ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ތިލްމީޒާ ހުސައިން އދގެ މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު

ރާއްޖެ-އދ

އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ހުޅަނގުގެ ގައުމުތަކުން މަސައްކަތް ނުކުރާތީ ރާއްޖެއިން ފާޑުކިޔައިފި

އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ތިލްމީޒާ ވިދާޅުވީ އިޒްރޭލުގެ އަމަލުތައް ހުއްޓުވަން ނުކުޅެދޭ ކޮންމެ ގައުމެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް

ގާޒާ އާއި ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުގެ ސިފައިން ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ފިޔަވަޅު ނާޅާތީ އެ ސިޔާސަތަށް ރާއްޖެއިން އެ ގައުމުތަކަށް އދ. ގެ އާންމު މަޖިލީހުގައި ފާޑުކިޔައި އަޑުއުފުލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އިން މިގޮތަށް ގޮވާލީ ގާޒާ ހަނގުރާމައާ ގުޅޭ ގޮތުން ބޭއްވި އެ އިދާރާގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. 

ތަފްސީލް - އެ ތަގުރީރުގައި ތިލްމީޒާ ވަނީ ގާޒާގެ ހަނގުރާމައިގެ ފެށުމަކީ އިޒްރޭލުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްތީނަށް ކުރިމަތިކުރަން ފެށި ލޭއޮހޮރުވުމާއި ފިއްތުންތަކުގެ ނަތީޖާއެއްކަމުގައި ސިފަކުރައްވާފަ އެވެ. އަދި މިހަމަނުޖެހުމުގެ ޝިކާރައަކަށްވެފައިވާ ގާޒާގެ ދެ މިލިއަން ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންކަން ފާހަގަކުރައްވައި އެކަމާމެދު ރާއްޖޭގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ބުނީ ކީކޭ؟ - ތިލްމީޒާ ވަނީ، އިސްރާއީލް އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގެއްލެމުންދާ މައުސޫމު ފުރާނަތަކަކީ ހަމައެކަނި ހަނގުރާމައެއްގެ ސަބަބުން ލިބެމުންދާ ގެއްލުމެއްކަމުގައި ދެކި އެކަން ހުއްޓުމަކަށް ގެނައުމަށް ނުކުޅެދޭ ކޮންމެ ގައުމެއްގެ ތެދުވެރިކަމާ ނަޒާހާތްތެރިކަމާ މެދު ވެސް ސުވާލުއުފައްދަވާފަ އެވެ. އަދި އެފަދަ އަމަލުތައް ބަލައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހަމަތަކާއި އުސޫލުތަކާ ހިލާފުކަމެއްކަމުގައި ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާގެ ވާހަކައިގައި ވަނީ: 

  • ސިއްހީ ފަރުވާދޭ އެކި މަރުކަޒުތަކަށާއި ޖަބަލިއާ ރެފިއުޖީ ކޭމްޕް ފަދަ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި މިސްކިތްތަކުގެ އިތުރުން އިންސާނިއްޔަތަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައި

  • ހަލަބޮލި ސިޔާސީ މަޝްރަހެއްގެ ތެރޭގައި ހަމަޖެހުމާއި އިންސާފު ގާއިމުކުރުމަށް އދ. ގެ އާންމު މަޖިލީހުން ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ 

  • ގާޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ

ގުޅުންހުރި ކަމެއް -  އިޒްރޭލުން ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލަން ފިޔަވަޅުތައް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކުރި މަސައްކަތަށް އެމެރިކާއިން ހުރަސް އަޅައި އެ ގަރާރުތައް ވީޓޯ ކުރުމުން އެކަން ވަނީ ހުއްޓިފަ އެވެ. 

ކޮމެންޓް (1)

ގަމީހެއް

2 ނޮވެމްބަރު 2023
ފާޑުކިޔާ ބަޔާން ނެރުމަކުން ކަމެއް ކުރެވުނީކީ ނޫނެވެ. ނިކަން ކަމެއް ކުރަންޏާ އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވަބަލަ! ނަމަކަށް ކަމެއް ނުކުރިޔަސް އަހަރުންނަށް އޯކޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް