6 މޭ 2021 ގައި ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރުގައި ފަސް މަސްދުވަސް ވަންދެން އުޅުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 11 އޮކްޓޯބަރު 2021 ގައި ރާއްޖެ ވަޑައިގަތުން. (ފޮޓޯ/ މަޖިލިސް)

އެމްޑީޕީގެ ގައުމީ މަޖިލީހުގެ %99 މެމްބަރުންގެ ރޫހު އޮތީ ނަޝީދާއި ބަރުލަމާނީއާ ދެކޮޅަށް: ރައީސް

ރައީސް ވިދާޅުވީ ޕާޓީގައި ވަކި މީހަކު ހުރުމާއި ނުހުރުމަކީ އެ މަނިކުފާނަށް މުހިއްމު ކަމެއް ނޫން ކަމަށް
2 އޮކްޓޯބަރު 2023
1

އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ އެ ޕާޓީއަށް ގެނައުމަށާއި އެ މަނިކުފާނު ބޭނުންވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ %99 މެމްބަރުން ދެކޮޅު ކަމަށް، މިިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - އެމްޑީޕީގެ ގައުމީ މަޖިލީހުގެ %50 އަގުލަބިއްޔަތުން ނިންމައިފި ނަމަ، އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ތައްޔާރު ކަމަށް ވިދާޅުވެ ނަޝީދު އިއްޔެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ފޮނުއްވި މެސެޖެއް އޭނާ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރެއްވުމާ އެކު، އެ ގްރޫޕުގައި ތިއްބެވި މެންބަރުން ވަނީ އެކަމާ މެދު ހިޔާލު ފާޅުކުރައްވާފަ އެވެ. އެގޮތުން:

  • ގިނަ މެންބަރުން ވާހަކަދެއްކެވީ ނަޝީދު އަނބުރާ ގެނައުމާ ދެކޮޅަށް

  • ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނަޝީދު ކުރައްވާ މަސައްކަތަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފައި

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނަށް ވެސް ނަޝީދުގެ މެސެޖު ލިބިވަޑައިގެންނެވި ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ދަންނަވައިފިން އެމްޑީޕީއަށް މެމްބަރުން ވަނުމުގައި ކަން ކުރަންވާ އުސޫލު އެބައޮތް. އެއީ ކޮންމެހެން ވަކި ގުނަވަނެއްގެ، ވަކި ވަރެއްގެ ތާއީދު އޮވެގެން ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"ޕާޓީއަށް ވަދެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ބޭފުޅަކު ފޯމު ފުރުއްވާފައި ފޮނުއްވީމަ ޕާޓީ އެތެރޭގައި އެ އޮންނަ އުސޫލުތަކުގެ ތެރެއިން އެއީ އަޅުގަނޑުމެންގެ ޕާޓީއަށް ވައްދަން ފެންނަ ބޭފުޅެއް ކަމަށް އެ ގުނަވަނަށް ފެނިއްޖެއްޔާ އެ އޮންނަ އުސޫލުގެ ތެރެއިން ފެނިއްޖިއްޔާ އެކަން ކުރިއަށްދާނެ."

ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ ޕާޓީގައި ވަކި މީހަކު ހުރުމާއި ނުހުރުމަކީ އެ މަނިކުފާނަށް މުހިއްމު ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އަކީ އެއަށް ވުރެ ވަރުގަދަ ޕާޓީއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ ރޫހު އޮތީ ނަޝީދު އާއި އެ މަނިކުފާނު ވަކާލާތުކުރައްވަމުން ގެންދަވާ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ގައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން، ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް އަޅުގަނޑަށް ފެނޭ، ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ %99 މިހާތަނަށް ނޫނެކޭ ބުނަނީ. ބަރުލަމާނީއަށް ވެސް ނޫނެކޭ ބުނަނީ. އެއީ މަޝްވަރާގެ ތެރެއިން ކުރެވޭނެ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ނިޒާމީ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީގެ ސްޓޭންޑް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.  

ކޮމެންޓް (1)

ޑޭމް

2 އޮކްޓޯބަރު 2023
އަންނި ދެން ގޭގަ މަޑުކޮއްލާ މިހާރުދެން މީހުންބަލައެއްނުގަނޭ ތިދެއްކިމިސާލުން މިދިއަމަސްތެރޭގަ. ޕާޓީއަށް އަނެއްކާވައްދަންޔާ ވައްދާ ޖަގަހަޔަށް ފެންއުފުލާ މަގާމަށް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް