ސްޓާލިންކުގެ ޑިޝްއެއް.

އިންޓަނެޓް

ސްޓާލިންކުގެ އިންޓަނެޓް ހިދުމަތް ރާއްޖެއަށް ލިބެން ފަށައިފި؛ 200އެމްބީޕީއެސް ސްޕީޑުގައި މަހަކު 1،000ރ.އަށް

އެ ހިދުމަތް ހޯދުމަށް ހަރުކުރަން ޖެހޭ ކުޑަ ޑިޝް އެންޓަނާ އާއި ރައުޓަރު ފަދަ ތަކެތި ހިމެނޭ ސެޓަޕް ކިޓަށް 10،000ރ. ދައްކަން ޖެހޭ
10 ނޮވެމްބަރު 2023
6

އެމެރިކާގެ މަހުޖަނު އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނިން ފޯރުކޮށްދޭ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓްގެ ހިދުމަތް ރާއްޖޭގައި ބޭނުންކުރެވެން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ނުވަތަ ހުއްދަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިދިޔަ 24 އޮގަސްޓްގައި އެ ކުންފުންޏަށް ދޫކޮށްފައި ވާއިރު، ރާއްޖެ އަކީ މިހާރު އެ ހިދުމަތް ލިބޭ ގައުމެއް ކަމަށް ސްޓާލިންކުގެ ވެބްސައިޓުން ދައްކަ އެވެ.

މީގެ އިތުރުން، ސްޓާލިންކް ހިދުމަތް ބޭނުންކުރަން އޯޑަރުކޮށްފައިވާ މީހުންނަށް އެ ކުންފުނިން ވަނީ އެ ހިދުމަތް މިހާރު ރާއްޖޭގައި ލިބޭނެ ކަމަށް ބުނެ، ރޭ ދަންވަރު އީމެއިލް ވެސް ފޮނުވާފަ އެވެ.

ތަފްސީލް - ސްޓާލިންކުގެ ހިދުމަތް ރާއްޖޭގައި ބޭނުންކުރުމަށް ދައްކަން ޖެހޭ އަގަކީ:

  • އެ ހިދުމަތް ހޯދުމަށް ހަރުކުރަން ޖެހޭ ކުޑަ ޑިޝް އެންޓަނާ އާއި ރައުޓަރު ފަދަ ތަކެތި ހިމެނޭ ސެޓަޕް ކިޓަށް 10،000ރ.

  • އޭގެ ފަހުން ކޮންމެ މަހަކު 1،000ރ.

އެ އަގަށް، މި ހިދުމަތް މެދުވެރިކޮށް 200 އެމްބީޕީއެސްއާ ހަމައަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް ސްޓާލިންކުން ބުނެފައިވެ އެވެ.

އެނގުން މުހިންމު - ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން މިހާރު ދޭ 100އެމްބީއެސް ޕެކޭޖުތަކުގެ މަހު ފީ އުޅެނީ 2،000ރ. އިން މަތީގަ އެވެ.

ސްޓާލިންކުން އިންޓަނެޓުގެ ހިދުމަތް ދޭން ފެށުމާ އެކު ރާއްޖޭގައި ހަތަރު ފަރާތަކުން އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެ އެވެ. އެއީ ސްޓާލިންކުގެ އިތުރުން، މިހާރު ވެސް ހިދުމަތް ދޭ ދިރާގާއި އުރީދޫ އަދި ފޯކަސް އެވެ.

ކޮމެންޓް (6)

އާދަމް އަލީ

10 ނޮވެމްބަރު 2023
ޚިދުމަތް ހޯދާފަ އެއިން މަސައްކަތްކުރަންފެށީމަ އެނގޭނީ ހަމަ ހަގީގަތުގައިވެސް ދިރާގާއި އުރީދޫގެ ޚިދުމަތައްވުރެ ސްޕީޑު ބާރުވެފަ ޚަރަދު ކުޑަވޭތޯ. ޚަބަރުގަ ތިއޮތީ ފުރިހަމަ މައުލޫމާތުނަމަ އޯކޭ. ކޮންމެވެސް ލިމިޓެއްނަމަވެސް ކޮންމެވެސް ޔޫސޭޖެއްނަމަވެސް އެއްޗަކަށް ކޮންމެވެސް މިނެޓެއްނަމަވެސް ވެގެން އިތުރު ފީއެއް ނޫނީ ޓޮޕަޕެއް ހަދަން ނުޖެހުނިއްޔާ ދެން މިތާ މިހާރު ހުރި އިންޓަނެޓް ގެންގުޅޭނީ ވަރަށް މަދުބަޔަކު. ދިރާގުތަންތަނުން ކޮންމެވެސް ގޮތެއް ހަދަންޖެހޭނެ މިބާޒާރުގައި ތިބެންޏާ.
3 1

މަސީހު

10 ނޮވެމްބަރު 2023
ކަނެކްޝަން ފީބޮޑުވުމުން ތަންކޮޅެއް ލަހުން މިކަނެކްޝަން އާންމުންނަށް ލިބޭނީ، ދިރާގު އަދި އުރީދޫގެ އަގުތައްވެސް ކުޑަކުރާނެކަމަށް ލަފާކުރެވޭ
2 0

އާދަމް އަލީ

10 ނޮވެމްބަރު 2023
@މަސީހު ކުޑަކޮށްގެން ދެން އުޅެވޭނީ. ކޮމްޕެޓިޝަންގެ ނަތީޖާއަކީ އެއީ. ކޮމްޕެޓިޝަން އައިމަ ކަސްޓަމަރުންނަށް ރަގަޅުގޮތްތައްވާނެ. ހީވަނީި ދެން ޖެހޭނީ ކުޑަކުރަންހެން. އެމީހުންނަކީ ސޮނީއެރިކްސަން ފާޑެއްގެ ޗީޕް ފޯނެއް ގެނެސް ފަނަރަހާސް ރުފިޔާއަށް ވިއްކިބައެެއް. އޭރު ބޭރުން ގެނެސްގެން ބޭނުންވެސް ނުކުރެވުނު ތޯއްޗެއް.
1 0

މައުލޫމާތު.

10 ނޮވެމްބަރު 2023
މިހާބޮޑެތި އަގުތައްދީގެން ހަމަ މިކަންކުރަންޖެހެތޯ؟ މިއުޅެނީ ބަނޑުހައިހޫނުކަންވެސް ފިލުވާނުލެވިގެން، ރަނގަޅު ސިއްހަތެއްވެސް ނުލިބިގެން، ދަރީންނަށް އެކަށީގެންވާ ތައުލީމެއްވެސް ހޯދައިނުދެވިގެން، އަޅޭ ބޭރުމީހުންގެމިފަދަ ކެހިވެރިމަޅިތަކުން ސަލާމަތްވާކަށް ނުވޭތޯ؟
4 4

ދިރާސާ

10 ނޮވެމްބަރު 2023
ތިޔަ ފަދަ ޑިޝް އެންޓަނާ ރައުޓަރ ފަދަ ރޭޑިއޭޝަން ބޭރުކުރާ އާލާތްތަކުން ގޮތްނޭނގޭ ފާޑުފާޑުގެ ބަލިތައް އިތުރު ވުމުގެ ފުރުސަތު އޮވޭ.
4 14

އޮށަނި

10 ނޮވެމްބަރު 2023
@ދިރާސާ ދަރިފުޅު ކިޔަވައި ވިދާޅުވީ އިހްޒަމާނުގެ އެދުރުގެއިން ކަމުގައި ވަންޔާ ތީ ގަބޫލު ކުރެވިދާނެ ހަގީގަތެއް
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް