ޕީޕީއެމްގެ ޖަލްސާއެއްގައި ޔާމީން އާދަމް ޝަރީފްއާ ސަލާމްކުރައްވަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އާދަމް ޝަރީފް، ޔާމީނަށް: މަނިކުފާނާއި ޕާޓީގެ ހައްގުގައި މުޒާހަރާކޮށްގެން ހައްޔަރު ވެސް ކުރި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު، އެ މަނިކުފާނު ރައީސްކަން ކުރައްވާ ޕީޕީއެމް އާއި އެ ޕާޓީއާ އެކުއެކީ ހިންގާ ޕީއެންސީން ބޭއްވި މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާނެ ކަމަށާއި އެ މުޒާހަރާތަކުގެ ތެރެއިން ދެ ފަހަރަށް ހައްޔަރު ވެސް ކޮށްފައިވާ ކަމަށް، ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޭ ސަޕޯޓަރުުން ޔާމީންގެ ގޭ ދޮށަށް ޖަމާވުމާ ގުޅިގެން، އެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވެ، އެ މަނިކުފާނު ޖަލުގައި ހުންނަވާއިރު، ޕާޓީގެ އިސް ބޭފުޅުންނަށް މަގުމަތީގައި އުޅެން ކެރިވަޑައިގަންނަވަން ވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީންގެ އެ ވިދާޅުވުމަށް އާދަމް ޝަރީފު މިއަދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްދު ދެއްވައިފަ އެވެ.
ބުނީ ކީކޭ؟ - އާދަމް ޝަރީފު ވިދާޅުވީ ޔާމީން ޖަލުގައިި ހުންނެވި އިރު، ޕީޕީއެމް-ޕީއެންސީން ބާއްްވަމުން އައި މުޒަހާރަތައް ރޭވުމާއި އެ މުޒާހަރާތަކުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާނެ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދެއްވައި އޭރު ކުރެއްވި ހުރިހާ ކަމެއް ވެސް ކުރެއްވީ ޔާމީނާއި ޕާޓީގެ ހައްގުގައި ކަމަށެވެ.
"ޔެސް ސާ. ރައީސް ޔާމީން ޖަލުގައިި އޮންނެވި އިރު ޕީޕީއެމް-ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓާސް ކުރި ހުރިހާ މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވިން. ދެ ފަހަރަށް ފުލުހުން ބަންދުކުރި،" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެ ހިތްވަރު އަދިވެސް ހުންނާނެ!"
އެނގުން މުހިންމު - ރޭ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން އެހެން ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފުރުސަތު ދެއްވުމަށާއި އެއްވުންތަކާއި މުޒާހަރާތައް މި ދަނޑިވަޅުގައި ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.
ޕީއެންސީގެ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު އާއި އެ ދެ ޕާޓީގެ ލީޑަޝިޕަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، "ގައުމުގައި ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ލީޑަރު ހައްޔަރުވެފައި ހުންނައިރު ކެރެންވާނެ މަގުމަތީގައި އުޅެން. ކެރެންވާނެ މަގުމަތީ އުޅެން. މަގާމުތައް ލިބުނީމާ އެކަންޏެއް ނޫން ބޮޑެތި ބަސް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި އޮއްޓަރެއް ހުރިކަމެއް ދައްކަން ވާނީ އޭގެ ކުރިން" ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު ވެސް ފެނިގެން މި ދަނީ އެތައް މަސައްކަތެއް ކުރުމަށް ފަހުގައި ނަމަވެސް މި ގޮތަށް ގޭގައި ހުންނަން ޖެހުނީމާ، ނޫނިއްޔާ ޖަލަށް ލީމާ ހަމަ އާދައިގެ އާންމު ރައްޔިތުންތަކެއް، އަޅުގަނޑު ދެކެ ލޯބިވާ އާންމު ރައްޔިތުންތަކެއް އަޑުއުފުލައި މަގު މައްޗަށް ނިކުންނަ މަންޒަރު،" ޔާމީން ވިދާޅުވި އެވެ.
ކޮމެންޓް (2)
ޝަހުމް
އިސްމާއިލް