އިޝްތިހާރު

އިންތިހާބީ ރައީސްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު (ކ) ބޭއްވެވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފުއާ އެކު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ބަހުގެ އިތުބާރު ދަމަހައްޓާނަން، ކަންކަން ކުރާނީ ރައްޔިތުން އެދޭ ގޮތަށް: މުއިއްޒު

އޭނާގެ ސަރުކާރެއްގައި ފޮރުވާނެ ކަމެއް، ޖަވާބު ނުދެވޭނެ ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވި
30 ސެޕްޓެމްބަރު 2023

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ބަހުގެ އިތުބާރު ދަމަހައްޓަވާނެ ކަމަށާއި ސަރުކާރާއި ގައުމުގެ ކަންކަން ބަހައްޓަވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި ކާމިޔާބުވިކަން ކަށަވަރުވުމާ އެކު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އޭނާގެ ކެމްޕެއިން ޝިއާރުގައި ވައުދުވެވަޑައިގެންނެވި "ދިވެހީންގެ ރާއްޖެ" ދިވެހިންނަށް ޔަގީންކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - މުއިއްޒު ވިދާޅުވީ، އެއްވެސް މީހަކަށް ވުރެ ގައުމުގެ މަސްލަހަތު މާބޮޑު ކަމަށާއި ކޮންމެ މީހެއްގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކޮށް ގައުމަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށް މިހާރު މި އޮތީ ގައުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތް ހާމަވެފައި. ދިވެހިންގެ ރާއްޖެ އަނބުރާ ހޯދަން ބޭނުންވާކަން ރައްޔިތުން ވަނީ ނިންމަވާފައި،" އިންތިހާބުގެ ނަތީޖާއަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒިންމާ އަދާކުރައްވާނީ އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ކެމްޕޭނު ތެރޭގައި، އަޅުގަނޑުމެންނަކީ ވަރަށް ދެފުށް ފެންނަ ސަރުކާރެއް ހިންގާނީ. ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ. ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް