ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ޕީޕީއެމް އޮފީހުގައި ވާހަކަފުޅު ދައްކަވނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒަށް ޔާމީން ދެއްވި ޓެސްޓު: އިންޑިއާ ސިފައިން ފޮނުވާލުމާއި ގެއްލުނު ކަނޑު ހޯދުން

މުއިއްޒުގެ ވެރިކަން ދެބައި ނުވަނީސް އިންޑިއާ ސިފައިން ފޮނުވާލެވެން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ކަމަކީ، އިންޑިއާ ސިފައިން ބޭލުގެ މަސައްކަތާއި ރާއްޖޭގެ ދެކުނުން 'ގެއްލުނު' ކަނޑުގެ ސަރަހައްދު ހޯދުން ކަމަށް ވިދާޅުވެ، އެ ޓެސްޓުން އެމަނިކުފާނު ފާސްވާން ޖެހޭނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، މިހާރު ގޭ ބަންދެއްގައި ހުންނެވި ޔާމީން މިރޭ ވަނީ، ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން، ގަޑިއެއްހާއިރަށް ވާހަކަ ދައްކަވާފަ އެވެ.

މުޅި ވާހަކަ ބިނާކުރެއްވީ، މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު އިސްކަން ދޭން ޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތާއި 'ގެއްލުނު ކަނޑު' ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމުގެ މައްޗަށެވެ. 

ބުނީ ކީކޭ؟ - "އެންމެ ބޮޑު ދެ މައްސަލަ. މި ދެ މައްސަލަ ހައްލުވެއްޖިއްޔާ އަޅުގަނޑަށް ފުދޭ. އެވަރުން އަޅުގަނޑު ބުނާނަން، ދިވެހި ރައްޔިތުން، ޕީޕީއެމް- ޕީއެންސީގެ މިހާރު މި ހޮވިފައި އޮތް ވެރިކަމަށް ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭން. އެވަރުން ފާސް މާކްސް ދޭނަން އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.

 ޕީޕީއެމް އޮފީހަށް ޔާމީން ވަޑައިގަތުމުން ސަޕޯޓަރުން ސަލާންކުރަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ތަފްސީލު - ޖަލްސާގެ ޕޯޑިއަމްއަށް އަރާވަޑައިގެން ޔާމީން ފުރަތަމަ ވެސް ވިދާޅުވީ މިރޭގެ ޖަލްސާގައި އެމަނިކުފާނު ވާހަކަ ދައްކަވަން ފުރަަތަމަ އެޖެންޑާގައި ނެތް ނަމަވެސް، 'ބަންދަށް ލިބުނު ކޮންމެވެސް ވަރެއްގެ ލުއިތަކާ އެކު' ޕާޓީގެ 'ވަލިއްޔުލް އަމުރު'ގެ ހައިސިއްޔަތުން ދަންނަވަން ހުރި ވާހަކަތަކެއް ހުރުމުން ވާހަކަ ދައްކަވަން ބޭނުންފުޅުވީ ކަމަށެވެ.

އިންޑިއާ ސިފައިންގެ މައްސަލަ އާއި ގެއްލުނު ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން ދެއްކެވި ވާހަކައަކީ އިދިކޮޅުގައި އޮތް އިރު ޕީޕީއެމް-ޕީއެންސީން އެންމެ ގަދައަށް ދެއްކި ވާހަކަތައް ކަމަށް ވިދާޅުވި އެވެ. އަދި އެ ދެ ކަންތަކާ ގުޅޭ ގޮތުން އިންތިހާބީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލުތައް ބަހައްޓަވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޔާމީން ވިދާޅުވީ ރައްޔިތުން މުއިއްޒަށް ވޯޓު ދިނީ ވެސް އެކަންކަމަށް އިތުބާރުކޮށްގެން ކަމަށެވެ. އެހެންކަމުން އެ ދެ ވައުދުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ހުރިހާ ވާހަކައެއް ދައްކާފައި، ދިވެހި ރައްޔިތުންގެ އިތުބާރު ހޯދައިގެން ލިބުނު ވޯޓެއް ޑރ. މުއިއްޒަށް ލިބުނު ވޯޓަކީ، [ނުވަތަ] އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުން ދިން ވޯޓަކީ. އެއީ، އަމާނާތެއް. އެ އަމާނާތް ދަމަހައްޓަން ޖެހޭނެ،" ޕީޕީއެމް-ޕީއެންސީ ލީޑަޝީޕްގެ މަދު ބަޔަކު ހާޒިރުވެވަޑައިގެންވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

"އިންޑިއާއާ އަކު، ރަހުމަތްތެރި ވާހަކަތަކެއް ދައްކައިގެން، މުއްދަތުތަކެއް ކަނޑައަޅައިގެން އެބަ ޖެހޭ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން. މި ފަސް އަހަރު ތެރޭގައި ބޮޑު ބައި ނުދަނީސް، އިންޑިއާ އަސްކަރިއްޔާ މި ރާއްޖެއިން ފައިބަން ޖެހޭނެ."

މިރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާގައި ދެ ޕާޓީގެ ބައެއް ބޭފުޅުން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ޔާމީން އިތުރަށް ވިދާޅުވީ:

  • މުޅި ގައުމު މިއޮތީ ރަހުނު ކޮށްފައި؛ މިނިވަންކަމެއް ނެތް

  • އިންޑިއާގެ ދޭދޭ ފަރުދުންނާ މެދު އެއްވެސް މައްސަލައެއް ނެތް؛ އެ ގައުމުގެ ޗަޕާތީ އާއި ބިރިޔާނި ވެސް މީރު

  • ނަމަވެސް އެ ގައުމުގެ ސިފައިން ތިބުމަށް ތާއީދެއް ނުކުރެވޭނެ؛ އެއީ، ކޮމްޕްރޮމައިޒް ކުރެވޭނެ ކަމެއް ނޫން

އިންޑިއާގެ މައްސަލަ މުއިއްޒު ހައްލުނުކުރައްވައިފި ނަމަ، މަޖާޒީ ގޮތެއްގައި ޔާމީން ވިދާޅުވީ، ދެން ނުކުންނާނީ 'އިންޑިއާ އައުޓް'ގެ ބަދަލުގައި 'އިންޑިއާ އިން' ޖަހައިގެން ކަމަށެވެ.

'އިޓްލޮސްއަށް އަލުން މައްސަލަ ހުށަޅަން ޖެހޭ'

ރާއްޖޭގެ އިގްތިސާދީ ސަރަހައްދާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެ ސަރަހައްދު ގެއްލުނު ގޮތް މުއިއްޒުގެ ސަރުކާރުގައި ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ. އެއީ މި ސަރުކާރުން 'ފަސޭހަކަމާ އެކު ދޫކޮށްލި' ސަރަހައްދެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރު، މިކަން [ކަނޑުގެ ސަރަހައްދު ގެއްލުނު ގޮތުގެ ތަހުގީގު] ކުރާނީ ކިހާ މިންވަރަކަށްތޯ، ކިހާ އަވަހަކަށްތޯ، އެއީ ދެން [އިންތިހާބީ] ރައިސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތް ކަމެއް. އެހެން ނަމަވެސް އަޅުގަނޑާއި އަޅުގަނޑަށް ތަބާވާ ހުރިހާ އެންމެން ޕީޕީއެމް-ޕީއެންސީގެ ހުރިހާ އެންމެން ބޭނުންވާނެ މި ދެންނެވި ބޮޑެތި އިހުމާލުތައް [ނުވަތަ] ޖަރީމާތައް، އެ އިންސާފު ލިބުމަކީ ދިވެހި ރައްޔިތުން ބޭނުން ވާނެ ކަމެއް. އެކަން ވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެތަން ހޯދަން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށް، މުއިއްޒުގެ ސަރުކާރުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އެ މައްސަލަ އަލުން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕާޓީގެ އިންތިހާބީ ރައީސް އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ކަންކަމުގެ ތެރޭގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިޓްލޮސްގައި އަޅުގަނޑުމެންގެ އިހުތިޖާޖު ރަޖިސްޓްރީކުރަން. ހުވާ ކުރުމުގެ ކުރިން ވެސް އަޅުގަނޑުމެން އެބަ ޖެހޭ އެ މައްސަލަ ރެޖިސްޓްރީ ކުރަން،" މުއިއްޒާ ވެސް އެމަޝްވަރާ ކުރައްވާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (1)

ހަސަން

31 އޮކްޓޯބަރު 2023
ހާދަ އަވަހަކަށް ފުއްޕަން ފެށީ. .... މުއިއްޒު ސަލާމަތްކޮށް ދިނީ...... ޑޯންޓް ފޮގެޓު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް