ހައި ކޯޓު

ހައި ކޯޓު

ނަހަލާލަށް ވިހެއުމަށް ފަހު ފިލި ބިދޭސީއެއްގެ ދަރިއަކަށް ރާއްޖޭގެ ރަށްވެހިކަން ދޭން ޖެންޑާ އިން ހުށަހެޅި މައްސަލަ ބަލައިނުގަތީ ރަނގަޅަށް: ހައި ކޯޓު

އިންޑޮނޭޝިއާގެ އަންހެނަކު ދިވެއްސަކާ އިންތާ ހަތަރު މަސް ފަހުން ވިހޭ މި ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށުގައި ހުންނަތާ 11 އަހަރު ވަނީ ވެފައި؛ ދިވެހި ރަށްވެހިކަން ދޭން ދައުލަތުން މަސައްކަތްކުރަނީ އެ ކުއްޖާގެ މަންމަ ހޯދަން އުޅެ ފެނިފައިނުވާތީ

ނަހަލާލަށް ބަނޑުބޮޑުވުމުން ދިވެއްސަކާ ކައިވެނިކޮށް، ވިހެއުމަށް ފަހު، ރާއްޖެއަށް ކުއްޖާ ދޫކޮށްލާފައި ފިލި އިންޑޮނޭޝިއާގެ އަންހެނަކު ހޯދިފައިނުވާތީ، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަތާ 11 އަހަރު ވެފައިވާ އެ ކުޑަކުއްޖާއަކީ ދިވެއްސެއްގެ ދަރިއެއް ކަމަށް ނިންމައިދީ، ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ފެމިލީ ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިންޑޮނޭޝިޔާގެ އަންހެނަކު 9 ސެޕްޓެމްބަރު 2007ވަނަ ދުވަހު އައިޖީއެމްއެޗްގައި އަންހެން ކުއްޖަކު ވިހާފައިވެ އެވެ. ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ވާގޮތުން:

  • މި ކުއްޖާ ވިހެމުގެ ހަތަރު މަސް ކުރިން ސްރީ ލަންކާގެ 'މުސްލިމް މެރިއެޖް ރެޖިސްޓާ' މެދުވެރިކޮށް 19 އެޕްރީލް 2007ގައި އަންހެންމީހާ ވަނީ ދިވެހި ފިރިހެނަކާ ކައިވެނިކޮށްފައި

  • އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ މި ކުއްޖާ އުފަންވީ ފަހުން 5 ޖަނަވަރީ 2008ގައި

  • ކުއްޖާ ވިހެއުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޕާސްޕޯޓު އާކުރުމަށް ކަމަށް ބުނެ، ކުއްޖާގެ މަންމަ ކުއްޖާއާ ވަކިން ރާއްޖެ އިން ފުރައިގެން ދިޔުމަށް ފަހު އެނބުރި އައިސްފައެއް ނުވޭ؛ ދައުލަތުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައެއް ނުވޭ

  • 30 މެއި 2010ގައި ކުއްޖާއަށް ވަގުތީގޮތުން އުފަންދުވަހުގެ ސެޓްފިކެޓެއް ހަދާފައިވީ ނަަމަވެސް ނަސަބު ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ދާއިމީ ސެޓްފިކެޓެއް މިހާތަނަށް ކުއްޖާގެ ނެތް؛ ކުއްޖާގެ އުމުރުން މިހާރު 16 އަަހަރު

ވީ ކިހިނެއް؟ - އިންޑޮނޭޝިއާގެ އެ އަންހެން މީހާ ފިލައިގެން ދިޔަ ފަހުން 2012 ވަނަ އަހަރާ ހަމަޔަށް އޭނާގެ ދަރިފުޅު ހުރީ ރާއްޖެ އިން އެ އަންހެންމީހާ ކައިވެނިކުރި ފިރިހެންމީހާގެ މަންމަ ކައިރީގަ އެވެ. ނަމަވެސް، ކުއްޖާ އިތުރަށް ބެލެހެއްޓެން ނެތް ކަމަށް ބުނެ، 28 ނޮވެމްބަރު 2012ގައި ޖެންޑާ މިނިސްޓްރީއަށް އެ އާއިލާގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވެ އެވެ. އެ ޝަކުވާއާ ގުޅިގެން އެ މިނިސްޓްރީން ބެލިބެލުމުން، ކުއްޖާއަކީ ދިވެހި ފިރިހެންމީހާ އާއި އެ އާއިލާގެ އެއްވެސް ފަރާތަކާ ޝަރުއީ އަދި ގާނޫނީ ގޮތުން ގުޅުމެއް ހުރި ކުއްޖަކަށް ނުވާތީ ޖެންޑާގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ޖެންޑާ އިން ކޯޓުގައި ބުނެފައިވެ އެވެ.

އޭގެ ފަހުން:

  • 6 ނޮވެމްބަރު 2018 - ދިވެއްސަކަށް ރާއްޖޭގެ ގާނޫނުއަސާސީން ލިބެންޖެހޭ އެންމެހައި ހައްގުތައް އެ ކުއްޖާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ޖެންޑާ އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި

  • 30 އެޕްރީލް 2019 - ކުއްޖާގެ ބައްޕައަކީ ދިވެއްސެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށާއި އެ ކުއްޖާއަކީ ދިވެހި ރަށްވެއްސެއް ކަމަށް ކަނޑައަޅައިދިނުން އެދި ޖެންޑާ އިން ފެމިލީ ކޯޓަށް ހުށަހެޅި

  • 10 ނޮވެމްބަރު 2019 - އެ ކުއްޖާއަކީ ނަސަބު ކަށަވަރުނުވާ ކުއްޖަކަށްވާތީ، ނަސަބާ މެދު ޝަރުއީ ކޯޓަކުން ގޮތެއް ކަނޑައެޅުމުން ނޫނީ ދިވެއްސަކަށް ގާނޫނުއަސާސީން ލިބެންޖެހޭ ހައްގުތައް އެ ކުއްޖާގެ މައްޗަށް ކަނޑައަޅައިދިނުމާ މެދު ގޮތެއް ނިންމެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި

  • 29  ސެޕްޓެމްބަރު 2019 - ނަަސަބު ކަނޑައެޅުމުގެ މައްސަލައަކީ ފެމިލީ ކޯޓުގެ އިހުތިސޯސްގައި ހިމެނޭ މައްސަލައަކަށް ނުވާތީ މައްސަލަ ބަލައިނުގަތުމަށް ފެމިލީ ކޯޓުގެ ރަޖިސްޓްރާ ނިންމި

  • 16 ސެޕްޓެމްބަރު 2020 -  އެ މައްސަލައަކީ ކުއްޖާގެ ރަށްވެހިކަމާ މެދު ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުން ފެމިލީ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް

  • 3 ފެބްރުއަރީ 2021 - އެއީ ފެމިލީ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި

ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ - ނަސަބު ކަނޑައެޅުމުގެ މައްސަލަތަކަކީ ކޯޓަށް ބެލޭނެ ބާވަތުގެ މައްސަލަތަކެއް ނޫން ކަމަށް ނިންމައި އެ މައްސަލަ ބަލައިނުގަތުމުން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި ބުނެފައިވަނީ އެ މައްސަލައަކީ ނަސަބު ކަނޑައެޅުމަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ހުށަހެޅީ، އެ ކުއްޖާއަކީ ވަކި ގައުމަކަށް ނިސްބަތްވާ ކުއްޖެއްކަން އެނގެން ނެތުމުން، އުފަންދުވަހުގެ ދާއިމީ ސެޓްފިކެޓެއް ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ އެއްވެސް އެއްޗެއް ނުހެއްދި ގިނަ ހައްގުތަކަކުން މަހުރޫމު ވަމުންދާތީ، ރާއްޖޭގެ ގާނޫނުތަކުން އެ މައްސަލައަށް ހައްލެއް ލިބެން ނެތުމުން، ކޯޓުން ހައްލެއް ހޯދުމަށް ކަމަށެވެ.

މައްސަލާގައި ދައުލަތުން އެދިފައިވަނީ ގައުމަކަށް ނިސްބަތްނުވާ އަދި ދިވެއްސަކަށް ވެސް ނިސްބަތްނުވާ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށް ކަމަށްވާއިރު، އެ ކުއްޖާއަކީ ދިވެހި ރައްޔިތެއްކަން ކަނޑައެޅެން އޮތީ ކުއްޖާއަކީ ދިވެއްސަކަށް އުފަން ދަރިއެއްކަން ކަނޑައެޅިގެން ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެހެންކަމުން ދައުލަތުން އެދިފައިވަނީ ދައުވާގައި ބަޔާންކުރާ ކުއްޖާއަކީ އެ ކުއްޖާގެ މަންމަ ކައިވެނިކުރި ދިވެހި ފިރިހެން މީހާއަށް އުފަން ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ހައި ކޯޓުގެ ނިންމުން - ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އިއްޔެ ހުކުމްކުރީ އެ މައްސަލައަކީ ފެމިލީ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ބަލައިނުގަންނަން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

އަގުލަބިއްޔަތު ރައުޔު - މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަހްމަދު ސަލީމުގެ ރައުޔުގައި ވިދާޅުވީ، ފިރިހެނަކު، ވަކި ކުއްޖަކީ އޭނާގެ ޝަރުއީ ދަރިއަކު ކަމުގައި ޝަރީއަތް މެދުވެރިކޮށް ސާބިތުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދައިން ހުށަހަޅާ ދައުވާއަކީ އާއިލާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ނަސަބު ސާބިތުކުރުމާ ގުޅޭ ބާވަތުގެ ދައުވާއެއް ކަމަށެވެ.

ނަމަވެސް، ނަސަބު ސާބިތުކުރުމާ ގުޅޭ ބާވަތުގެ ދައުވާތައް ފެމިލީ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވޭތޯ ބަލާއިރު އެ އިހުތިސޯސް އެ ކޯޓަށް ލިބިދީފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އަދި ދައުލަތުން އެދިފައިވަނީ ގައުމަކަށް ނިސްބަތްނުވާ އަދި ދިވެއްސަކަށް ވެސް ނިސްބަތްނުވާ ކުއްޖަކަށް ދިވެހި ރައްޔިތުކަން ދިނުމަށް ކަމަށްވާއިރު، ނަސަބު ސާބިތުކުރުމުގެ ހަމަތައް ބަޔާންކުރާ ދިވެހިރާއްޖޭގެ އާއިލާއާބެހޭ ގާނޫނަށް ބަލާއިރު ވެސް، މި ކުއްޖާގެ ހާލަތުގައި ކަން ކުރާނެ ގޮތެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

ފަނޑިޔާރު ސަލީމް އިތުރަށް ވިދާޅުވިގޮތުގައި:

  • މީހާ ނިސްބަތްވުން ކަނޑައެޅުން ބިނާވެފައި އޮންނަނީ މީހާ އުފަންވުމުގެ މައްޗަށް؛ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ބަލާއިރު، ކުއްޖާ ދިވެހިރާއްޖެއަށް އުފަންވުމުގެ މައްޗަށް އެކަނި ބަލައި ރައްޔިތުކަން ދެވޭ ގޮތަށް ގާނޫނު ތަނެއް ނުދޭ

  • އެހެނީ ގާނޫނުއަސާސީގައި ދިވެހި ރައްޔިތެއް ކަމަށް ބަލާނެ ޝަރުތުތައް މި ކުއްޖާގެ ހާލަތަކަށް ނުފެތޭ 

  • ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނޫގައި ވެސް މި ކުއްޖާގެ ހާލަތެއް ނެތް

  • މިކަން ދައުލަތުން ވެސް ގަބޫލުކުރޭ؛ ދައުލަތުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މި ކުއްޖާއަށް ދިވެހި ރައްޔިތުކަން ދިނުމުގައި ގާނޫނީގޮތުން ހައްލެއް ފެންނަން ނެތުމުން ކޯޓުން ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް ދައުލަތުން ވެސް ބުނޭ

މި ރައުޔުއަށް ތާއީދުކުރެއްވި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވެސް ވިދާޅުވީ، ކައިވެނިކޮށްގެން ހުރި ފިރިހެނާއަށް ދަރިލެއްވުމުގައި އިސްލާމީ ޝަރީއަތުގައި އަދި އާއިލާއާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ވެސް ވަކި ޝަރުތުތަކެއް ބަޔާންކުރާ ކަމަށެވެ.

އެގޮތުން ފަނޑިޔާރު ނިޔާޒު ވިދާޅުވީ:

  • ދަރި ލައްވާ އެންމެ ކުރު މުއްދަތު ކަމުގައި ބަޔާން ކުރަނީ ކައިވެނިކުރި ތާރީހުން ފެށިގެން ހިޖުރީ ގޮތުން ހަ މަސް ދުވަސް އަދި ވަރިކުރިތާ އެއް އަހަރު ދުވަސް ކަމަށް

  • މި މައްސަލައަށް ބަލާއިރު އަންހެންމީހާ ދިވެހި މީހާއާ ކައިވެނިކޮށްފައިވަނީ ނަހަލާލަށް ބަނޑުބޮޑުވެފައި ހުއްޓާކަން އަދި އެއީ ކައިވެނިކުރި ދިވެހި މީހާގެ ދަރިއެއް ނޫންކަން ލިޔެކިއުންތަކުން ފެންނަން އެބައޮތް ކަމަށް

  • އެހެން އެކަން އޮތްއިރު، ނަސަބު އޮޅޭ ގޮތަށް، ކުއްޖާއާ ލޭގެ ގޮތުން ގުޅުމެއް ނެތް މީހެއްގެ މައްޗަށް ދަރިނުލެއްވޭނެ ކަމަށް

"ޒިނޭ ކުރި މީހާއަށް ހުރީ އެކަމުގެ އަދަބެވެ. ދަރީގެ ނަސަބު ޒާނީއަށް ނިސްބަތް ނުކުރެވޭނެއެވެ. [އަންހެންމީހާ ކައިވެނިކުރި ދިވެހި ފިރިހެންމީހާ]ގެ މައްޗަށް ކުޑަކުއްޖާގެ ނަސަބު ނުލައްވާނެ ކަމަށް ދައުލަތަށް ގަބޫލު ކުރެވޭތީ، އެ ސުވާލު އުފަންކުރުމަށް ފަހު، އެހެން ދޮރަކުން ވަދެގެން [ދިވެހި ފިރިހެންމީހާއަކީ] ކުއްޖާގެ ބައްޕަ ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުންދަނީ ދައުލަތެވެ. މިއީ ހައިރާންވާންޖެހޭ ފަދަ ދެކޮޅު ދިމާނުވާ ކަމެކެވެ،" ނިޔާޒުގެ ރައުޔުގައި ވެ އެވެ.

ތަފާތުވި ރައުޔު - މި މައްސަލާގައި ތަފާތުވި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔުގައި ވިދާޅުވީ، އެކަމުގައި ގޮތެއް ކަނޑަނޭޅި އޮތުމަކީ ކުޑަކުއްޖެއްގެ ހައްގުތައް ގެއްލިގެންދާ ކަމަކަށް ވާއިރު އެކަމަށް ރިއާޔަތްކޮށް އެ މައްސަލައަކީ ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ނިންމަން ވަކާލާތު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުޒައިފާ ވިދާޅުވީ:

  • ދައުލަތުން އެދޭ އެދުމުގެ މައްޗަށް ގާނޫނުގެ ތަރަހައިގެ ތެރެއިން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާއަށް ރިއާޔަތްކޮށް ވަކި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް

  • އެހެނީ މި މައްސަލައަކީ ކޯޓަކަށް ހުށަހެޅޭނެ މައްސަލައެއްކަން ވެސް އެނގިގެންދާނީ މި މައްސަލަ ޝަރީއަތުން ބަލައި ދައުލަތުން ހުށަހަޅާފައިވާ ދައުވާތައް އަޑުއަހަން ފުރުސަތު ދީގެން ކަމަށް

  • ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރަންޖެހޭ ނަމަ، އެކަން ކޮށް، ދައުލަތުން ކުރި ދައުވާއާ މެދު ގޮތެއް ކަނޑައަޅަން ފޯރަމެއް ލިބިދޭން ޖެހޭ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް