ދުވާފަރު ކައުންސިލްގެ ބައްދަލުވުމެއް

ރ. ދުވާފަރު

ހިޔާނާތުގެ ތުހުމަތުވި ދުވާފަރު ކައުންސިލަރުން އިތުރު އެލަވަންސެއް ހޯދުމަށް އެދިއްޖެ

ދުވާފަރު ކައުންސިލަރުން ބޭނުންވަނީ ކައުންސިލުން އެކުލަވާލާ ކޮމިޓީތަކުގައި މަސައްކަތް ކުރާ ކައުންސިލަރުންނަށް ކޮމިޓީ އެލަވަންސްއެއް ހަމަޖައްސަން
25 އޮކްޓޯބަރު 2023

2 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުކުރެވިފައިވާ ރ. ދުވާފަރު ކައުންސިލްގެ މެންބަރުން މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ކޮމިޓީ އެލަވަންސެއް ހޯދުމަށް އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޮމިޓީގައި އެދިއްޖެ އެވެ. 

ވީ ކިހިނެއް؟ - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ދުވާފަރު ކައުންސިލަރުން ކޮމިޓީ އެލަވަންސް ނެގުމަށް އެދިވަޑައިގަންނަވާތީ އެ ކަމުގައި މާލިއްޔަތު ކޮމިޓީއަށް ފެންނަ ގޮތުގެ ލަފަޔެއް ހޯދުމަށް ފޮނުއްވި ސިޓީ ކޮމިޓީއަށް އިއްވައިފަ އެވެ. އެގޮތުން، އެ ސިޓީގައި އެދިވަޑައިގެންފައި ވަނީ ވަނީ: 

  • ރައްޔިތުންގެ ހިޔާލު ހޯދައި ކަންކަން ރޭވުމަށް ކައުންސިލުން ހަދާ ކޮމިޓީތައް އަދި ގާނޫނީ ގޮތުން އެކުލަވާލާ ކޮމިޓީތަކުގައި ބައިވެރިވާ ކައުންސިލަރުންނަށް އެލަވަންސެއް ނެގުމާ މެދު ކޮމިޓީގެ ލަފަޔަކަށް

ތަފްސީލް - އެކަމާ ގުޅޭ ގޮތުން މެންބަރުން ވަނީ މައިކު ކަނޑާލައިގެން 'އޮފް ދަ ރިކޯޑް'ގައި 30 މިނެޓަށް މަޝްވަރާކުރައްވައިފަ އެވެ. އެއަށް ފަހު ގޮތް ނިންމަން ކޮމިޓީއަށް ހުށަހެޅި އެވެ. އެގޮތުން: 

  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވީ ކައުންސިލަރުންގެ މުސާރަ އާއި އެލަވަންސްތަކުގެ އޮނިގަނޑުގައި ހިމެނިފައި ނެތް އިތުރު އާ އެލަވަންސެއް ހަމަޖެއްސޭނެ ޖާގައެއް ނެތް ކަމަަށް

އެ ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުވެވަޑައިގަތެވެ. އެހެންވެ، ކޮމިޓީގެ މުގައްރިރު ނާޝިޒު ވަނީ އެފަދަ އެލަވަންސެއް ނުނެގުމަށް ދުވާފަރު ކައުންސިލަށް ލަފާދީ ސިޓީއެއް ފޮނުވުމަށް އިދާރީ މޭޒުގައި އެދިވަޑައިގެންފަ އެވެ. 

އެނގުން މުހިންމު - އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ދުވާފަރު ކައުންސިލާ ގުޅޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެފައި ވަނީ، އެ ކައުންސިލްގެ މެންބަރުން ހިޔާނާތަށް ތުހުމަތުވާ ގޮތަށް ކައުންސިލްގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން: 

  •  މާލިއްޔަތު ގަވައިދާ ހިލާފަށް ކައުންސިލަރުން އަމިއްލަ އެކައުންޓުތަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފަޅާއެރި

  • އެކަމާ ވިދިގެން އެ ރަށުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށް މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވި

  • އޭސީސީއިން އެ ކައުންސިލްގެ މެންބަރުންގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލުމަށް ޕީޖީގައި އެދުނު

  • ޕީޖީއިން ވަނީ އޯގާތެރިކަން އިސްކުރީ ކަމަށް ބުނެ ދައުވާނުކުރަން ނިންމައި ކައުންސިލަރުންނާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައި 

އިތުރު އާޓިކަލް

އިތުރު އާޓިކަލް