ފަސްބައި ސާފު މީހުން ކޮބައިތޯ ؟ ޖޭޕީ ގަ ނޫނީ އެމްއެންޕީ ނޫނީ ޑިމޮކްރަޓްސް ގަ ދެވަނަ ބުރު ނިމެންދެން އެތިބެފަ އައީ ތިބުނާ ލޯޔަލް މީހުންތޯ ؟ އިންތިހާބީ ރައީސް ހުވާ ކުރުމުގެ ކުރިންވެސް ރޔ އާއި އެއްފަހަރުވެސް ބައްދަލު ނުކުރެއްވީ ކީއްވެތޯ ؟ މަސްލަހަތު އަމިއްލަ އަށް ނަގާލާފަ މަޝްވަރާ ގެ އުސޫލު ރައީސް މުއިޒް ގެ ފަޅިން އަދުރޭގެ ބަހަށް ދޫކޮށްލާފަ މިއަދު ތިވާހަކަ ދެއްކީމަ ޖޯކް.. ރޔ ގެ ލޯޔަރަށް ނުސީދާ ގޮތުން ބަސް އަދުރޭ އުކާއިރު އެ މެސެޖް ވަށްބަހުން އެދެނީ ރޔ އަށް ކަމެއް ތި ނޫސްވެރިޔާއަށް ނޭއްގުމީ މަލީހްގެ މައްސާލައެއް ނޫނެއް ނޫންތޯ.. ސިޓީ ކައުންސިލްގަ އޮތް ބައިގަނޑު އުފުރާލައިގެން ސަރުކާރު ހިންގަން ގެންދިޔައީމަ ޖައްސާ ޖަރީމާ ރައްޔިތުންނަށް ވަރަށް ސާފް އނގޭތޯ !
6 9

ހަސީނަ

27 ނޮވެމްބަރު 2023
@ރަޝާދު ރޔ ގެއަށް ބަދަލުކުރެއްވި ދުވަހުވަހުގެ ވީޑޯ ޒޫމް ކޮށްގެން ބަލަަލިން. ޑރ މުޢިއްޒުއާ ރޔ ހަތަރުކަޅިވެސް ހަމަ ނުކުރައްވާ. އެއީތޯ އިޙްތިރާމް ހޯދަން ދޭންވާ އިޙްތިރާމަކީ..
3 0

ރަޝާދު

24 ނޮވެމްބަރު 2023
އެއްދުވަހުން މިނިވަން ނުވާނެ ކަން ރައްޔިތުންނަށް އެނގޭ ބީދައިން ވައުދު ވީ ފަރާތަށް އެކަމެއް ނޭއްގޭތޯ! ކެމްޕޭން ގައި ފޮޓޯފުޅު ބޭނުންކޮށް ކޮންމެ މީޑިއާ ޕްލެޓްފޯމް އެއްގަ ރޔ އެންޑޯޒް ކޮށްފައި ވާ ކެންޑިޑޭޓް ޖަހައިގެން އުޅެފަ ހޮވުނީމަ އެ އެންޑޯޒް ކުރި ފަރާތުން މީ އެއްޕާޓީ އެއްކަމަށް ވިދާޅުވެ ޕާޓީ ބަދަލުނުކުރުމަށް އެދޭއިރު ޕީއެންސީއަށް އަންނަ ފަރާތް ތަކުގެ ފޯމް ރިޖެކްޓް ނުކުރެވޭތޯ ، ވަޒީފާގެ ބިރަށް ނުވަތަ ވަޒީފާއެއް ހޯދުމަށް އަންނަ ކަމަށް ބުނާއިރު ވިސްނާނުދެވޭތޯ ! ވަކި ޕާޓީއެއް ކަން އެހި އޮފީހެއް ހަދަން އެގުނީ ވެރިކަން ލިބުނީމަތޯ ! ޕާޓީ ރަޖިސްޓަރީ ކުރި އިރު ނޭއްގޭތޯ ؟ މުޅި ގައުމުގެ މަސްލަހަތުގެ ވާހަކަ ދައްކާއިރު އެންމެން ވޯޓްދިނީ ހަރާންހުކުމެއްގަ ހުރި ތަރައްޤީ ގެ ބާނީ މިނިވަންކޮށް މަޝްވަރާގެ މަތީން ގައުމު ހިންގާކަށް ނޫންތޯ ؟ ޕީޕީއެމް/ ޕީއެންސީ ލޯޔަލް ކަމަށް ތިބުނަނީ ކޮންބައެއްތޯ ؟ އަދުރޭގެ އާއިލާ ނޫނީ މެޑަމްގެ އާއިލާ ނޫނީ ރައީސްގެ އާއިލާތޯ ؟ ރައްޔިތުން ހަނާވިއިރު އެމީހުން ކޮބައިތޯ ؟ ގާބިލް މީހުން ކޮބައިތޯ ؟ ފަސްބައި ސާފު މީހުން ކޮބައިތޯ ؟ ޖޭޕީ ގަ ނޫނީ އެމްއެންޕީ ނޫނީ ޑިމޮކްރަޓްސް....(1)
8 6

މައިނާ

25 ނޮވެމްބަރު 2023
@ރަޝާދު ހަމަ ގައިމުވެސް އަހަރެން މުޢިއްޒު އަށް ވޯޓު ދިނީ ޙަރާމް ޙުކުމެއްގަ ހުރި ބާނީއަކު މިނިވަން ކޮށް އޭނާގެ މަޝްވަރާ ގެ މަތިން ޤައުމު ހިންގާކަށްނޫން. މުޢިއްޒު ގެ އަމިއްލަ އިޚްތިޔާރުގައި ރައްޔިތުންނާއި ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް ވެރިކަން ކުރުމަށް.
12 3

ތުއްތު ސާހިބު

24 ނޮވެމްބަރު 2023
މުއިއްޒުގެ މޭޔަރުކަމުގަ އެކި ނަންނަމުގަ ކޮންސަލްޓެންޓްކަމާ ކޯޑިނޭޓަރުކަމުގަ މުއިއްޒު ސިޓީ ކައުންސިލް ބަޖެޓް ބުރުއްސިއިރު އެކަމުގެ މަންފާ ލިބުނެއްނު. ދެން ތިޔަހެން ބަސްމަގު ހުރުމުން އަހަރުމެން އަޖައިބެއް ނުވަން. ކޮއެމެންގެ ސަރުކާރު ރޫޅާލާނެ އަހަރެމެން
10 10

އިތުރު އާޓިކަލް

އިތުރު އާޓިކަލް