ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ދައުލަތުން ދައުވާކުރި ގޮތް ގޯސްވެ ކުޑަ ފިރިހެން ކުދިންތަކެއް ރޭޕުކުރި މީހަކު ސަލާމަތްވެއްޖެ

އެއީ ގޯސްކޮށް ކޮށްފައިވާ ދައުވާއެއްކަމަށް ދައުލަތުން ކޯޓުގައި އެއްބަސްވެފައިވޭ، އަދި ދައުވާ ބާތިލުކޮށްދެން އެދިފައިވޭ

އެކި ދުވަސްމަތިން ފަޅު ގެއަކަށް ގެންގޮސް ކުޑަ ދެ ފިރިހެން ކުދިން ރޭޕުކުރި ކަމުގެ ކުށް ސާބިތުވެ 3 އަހަަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހެއްގެ މައްޗަށް އެ ދައުވާ ދައުލަތުން ކޮށްފައިވާ ގޮތް ގޯސްވެ، އޭނާ ސަލާމަތްވެއްޖެ އެވެ. ދަށު ކޯޓުން 2021 ވަނަ އަހަރު އިއްވާފައިވާ އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

މައްސަލައިގެ ފެށުން - ދައުލަތުން ހަސަން ސާނިހްގެ މައްޗަށް ފ. ދަރަނބޫދޫ މެޖިސްޓްރޭޓު ކޯޓުގައި 24 ޑިސެންބަރު 2017 ވަނަ އަހަރު ކުރި ދައުވާގައި ވާގޮތުން، 2014 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ތަފާތު އެކި ދުވަސްމަތިން އުމުރުން 13 އަހަރާއި 14 އަހަރުގެ ފިރިހެން ދެ ކުދިން ފަޅުގެއަކަށް ގެންގޮސް އެއް ޖިންސުން ޖިންސީގުޅުން ހިންގާފައި ވެއެވެ. 

މި މައްސަލާގައި 23 ފެބްރުއަރީ 2021ގައި އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، އެ ކޯޓުން ހުކުމް ކޮށްފައި އޮތީ، 19 އެތިފަހަރުން ތައުޒީރުކޮށް ތިން އަހަރަށް ޖަލަށް ލުމަށެވެ. 

ވީ ކިހިނެއް؟ - މި ދައުވާ ދަރަނބޫދޫ ކޯޓުގައި ދައުލަތުން އުފުލާފައި ވަނީ ކުރީގެ ޖަސްޓިސް މިިނިސްޓްރީން، 2008 ވަނަ އަހަރު ނެރުނު ސާކިއުލާއެއްގެ ދަށުން ނެވެ. އެކަމަކު، މި ދައުވާ އުފުލިއިރު އަދި އެ ހާދިސާ ހިނގިއިރު ވެސް އެ ބާވަތުގެ ކުށްތަކަށް ހާއްސަ ގާނޫނު، 'ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު' އަށް އަމަލުކުރެވެމުން ދިޔަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ، 12 ނޮވެމްބަރު 2009 ގައެވެ.

ސާނިހްގެ ފަރާތުން 22 ޖޫން 2021ގައި ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލުގައި މިކަން ފާހަގަކޮށްފައި ވެއެވެ. އެކަމަށް ރިއާޔަތްކޮށް ހައި ކޯޓުން އިއްޔެ ނިންމާފައި ވަނީ އެ ދައުވާ އަކީ، އުސޫލާ ހިލާފަށް ހާއްސަ ގާނޫނަށް އިސްކަން ދިނުމެއް ނެތި އުފުލިފައިވާ ދައުވާއެއް ކަމުން 2021 ވަނަ އަހަރު ދަރަނބޫދޫ ކޯޓުން އިއްވި ހުކުމް ބާތިލު ކަމަށެވެ.

ތަފްސީލް - ހައި ކޯޓުން އެ ހުކުމް ބާތިލުކޮށްފައި ވަނީ، މިދިޔަ 16 މެއިގައި އޮތް އަޑުއެހުމުގައި ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެވެ.

މައްސަލަ ފުރަތަމަ ސުނޭހްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު އެ ދައުވާ ދިފާއުކޮށް، އެއީ ރަނގަޅަށް ކޮށްފައިވާ ދައުވާއެއް ކަމަށް ދައުލަތުން ވަކާލާތު ކުރި ނަމަވެސް މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ ހާއްސަ ގާނޫނެއް އޮންނަ ހާލަތުގައި އަމަލުކުރަންޖެހޭނީ ހާއްސަ ގާނޫނަށް ކަމަށެެވެ.

އެެހެންކަމުން ދައުވާ އަކީ ރަނގަޅު ދައުވާއެއް ނޫން ކަމަށާއި، އެއީ ކުރެވޭނެ ދައުވާއެއް ނޫންކަން ފާހަގަކޮށް ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށް ދައުލަތުން އެދިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް