ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމްކޮށްފައިވާ އަދީބާއި ޒިޔަތަށް ރައީސް ސޯލިހު ވަނީ އިއްޔެ މައާފުދެއްވާފައި. (ފޮޓޯ/ރައީސް އޮފީސް)

އަދީބު އާއި ޒިޔަތު މިނިވަން ކުރުން ބަލައެއް ނުގަނެވޭ: އަދާލަތު ޕާޓީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީ އިން އެކަން ކުށްވެރިކުރި ނަމަވެސް އެ ޕާޓީ އަށާއި އިމްރާނަށް އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި
14 ނޮވެމްބަރު 2023
1

ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވި ބަޔަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ވީ ކިހިނެއް؟ - އަދާލަތުން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މައާފުދެއްވަފައި ވަނިކޮށެވެ.

ބުނީ ކީކޭ؟ - "ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފުވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިޔުމަކީ މި ޕާޓީން ބަލައިގަންނަ ކަމެއް ނޫން،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީން މިއަދު އެކްސްގައި ބުނެފައިވެ އެވެ.

އެނގުން މުހިއްމު - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ދަށުން ޒިޔަތު 32 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމްތައް އިއްވާފައިވީ ނަމަވެސް، މި ސަރުކާރުން ވަނީ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. މި ވެރިކަމުގެ ބޮޑު ބައެއް ދެ ބޭފުޅުން ހޭދަކުރެއްވީ ގޭގަ އެވެ.

ފާހަގަކޮށްލެވޭ - މި ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުގެ ޕޯސްޓާ ގުޅިގެން އާންމުން އަންނަނީ އެ ޕާޓީއަށާއި އިމްރާނަށް ފާޑުކިޔަމުންނެވެ. އެގޮތުން އަދާލަތަކީ އެ ނިންމުން ނިންމި މި ސަރުކާރުގައި ހިމެނޭ ޕާޓީއެއްކަން އެ މީހުން ފާހަގަކުރެ އެވެ. އަދި ވެރިކަމުގެ ބާރު ދިޔުމުން ސަރުކާރަށް "ބަވަން" ފެށީ ކަމަށާއި އަދާލަތު ޕާޓީއަށް "ނިދިން ހޭލެވުނީ" އަދި ކިރިޔާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ފަސްމަންޒަރު - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 3.2 ބިލިއަަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވައްދައި އެކި ބޭނުންތަކަށް ބޭނުންކުރި އެވެ.

ރައީސް ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދާނެ ކަމުގެ ވައުދާ އެކު އެވެ. ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، އެއިން އެންމެ ފައިސާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.

މި ހިޔާނާތާ ގުޅޭ މައްސަލައެއްގައި ޔާމީނަށް 11 އަހަރުގެ ޖަލުގެ ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު، މިދިޔަ ދެ އަހަރުގައި ޖަލުގައި ހުންނެވި ޔާމީން ވަނީ މިދިޔަ މަހުގެ 1ގައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ ހުކުމް އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ.

ކޮމެންޓް (1)

ސަލަބުރޭޓް

15 ނޮވެމްބަރު 2023
ކީކޭތޯ؟ ސަލަބުރޭޓް ކުރީޔޭ؟ ބުނަންތޯ ބަޔާން ނެރޭނެ ކަމެއްނެއް އަދިވެސް ޤައުމުގެ ހޯމް މިނިސްޓަރަކަށް ހުރީ އިމްރާން އޭނަގެ ދަށުގަ ޖަލުތަކާ ޕްލިސް ފޯސް އޮތީ ބަޔާން ނެރުމުގެ ބަދަލު ޤައުމަށް ހެޔޮއެދޭނަމަ ތިޔަދެމީހުން ހިފާ ހައްޔަރުކުރޭ އަވަހައް
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް