ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ގދ. ތިނަދޫއަށް ވަޑައިގެން ރައީސް ސޯލިހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ ހުސެއިން ސުނޭން)

ރައީސް ބަލި ގަބޫލުކުރައްވައި މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެސީގެ ރީތި ނަމޫނާއަށް، ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި
30 ސެޕްޓެމްބަރު 2023

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބުކުރެއްވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެއަކު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރެއްވީ، މި މަހުގެ 9ގައި ބޭއްވި ފުރަތަމަ ބުރުގައި 86،161 ނުވަތަ ވޯޓުގެ %39.05އާ އެކު ދެ ވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ބުރުގައި 101،635 ނުވަތަ ވޯޓުގެ %46.06އާ އެކު އެއް ވަނަ ހޯއްދެވި މާލޭގެ މޭޔަރު މުއިއްޒެވެ. 'ދައުރު'ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިއަދު ބޭއްވި ދެ ވަނަ ބުރުގައި:

  • ރައީސް ސޯލިހު - 108،432 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %46.2

  • މުއިއްޒު - 126،252 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %53.8

ތަފްސިލް - އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ވަނީ އިންތިހާބުގައި ރައްޔިތުން ދެއްކި ޑިމޮކްރެސީގެ ރީތި ނަމޫނާއަށް، ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އެ މަނިކުފާނާ އެކު އިންތިހާބުގައި މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ މެންބަރުންނަށާއި އިންތިހާބުގައި އެ މަނިކުފާނަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ވެސް ރައީސްގެ ޕޯސްޓުގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.

ގުޅުން ހުރި ކަމެއް - އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވައި ރައސް ސޯލިހު މުއިއްޒަށް މަރުހަބާ ވިދާޅުވި އިރު، ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސޯލިހަށް ގޮވާލައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް