ތިލަމާލެ ބްރިޖުގެ މަސައްކަތް: މިއީ ހީކުރި ވަރަށް ވުރެ މާ ލަސްކޮށް ކުރިއަށް ދާ މަޝްރޫއުއެއް

ވިލިމާލެ ބްރިޖު

މިހާތަނަށް %77 ނިންމަން ޖެހުނަސް ނިމިފައި ވަނީ ބްރިޖުގެ އެންމެ %27 މަސައްކަތް

އިންޑިއާގެ އެފްކޮންސްއަށް ހަވާލުކުރި 6.2 ބިލިއަން ރުފިޔާގެ މި މަޝްރޫއު ތާވަލުކޮށްފައި އަންނަ އަހަރުގެ ނޮވެމްބަރަށް އެއްކޮށް ނިންމަން

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތުގެ އެއްބަސްވުމުގައި އޮތް ގޮތުން މިހާތަނަށް އެ މަޝްރޫއުގެ %77 ނިމަން ޖެހޭ ނަމަވެސް ނިމިފައި ވަނީ އެންމެ %27 މަސައްކަތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ނިމިދިޔަ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ގްރޭޓާ މާލެ ބްރިޖުގެ މަޝްރޫއު އެވެ.

  • މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ހިންގާ މަޝްރޫއެއް 

  • މަޝްރޫއުގެ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ 26 އޮގަސްޓް 2021ގައި

ބްރިޖް މަސައްކަތުގެ ތާވަލް:

  • މާލެ-ވިލިމާލެ ބްރިޖު ނިންމުން - ޖުލައި 2023 ނުވަތަ އެންމެ ލަސްވެގެން އޮގަސްޓް 2023އަށް

  • ވިލިމާލެ-ގުޅިފަޅު - ޑިސެމްބަރު 2023އަށް

  • ތިލަފުށި-ގުޅިފަޅު ގުޅާލައި މުޅި ބްރިޖު ނިންމުން - ނޮވެމްބަރު 2024އަށް

ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މުޅި ބްރިޖުގެ ދިގުމިން: 3.6 ކިލޯމީޓަރު

  • 220،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ތޮށިލުން

  • ބްރިޖާ ގުޅިގެންދާ 3 ކިލޯމީޓަރުގެ މަގާއި ފާލަން ހަދާނެ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތާވަލަށް ބަލާއިރު މިއަދާ ހަމައަށް ބްރިޖު މަސައްކަތުގެ %77 ނިމިފައި އޮންނަން ޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް، މިހާތަނަށް ނިމިފައި ވަނީ %27 މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި ބްރިޖުގެ މަސައްކަތުގެ ހާލަތު ދެނެގަނެ، މަސައްކަތް ލަސްވީ ކީއްވެތޯ ބަލަން ޖެހެ އެވެ. މަޝްރޫއު ނިމޭނެ ތާރީހެއް އެނގޭނީ ވެސް އޭރުން ކަމަށް ވިދާޅުވި އެވެ.

"ކޮން ކަމެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މި ހުރި ޗެލެންޖުތައް މި ހުރީ ނުވަތަ މިހާ ބޮޑު ގެޕެއް، ލަސްވުމެއް މި މަސައްކަތުގައި އުޅެނީ،" ފިރުޒުލް ވިދާޅުވި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނުވަތަ 'ހަފްތާ 14' އެޖެންޑާގައި ވެސް ބްރިޖު މަޝްރޫއު ލަސްވާން ދިމާވި ސަބަބުތައް ދެނެގަތުން ވަނީ ހިމަނައިފަ އެވެ.

އެ މަޝްރޫއު ރީޝެޑިއުލް ކުރުމަށް މަސައްކަތް ފެށޭނީ އެ ސަބަބުތައް ދެނެގަތުމަށް ފަހު ކަމަށް ފިރުޒުލް ވިދާޅުވި އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް