މިއަދުގެ އަޑުއެހުމުގައި ތަހުމީންއަށް ސައިކަލު ވިއްކި މީހާއަށް އޭނާ އައިޑެންޓިފައިކޮށްދިނުމަށް ކޮޅަށް ތެދުވެ ކެމެރާ ޒޫމުކޮށްގެން ތަހުމީން ދައްކަނީ؛ ހެކިވެރިޔާ ބުނީ އޭނާގެ ސިފަތައް ތަފާތު ކަމަށާއި ދުވަހަކު ވެސް ދިމާވެފައި ނުވާ ކަމަށް.

މޭ 6ގެ ހަމަލާ

ގޮއްވާލި ސައިކަލު ވިއްކީ ތަހުމީނަށް ކަމަށް ބުންޏަސް، އޭނާ ދެއްކުމުން ވަކިކުރާކަށް ނޭނގުނު

ހެކިވެރިޔާ ބުނީ ސައިކަލު ބަލަން އެ ދުވަހު އައި މީހާ އާއި މިއަދު ކޯޓުން ފެނުނު ތަހުމީންގެ ސިފަތައް ދިމާ ނުވާ ކަމަށާއި އެއްވެސް އިރަކު ބައްދަލުވެފައި ނުވާ ކަމަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރާކޮށްލަން 6 މެއި 2021 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލު، އެ މައްސަލާގައި ދައުވާ ލިބޭ ތަހުމީން އަހުމަދުއަށް ވިއްކި ކަމަށް ބުނާ މީހާ މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ. ނަމަވެސް، އެއީ ތަހުމީންއަށް ވިއްކާފައިވާ ސައިކަލެއްކަން ސާބިތުކޮށްދޭން ދައުލަތުން ހާޒިރުކުރި މި ހެކިވެރިޔާއަށް ތަހުމީން މިއަދު ދެއްކުމުން އޭނާ ވަކިކޮށްދެވިފައި ނުވާއިރު، އޭނާ ބުނީ އެ ދުވަހު ދިމާވި މީހާ އާއި މިއަދު ކޯޓުން ފެންނަން ހުރި މީހާއާ ތަފާތު ކަމަށެވެ.

ވީ ކިހިނެއް؟ - 6 މޭގެ ހަމަލާއާ ގުޅިގެން ތަހުމީން، ފޮޅޭމާ/ގއ. ކޮނޑޭގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ. އެއީ:

  • ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ 

  • ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ 

  • ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ މައްޗަށް

ދައުލަތުން ތުުހުމަތުކުރާ ގޮތުގައި، ތަހުމީނަކީ ނަޝީދަށް ހަމަލާދިނުމަށް ގޮއްވާލި ސައިކަލްގެ ވެރިފަރާތެވެ. ނަަމަވެސް، ތަހުމީންގެ ފަރާތުން ބުނަނީ އޭނާ އަކީ ސައިކަލެއް ގަތުމުގެ ތަނަސްވަސްކަން ލިބިގެން ނުވާ މީހެއް ކަމަށެވެ. އެކަން ސާބިތުކުރަން އޭނާގެ ފަރާތުން ހެކި ހުށަހަޅާފައިވެ އެވެ. 

މިއަދު ހެކިބަސް ދިން ތިން ހެކިވެރިންގެ ތެރެއިން އެއް ހެކިވެރި އަކީ، އެ ސައިކަލަކީ ތަހުމީންގެ އެއްޗެއްކަން ސާބިތުކުރަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިއެކެވެ. ނަމަވެސް، އޭނާ މިއަދު ދިން ހެކިބަހުން ތަހުމީންގެ މައްޗަށް އެކަން ސާބިތުކުރަން ދައުލަތަށް އިތުރަށް ދަތިވެގެންދާނެ އެވެ.

ބުނީ ކީކޭ؟ - އެ ސައިކަލު ގަތް މީހާ ސީދާ ބުނަން ނޭނގޭ ކަމަށް ބުނެ އެ ހެކިވެރިޔާ މިއަދު ހެކިބަސް ދިނެވެ. އެކަމަކު އެ ސައިކަލު ރަޖިސްޓްރީކުރަން ފޮނުވި އައިޑީ ކާޑުގައި ވަނީ ތަހުމީން ނަމަކަށް ކިޔާ މީހެއްގެ މައުލޫމާތު ކަމަށް އޭނާ ބުންޏެވެ. ފުރިހަމަ ނަން ހަނދާނެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ސައިކަލު ވިއްކީ ތަހުމީން ނަމަކަށް ކިޔާ މީހަކަށް ކަމަށް ބުނާތީ، ތަހުމީންގެ ވަކީލު އަލީ ޝަފީއު ވަނީ، ކޯޓުގައި އޭނާއާ ޖެހިގެން އިން ތަހުމީން ދައްކައި އެ ދުވަހު ސައިކަލު ބަލަން ދިޔައީ އޭނާތޯ ސުވާލުކުރައްވާފަ އެވެ. އަދި އެއީ އޭނާތޯ ވަކިކޮށްދިނުމަށް ވެސް ވަކީލު އެދިވަޑައިގަތެވެ.

އެ އަޑުއެހުމުގައި ހެކިވެރިޔާ ބައިވެރިގެން އިނީ އޮންލައިންކޮށް ކަމަށް ވާތީ، ހެކިވެރިޔާ ފުރަތަމަ ބުނީ، ކޯޓުގައި އިން ތަހުމީން ރަނގަޅަށް ނުފެންނަ ކަމަށެވެ. އަދި އޭނާ ފަހުން ބުނީ، ކޯޓުގައި އިން މީހާ ފެންނަ ކަމަށާއި، ނަމަވެސް ކޯޓު ތެރެއިން ފެންނަން ހުރި މީހާ އާއި އެ ދުވަހު ބައްދަލުވި މީހާގެ ސިފަތައް ތަފާތު ކަމަށެވެ.

ހެކިވެރިޔާއަށް ތަހުމީން ނޭނގޭ ކަމަށް ބުނާތީ، ދައުލަތުގެ ފަރާތުން ވެސް އަދި ތަހުމީންގެ ވަކީލުންގެ ފަރާތުން ވެސް ވަނީ ތަހުމީން ޒޫމްކޮށްގެން ގާތުން ދައްކައިދިނުމަށް ވެސް އެދިފަ އެވެ. އަދި އެ ދުވަހު ފެނުނުއިރު ބޯ ތުނިކޮށް ކޮށާފައި ހުރި ކަމަށް ބުނާތީ، ތަހުމީންގެ އިސްތަށިގަނޑު ފަހަތަށް އައްސައި އަޅާފައި ހުރި އައިނު ނަގައިގެން ވެސް އެކި ގޮތްގޮތުން ތަކުރާރުކޮށް ހެކިވެރިޔާއަށް ތަހުމީން ވަރަށް ގާތުން ދައްކައި އޭނާއަށް ތަހުމީނު ވަކިކުރަން އެނގޭތޯ ވަކީލުން މަަސައްކަތްކުރައްވާފައިވެ އެވެ.

ނަމަވެސް، ދެން ވެސް ހެކިވެރިޔާ ބުނީ، އޭނާއާ އެ ދުވަހު ދިމާވި މީހާގެ ސިފަތައް ތަފާތު ކަމަށާއި މިއަދު ކޯޓުން ދެއްކި ތަހުމީންއާ މީގެ ކުރިން ދުވަހަކު ވެސް ދިމާވެފައި ނުވާ ކަމަށެވެ.

ސައިކަލު ވިއްކީ ތަހުމީން ކިޔާ މީހަކަށް ކަމަށް ހެކިވެރިޔާ ބުނާއިރު، އޭނާ ވަކިކުރަން ނޭނގުމުން، ގާޒީ ސޮފްހަތު ހަބީބް މިއަދު ވަނީ، ފުލުހުންގެ ތަހުގީގުގައި މީގެ ކުރިން ބަޔާން ދިން އިރު ފުލުހުން ތަހުމީންގެ ފޮޓޯއެއް ދައްކާފައި ނުވޭތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ހެކިވެރިޔާ ބުނީ އެ ފޮޓޯ ދައްކާފައި ނުވާ ކަމަށެވެ. 

ހެކިވެރިޔާ މިއަދު ކޯޓުގައި ބުނި ގޮތުން، އޭނާ ފުލުހުންނަށް ބަޔާން ދިނީ، އޭނާ ވިއްކި އެ ސައިކަލު ހަމަލާދިނުމުގައި ބޭނުންކޮށްފައިވާތީ ކަމަށް ބުނެ އޭނާގެ ބަޔާން ފުލުހުން ނެގުމުން ނެވެ. 

އޭނާ ދިން ހެކިބަހުގައިވާ ގޮތުން:

  • އެއީ ނޫކުލައިގެ ސައިކަލެއް؛ ސައިކަލުގެ ނަންބަރު ހަނދާނެއް ނެތް

  • ސައިކަލު ވިއްކާލީ ސޯޝަލް މީޑިއާ ޕްލެޓުފޯމެއްގައި ޖަހައިގެން؛ ވިއްކާލި ސީދާ ތާރީހު ހަނދާން ނެތް ނަމަވެސް، އެއީ ސިނަމާލެ ބްރިޖު ހުޅުވައި އެ ތަނުން ދަތުރުކުރަން ފެށި ދުވަސްވަރު

  • ސައިކަލު ވިއްކާލީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ފެނުމުން ގަންނަން ބޭނުންވެގެން ގުޅި މީހަކަށް؛ އެއީ ކުރިން ދަންނަ މީހެއް ނޫން

  • ސައިކަލު ވިއްކީ ތަހުމީން ކިޔާ މީހަކަށް ކަމަށް އެނގެނީ، ސައިކަލު ރަޖިސްޓްރީކުރަން އައިޑީ ކާޑު ފޮނުވުމުން؛ އައިޑީ ކާޑުގައި އިނީ ތަހުމީންކަން ހަނދާންވޭ، އެކަމަކު ފުރިހަމަ ނަން ހަނދާނެއް ނެތް

  • ފުރަތަމަ ސައިކަލު ބަލާފައި އެ ސައިކަލާ މެދު ހިތްހަމަޖެހޭ ކަމަށް ބުނުމުން އެހެން ދުވަހެއްގައި ތަޅުދަނޑިއާ އެކު ސައިކަލު ހަވާލުކުރީ ނަގުދު ފައިސާއިން 18،000ރ. ލިބުމުން؛ ސައިކަލާ ހަވާލުވާން އައީ ސައިކަލު ފުރަތަމަ ބަލަން އައި މީހާ ކަމެއް ހަނދާނެއް ނެތް

  • ސައިކަލު ބަލަން އައި މީހާ އާއި ސައިކަލާ ހަވާލުވާން އައި މީހާ ފެނުނަސް މިހާރު ނޭނގޭނެ 

އެނގުން މުހިންމު - މި މައްސަލާގައި މިއަދު އެ މީހާގެ އިތުރުން ދެ ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވެ އެވެ. އެ ދެ ހެކިވެރިން ހުށަހެޅީ އެ ހަމަލާގައި ނަޝީދަށް އަނިޔާވެފައިވާކަން ސާބިތު ކުރުމަށް ކަމަށް ވާތީ، އެ ހެކިވެރިންނާއި ދިފާއުން ކުރާނެ ސުވާލުތަކެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް