މުއިއްޒު ހުވާކުރައް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ސްޓޭޓު ކައުންސިލަރު ޝެން ޔިޗިން އެއާޕޯޓުގައި. (ފޮޓޯ/ޗައިނާ އެމްބަސީ)

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި 46 ގައުމަކުން 120އަށް ވުރެ ގިނަ މަންދޫބުން؛ ލަންކާއިން ރައީސް ރަނިލް

އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައި
16 ނޮވެމްބަރު 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ގައުމަކުން 120އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު، އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ރާއްޖެ ވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ. އެ އިދާރާ އިން ބުނި ގޮތުގައި، ސްެރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް އެ ރަސްމިއްޔާތަށް މިރޭ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ވީ ކިހިނެއް؟ - މާދަމާ ހަވީރު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކުރިން ބުނެފަ އެވެ.

ތަފްސީލް - މަޖިލީހުގެ އިދާރާ އިން މިއަދު ބުނި ގޮތުގައި، 46 ގައުމަކުން 120އަށް ވުރެ ގިނަ މަންދޫބުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނާނެ އެވެ.

"މިނިސްޓަރުން ފެންވަރުގެ ގިނަ ބޭފުޅުން މިހާރު ރާއްޖެ ވަޑައިގެންފި. ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިރޭ ރާއްޖެ ވަޑައިގަތުމާ އެކު، ހުރިހާ ބޭރުގެ އިއްޒަތްތެރިން ރާއްޖެ ވަޑައިގަނެ، ނިމޭނެ،" މަޖިލީހުގެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާރު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

އެނގުން މުހިންމު - މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް:

  • އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާއްސަ ވަފްދެއް ފޮނުއްވަން ވަނީ ނިންމަވާފައި؛ އެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ، އެމެރިކާ އިން ގައުމުތަކަށް ދޭ އެހީ ވިލަރެސް ކުރާ އިދާރާ ކަމަށްވާ ޔޫއެސްއެއިޑްގެ ވެރިޔާ ސަމަންތާ ޕަވާ

  • ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބަކު ބައިވެރިވެވަޑައިގަންނަވާނެ؛ އެއީ އިއްޔެ ރާއްޖެ ވަޑައިގެންނެވި ސްޓޭޓު ކައުންސިލަރު ޝެން ޔިޗިން

  • އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވަނީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ

  • ބައެއް ގައުމުތަކުގެ ނައިބު ރައީސުން ވެސް ބައިވެރިވެވަޑައިގަންނަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް