ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އޮމާންގެ ރަސްގެފާނު ހަތިމް ބިން ތާރިގްގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އޮމާން އިން އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނީ އެ ގައުމުން އޭރު މައުލޫމާތު ދިން ގޮތަށް: ފޮރިން މިނިސްޓްރީ

ފަހުން މައުލޫމާތު ލިބިފައިވަނީ ޝަރުތުތަކުގެ ތެރޭގައި، އެހެން ވަކި ގައުމުތަކެއްގެ ތެރެއިން ގައުމެއްގެ ވިސާ އޮތުން ވެސް ހިމެނޭކަން

ދިވެހިންނަށް ވިސާއާ ނުލައި އޮމާނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހުނުކަން މިދިޔަ މާޗުގައި ދިވެހި ސަރުކާރުން އިއުލާން ކުރީ އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން ދިން ރަސްމީ މައުލޫމާތާ އެއްގޮތަށް ކަމަށާއި އެކަމަކު އެކަމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ފަހުން އެނގިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެނގުން މުހިއްމު - ދުރާލާ ވިސާ ނުނަގާ ދިވެހިންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އޮމާން އިތުރުކުރިކަން، ފޮރިން މިނިސްޓްރީން މިދިޔަ 30 މާޗުގައި ނެރުނު ބަޔާނެއްގައި އިއުލާން ކުރި އިރު ވެސް، ޝަރުތުތަކެއް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އޭގެ ތެރޭގައި ނުހިމެނޭ އިތުރު ޝަރުތެއް މިނިސްޓްރީގެ މިއަދުގެ ބަޔާނުގައި ވަނީ ހިމަނާފަ އެވެ. އެއީ:

  • އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން

ވީ ކިހިނެއް؟ - ދުރާލާ ވިސާ ނުނަގައި މިދިޔަ އާދިއްތަ ދުވަހު އޮމާންއަށް ދިޔަ ދިވެހި އާއިލާއެއް އެ ގައުމުގެ އެއާޕޯޓުގައި 12 ގަޑިއިރު ހިފެހެއްޓުމަށް ފަހު، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ނުދޭ ކަމަށް ބުނެ، އަނބުރާ ރާއްޖެ ވަނީ ފޮނުވާލާފަ އެވެ. ހޮޓާ ބުކްކޮށް ފައިސާ ދައްކައިގެން ދިޔަ އެ އާއިލާއަށް އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ވެސް ނެތި އެނބުރި ރާއްޖެ އަންނަން ޖެހުމުން ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ވަނީ އާއްމުކޮށް ކިޔައިދީފަ އެވެ.

ތަފްސީލް - އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެ ފޮރިން މިނިސްޓްރީން މާޗުގައި ނެރުނު ބަޔާނާ ހަވާލާދީ މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫސް ބަޔާނުގައި ދީފައިވަނީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ ރަސްމީ މައުލޫމާތު ކަމަށެވެ. 

ބުނީ ކީކޭ؟ - "ނަމަވެސް، އެއަށް ފަހު މި މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުންނެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ ޝަރުތުތަކުގެ ގޮތުގައި މިނިސްޓްރީން މިއަދު ފާހަގަކޮށްފައިވަނީ:

1- އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން

2-  ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝުއަރެންސް އޮތުން

"މިހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަންގަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީން ކުރީގެ ބަޔާނުގައި ހިމެނި ޝަރުތުތަކަކީ:

  • މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތުން (މުއްދަތު ހަމަވާން ހަ މަހަށް ވުރެ ގިނަ ދުވަސް އޮތުން)

  • ދުރާލާ ކޮންފާމް ކޮށްފައިވާ ހޮޓެލް ބުކިންއެއް އޮތުން

  • ހެލްތު އިންޝުއަރެންސް ނަގާފައިވުން

  • ރިޓާން ޓިކެޓެއް ނަގާފައިވުން

އޮމާންއަށް އެތެރެނުވެވުމުގެ ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓު ކޮށްފައިވާ ހުސައިން ޝަހުދާން 'ދައުރު' އަށް ކިޔައިދިން ގޮތުގައި ދަތުރުގެ ކުރިން އޭނާ އާއި އާއިލާ އިން އެ ހުރިހާ ޝަރުތެއް ވެސް ފުރިހަމަކުރި އެވެ.

އޭނާ އިތުރަށް ބުނިގޮތުގައި އޮމާންއަށް ނުވަދެވިގެން ދިވެހި ފޮރިން މިނިސްޓްރީއަށް ގުޅުމުން ފޯމެއް ފުރަން ޖެހޭނެ ކަމަށް ބުންޏެވެ. ވިސާއާ ނުލައި އޮމާންއަށް ދަތުރުކުރެވޭކަން ސަރުކާރުން އިއުލާންކުރި އިރު، ފޯމެއް ފުރަން ޖެހޭ ކަމަކަށް ބުނެފައެއް ނުވެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ އެ މިނިސްޓްރީން މަޝްވަރާކުރަމުންގެންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް