ރައްޔިތުންގެ މަޖިލިސް އިދާރާ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މަޖިލީހުގެ ސީސީޓީވީ ފުޓޭޖު ގެއްލުނު މައްސަލައެއް ފެންމަތިވެ، މެންބަރުންގެ ކަންބޮޑުވުން

ގެއްލިފައި ވަނީ، މަޖިލީހުގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ނަން ބޯޑު ކައިރީ 'ސާލިހް ޕާޓީ، އެމްއެމްޕީ' ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކުރި ތަނުގެ ސީސީޓީވީ ފޫޓެޖު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖު 'ގެއްލުނު' މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅިގެން ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސިސީޓީވީ ފުޓޭޖު ގެއްލިފައިވާކަން ފެންމަތިވީ، މިއަދު ބޭއްވި މަޖިލީހުގެ އިމްތިޔާޒާއި ސްލޫކާ ބެހޭ ކޮމިޓީން ބަލަމުންދިޔަ މައްސަލައެއްގެ ތެރެއިންނެވެ. އެގޮތުން:

  • ކޮމިޓީން ބަލަމުން ދަނީ، މީގެ ދެ އަހަރު ކުރިން، މަޖިލީހުގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ނަންބޯޑު ކައިރީ 'ސާލިހް ޕާޓީ، އެމްއެމްޕީ' ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކުރި މައްސަލަ

  • އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ އިދާރާގައި ޖޭޕީން އެދިފައި ވަނީ 7 ޖުލައި 2021ގައި

މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ޖުމްހޫރީ ޕާޓީ އޮފީހުގައި ކަރުދާސްގަނޑެއް ތަތްކޮށްފައި؛ މީގެ ދެ އަހަރު ކުރިން ހުށަހެޅި އެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ވަނީ ބަލަން ފަށާފައި.

ތަފްސީލު - މިދިޔަ ދުވަސްތަކުގައި ކޮމިޓީތައް ހުއްޓިފައި އޮތުމަށް ފަހު، އާ މުގައްރިރަކާ އެކު އަލުން މަސައްކަތް ފެށުމާ އެކު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ، ގިނަ ދުވަސް ވެފައިވާ މައްސަލަތައް ބެލުމުގެ މަސައްކަތް ފަށާފަ އެވެ.

ޖޭޕީން ހުށަހެޅި މައްސަލައިގެ އަޕްޑޭޓް ދެމުން ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ ވަނީ، ޖޭޕީން އެ މައްސަލަ ހުށަހެޅިތާ މަސްދުވަސް ފަހުން ޑިފެންސް މިނިސްޓްރީން 8 އޮގަސްޓު 2021ގައި އެ މައްސަލައާ ގުޅިގެން ފޮނުވާފައިވާ ސިޓީ މެންބަރުންނަށް އިއްވަވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އެއީ، އެ މައްސަލަ ބެލުމަށްޓަކައި ސީސީޓީވީ ފޫޓޭޖު ހޯދުމަށް އެދި މަޖިލީހުން ފޮނުވާފައިވާ ސިޓީއަށް ދީފައިވާ ޖަވާބު

  • އެ ސިޓީގައި ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ހޯދަން އެދުނު ސީސީޓީވީ ފުޓޭޖު، "ގިނަ ދުވަސްވުމުގެ ސަބަބުން" ނެތް ކަމަށް

  • އެ ސިޓީ ލިބުނު ފަހުން، ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެއް ނުވޭ

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރިއު ރާއީ ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އެއާ އެކު، ކޮމިޓީ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ގިނަ ދުވަސްވެގެން ނުލިބެއޭ ބުނާއިރު، މި ސިޓީ ލާފައި ވަނީ މި ތަނުން [މަޖިލިސް އިދާރާއިން]. މި ތަން ބަލަހައްޓަނީ ވެސް އެއް ބައެއް [ސިފައިން]. އެހެން ވެއްޖެއްޔާ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" މި މައްސަލަ އިތުރަށް ބަލައިދިނުމަށް އެދިވަޑައިގެންނެވުމަށް ފަހު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވި އެވެ.

"މި ގޮތަށް ކަންތައްތައް ދޫވާން ވެއްޖެއްޔާ، މީހަކަށް ހަމާލާދީގެން ވެސް ފުޓޭޖު ނުލިބިގެން، ގިނަ ދުވަސް ވުމުގެ ސަބަބުންނޭ، އެ ގޮތަކަށް ނުބެވޭނެ. ދެ އަހަރު، ތިން އަހަރު ފަހުން ނޫން މި މައްސަލަ ހުށަހަޅާފައި މި އޮތީ."

މިއީ، އޭނާ ސިފަ ކުރެއްވި ގޮތުގައި، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ހަވާލުކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ "ވަރަށް ބޮޑު އިހުމާލެ"ކެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދޫﷲ ސަނީފް ވިދާޅުވީ، ޖޭޕީގެ އޮފީހުގައި އެ ކަރުދާސްގަނޑު ތަތްކުރި ދުވަހާއި މި މައްސަލަ ހުށަހެޅި ދުވަހާއި މަޖިލީހުން އެ ފުޓޭޖު ހޯދުމަށް އެދުނު ދުވާހާ މެދު ވެސް މާ ބޮޑު ފަރަގެއް ނެތް އިރު، މިއީ ހިނގައިގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ތާރީހުތަކަށް ބެލީމަ އެބަ އެނގޭ، ރިކޯޑެއް ނެތިވެގެން ދާނެ ދުވަސްތަކެއް ތީގެ ތެރޭގައި ނެތްކަންް،" އެ ތާރީހުތަކުގެ ތަފްސީލު ނުދެއްވައި އޭނާ ވިދާޅުވި އެވެ.

އިމްތިޔާޒާއި ސްލޫކް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

މަޖިލީހުގައި ސީސީޓީވީ ފުޓޭޖްތައް ރައްކާކޮށްފައި ހުންނަ މުއްދަތު ވެސް ސާފުވާން ޖެހޭ ކަމަށް ސަނީފް ވިދާޅުވި އެވެ. ދައުލަތުގެ ތިން ބާރުން އެއް ބާރު ކަމުގައިވާ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަން އިތުރަށް ބަލަން ޖެހޭނެ ކަމަށް ސަނީފު ވެސް ވަކާލާތު ކުރެއްވި އެވެ.

"ހަގީގަތުގައި، ގައުމީ ލެވެލްއަކުން ވިސްނަންޏާ، މިއީ ތްރެޓް ލެވެލް އިންނާނެ ކަމެއް. އެހެންވީމަ ކޮމިޓީން ވެސް އިތުރަށް ބަލަން އެބަ ޖެހޭ، މި ސީސީޓީވީ ކެމެރާއަށް ވީ ގޮތެއް. އަޅުގަނޑު ގަބޫލެއް ނުކުރަން މި މައްސަލަ ފައިލް ކުރަން ޖެހޭނެ ކަމަކަށް [ސީސީޓީވީ ފުޓޭޖު ނުލިބިގެން]،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން މިގޮތަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް، ކޮމިޓީގެ ބައްދަލުވުމުގެ ވަގުތު ހަމަވެގެން ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނެވި މެންބަރު ރާއީ ވަނީ ވަކި ގޮތެއް ނުނިންމަވައި މިއަދުގެ ބައްދަލުވުން ނިންމާލައްވާފަ އެވެ.

"މި މައްސަލަ ދެން އަންނަ ކޮމިޓީ [ބައްދަލުވުމެ]އްގައި އެޖެންޑާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޟަުރިކއި3

24 އޮކްޓޯބަރު 2023
ޢަދި މަޖިލީސް ތެރޭގަވެސް އޮފީހެއް ހުރޭ ޕާޓީތަކަށް؟ ރައްޔިތުންއާ ގުޅުން ހުރިކަމެެށް ނިމަން/ ހިދުމަތް ދޭންވީމަ ޖާގަވެ ނޯވެގެން ނުނިމެނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް