މިނިސްޓާ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާން (ފޮޓޯ/ ރައީސް އޮފީސް)

އެންޑީއޭއާ އެކު ބިދޭސީންގެ ކަންކަން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މޭންޑޭޓް ފުޅާކޮށްފި

އިމިގްރޭޝަންއާއި ޑީއެންއާރު ވެސް ދެން ހިންގާނީ އެ މިނިސްޓްރީގެ ދަށުން
19 ނޮވެމްބަރު 2023

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ހިންގުން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް އެ މިނިސްޓްރީގެ މެންޑޭޓް ވަރަށް ބޮޑަށް ފުޅާކޮށްފި އެވެ. ބިދޭސީންގެ ކޯޓާ ކަނޑައެޅުމާއި އިމިގްރޭޝަންގެ ކަންކަމަކީ ވެސް މިހާރު އެ މިނިސްޓްރީގެ މެންޑޭޓެކެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމާ އެކު، އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުން ވެސް ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި އެ މަނިކުފާނު ވަނީ އާ ހަތަރު މިނިސްޓްރީއެއް އުފައްދަވައި ކުރީގެ މިނިސްޓްރީތަކުގެ ބައެއް މެންޑޭޓުތައް އެކި މިނިސްޓްރީތަކުގެ މެދުގައި ބައްސަވާލައްވައިފަ އެވެ.

ތަފްސީލް- އެގޮތުން މި ސަރުކާރުގައި މެންޑޭތުތައް އެންމެ ބޮޑަށް ފުޅާކުރި އެއް މިނިސްޓްރީއަކީ ހޯމް މިނިސްޓްރީ އެވެ. އެ މިނިސްޓްރީގެ ނަން ވެސް ވަނީ "މިނިސްޓްރީ އޮފް ހޯމް އެފެއާޒް" އިން "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ" އަށް ބަދަލުކޮށްފަަ އެވެ.

އެ މިނިސްޓްރީގެ މެންޑޭޓުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ، ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެންޑީއޭ ހިންގުން އެ މިނިސްޓްރީއާ ހަވާލުކުރުމެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ އޭޖެންސީ ޖެންޑާ މިނިސްޓްރީން ހެލްތު މިނިސްޓްރީގެ ދަށަަށް ބަދަލުކުރީ މަސްތުވާތަކެތީގެ މައްސަލައަކީ ސިއްހީ މައްސަލައެއް ކަމަށް ގަބޫލުކޮށް، އެ މައްސަލަ ހައްލުކުރުމަށް ސިއްހީ މާހިރުންގެ އިރުޝާދު ބޭނުންވާ ކަމަށް ގަބޫލުކުރެވުމުން ނެވެ.

މަސްތުވާތަކެއްތި ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާގުޅޭ ގޮތުން ރައީސް އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކުރުމަކީ ވެސް އެ މިނިސްޓްރީގެ މެންޑޭޓެކެވެ.

މީގެ އިތުރުން ކުރިން ޑިފެންސް މިނިސްޓްރީގެ މެންޑޭޓުތަކުގެ ތެރޭގައި ހިމެނުނު އިމިގްރޭޝަނާ ބެހޭ ހުރިހާ ސިޔާސަތުތަކެއް ކަނޑައަޅައި އެކަންކަން ތަންފީޒުކުރުން ވެސް ވަނީ ހޯމް މިނިސްޓްރީގެ ދަށަަށް ބަދަލުކޮށްފަ އެވެ. ކުރިން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ވެސް ވަނީ ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި އެކަމާގުޅިގެން ކުރަން ޖެހޭ ކަންތައްތައް ރާވައި ހިންގުން ވެސް ވަނީ އެ މިނިސްޓްރީގެ ދަށަަށް ބަދަލުކޮށްފަ އެވެ. އެއީ ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓެކެވެ.

ޓެކްނޮލޮޖީގެ ދާއިރާއާ ގުޅިގެން އެ މިނިސްޓްރީގެ މެންޑޭޓުތަކުގެ ގޮތުގައި ހިމަނާފައިވަނީ:

  • ރާއްޖޭގެ ސައިންސް އެންޑް ޓެކްނޯލޮޖީއާއި އިންފޮމޭޝަން ޓެކްނޯލޮޖީއާބެހޭ ސިޔާސަތު ކަނޑައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން

  • ދައުލަތުގެ ޑޭޓާ ސެންޓަރުތައް ގާއިމުކުރުމާއި ޑޭޓާ އިންޓަގްރޭޓް ކުރުމާއި ޑޭޓާ މެނޭޖްކޮށް، ޑޭޓާ ރައްކާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން

  • ސައެންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ހިންގުން

  • ގައުމީ ތަރައްގީގެ ޕްލޭންގައި އެކަށައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް، ސައެންސާއި ޓެކްނޮލޮޖީގެ މާސްޓާޕްލޭން އެކުލަވާލައި ތަންފީޒުކުރުން

  • ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ރާވައި ހިންގުން

  • ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އައު ޓެކްނޮލޮޖީ ރާއްޖެއަށް ތައާރުފުކުރުމާއި އެފަދަ ޓެކްނޮލޮޖީއާބެހޭ މިންގަނޑުތައް ކަނޑައެޅުން

  • ގައުމީ ސައިންސް ފައުންޑޭޝަން ގާއިމުކުރަނީ

  • ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީގެ ޕާކްތަކާއި އިންޓަރެކްޓިވް ސެންޓަރުތަކާއި އިންކިއުބޭޓާތައް ގާއިމުކުރުމާބެހޭ ސިޔާސަތުތަކާއި ސްޓްރެޓަޖީތައް ކަނޑައަޅައި، މިފަދަ ތަންތަން ގާއިމުކޮށް ހިންގުން

  • ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް ސްޓެރެޓެޖީތައް އެކުލަވައިލައި، ރިސާޗް އެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތައްކުރުމަށް ގްރާންޓް ދިނުން.

  •  ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް