ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ(ފޮޓޯ/އިމްރާން އެކްސް)

ހޯމް މިނިސްޓަރު އިމްރާން ހަމާސް ދިފާއުކުރައްވައިފި

އިމްރާން ވިދާޅުވީ ހަމާސް އިން ކުރަމުންދަނީ ގުދުސްގެ ދިފާއުގައި މުޅި މުސްލިމް އުންމަތުން ކުރަންޖެހޭ ކަމެއް ކަމަށް

އިޒްރޭލްގެ އަޅުވެތިކަމާއި ދެކޮޅަށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމައަކީ ގުދުސްގެ ދިފާއުގައި މުޅި އުންމަތުން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވިދާޅުވެ، އެ ޖަމާއަތުން އިޒްރޭލަށް ދެމުންދާ ހަމަލާތައް ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ދިފާއުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ބްލޮކޭޑެއްގެ ދަށުން، ބޯޑަރު ހުރަސްކުރާ ހުރިހާ ތަންތަން ބަންދުކޮށްގެން، ގާޒާގެ ރައްޔިތުން ބަންދުކޮށްގެން އިޒްރޭލުން، ގާޒާއަށް ހަމަލާތައްދީ، ދަތިކުރަމުންދާތާ 56 އަހަރަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާޑާއި، ކާނާގެ ބާވަތްތަކުގެ އިތުރުން ބޭސް ފަދަ ޒަރޫރީ ތަކެތި ވެސް ވެއްދެނީ އިޒްރޭލުން ހުއްދަދޭ ތަކެތި އެކަންޏެވެ. 

'އަގްސާ ތޫފާން' ނަމުގައި ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާއެކާ އެކު، އަނެއްކާ ވެސް އެ ދެމެދުގައި ހަމަލާ ބަދަލުކުރުންތައް ވަނީ ވަރުގަދަވެފަ އެވެ. މި ހަމާލާތައް ދިފާއުކުރައްވައި އިމްރާން ވާހަކަ ދެއްކެވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލް - އިމްރާންގެ ޕޯސްޓުގައި ވިދާޅުވީ، ހަމާސް ޖަމާއަތުން ކުރަމުން އެ ގެންދަނީ މަސްޖިދުލް އަގްސާ އާއި ގުދުސްގެ ދިފާއުގައި މުޅި އިސްލާމީ އުންމަތުން ކުރަންޖެހޭ މަސައްކަތް ކަމަށެވެ. އަދި އެކަމުގެ އަގު ދައްކަމުން އެ ގެންދަނީ ފަލަސްޠީން ރައްޔިތުންގެ ޠޯހިރު ލެއިން ކަމަށެވެ.

"އެކަމާ، މުޅި އުންމަތް ތެދުވާނީ ކޮން އިރަކުންތޯ؟" ވެސް އިމްރާން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގުޅުންހުރި ކަމެއް - ހަމާސް ޖަމާއަތުގެ ހަމަލާ ދިފާއުކުރައްވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް މިދިޔަ އަންގާރަ ދުވަހު އޮތް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ވާހަކަދައްކަވާފަ އެވެ.

ގުޓަރޭސް ވިދާޅުވީ، ހަމާސް އިން އެ ހަމަލާދިން އިރު އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން "ނޭވާ ނުލެވި" ގާޒާ އޮންނަތާ 56 އަހަރު ވެއްޖެ ކަމަށެވެ. އަދި އެ 56 އަހަރުގެ ތެރޭގައި، ގާޒާގެ ރައްޔިތުންގެ ބިންތައް އެ މީހުން އަތުން އަތުލައި، ގޮދޮރުން ނެރެލައި، ވިއްސިވިހާލި ކޮށްލާފައިވާ މަންޒަރު ގާޒާގެ ރައްޔިތުން ތިބީ ބަލަން ކަމަށެވެ.

އެ މީހުންގެ ގެދޮރުން ނެރެލައި، "ބިންތައް ޔަހޫދީން ކައި ހުސްކުރަމުންދިޔައިރު"، އެކަމަށް ސިޔާސީ ހައްލެއް ހޯދުމަށް ގާޒާގެ ރައްޔިތުން ކުރަމުން އައި އުންމީދުތައްވެސް ބިލާހަކަށްވެފައިވާއިރު، ހަމާސް އިން މި މަހުގެ 7ވަނަ ދުވަހު ދިން ހަމަލާއަކީ "ކަމަކާ ނުލައި ދިން ހަމަލާއެއް ނޫން" ކަމަށް ގުޓަރެސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް