ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/ މަޖިލީސް)

ހަސަން އަފީފް

އަފީފް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް ބުނެ މައްސަލަ ބަލަނީ

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ބަައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 12އަށް
12 ނޮވެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު އެޖެންޑާކުރި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާ ކަމަަށް ބުނާ މައްސަލައެއް ބެލުމަށް މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމަައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމާ އެކު، މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާއިރު، މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާއަށް ވެސް އީވާ ވަނީ ސަލާމް ވިދާޅުވެފަ އެވެ. އެހެންވެ، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ވިލިފުށީ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފް އެވެ.

ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ތަމްސީލުކުރައްވާ އަފީފް ނިންމެވީ އެ ޕާޓީގެ ޕީޖީން ނިޒާމީ މައްސަލަ ނަގައި އެދުނު ގޮތަށް، އެމްޑީޕީން ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެ ގަރާރު އަލުން ހުށަހެޅުމަށް ވެސް އަފީފް އެންގެވި އެވެ.

ތަފްސީލް - އެ މައްސަލައިގައި އެމްޑީޕީ މެމްބަރުން ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖްކޮށް، ނުރުހުން ފާޅުކުރަމުންނެވެ. އަފީފާ ދެކޮޅަށް ކޮމިޓީއަށް މައްސަލަ ހުށަހަޅަައި މިއަދުގެ މެންދުރު 12އަށް އެ ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - ގަރާރު އަލުން ހުށަހެޅުމަށް މިއަދު 11:30އަށް އެ ގަރާރާ ގުޅޭ އިތުރު ޖަލްސާއެއް ތާވަލުކުރުމުން، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކުރިން ސަލާމުގައި ހުންނެވި އީވާ އެވެ.

ނަމަވެސް، ޖަލްސާ ފައްޓަވައި އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ގޮތެއް ނިންމާފައިވާ ކަމަށާއި އެހެންވެ، އެ ގަރާރު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން އިއުލާންކުރެއްވުމަށް ފަހު، އީވާ ވަނީ ފަސް މިނިޓު ވެސް ނުވެ، އެ ޖަލްސާ ނިންމާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް