އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވޯޓު ލެއްވުމަށް ފަހު ފާހަގަދައްކަވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން ޓީމް)

ރައީސް ސޯލިހަށް އުފަން އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ޅ. އަތޮޅުން ލިބިވަޑައިގަތީ ގާތްގަނޑަކަށް %48
30 ސެޕްޓެމްބަރު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އުފަން ޅ. އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ އެވެ.

ތަފްސީލް - މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ޅ. އަތޮޅުން ލިބިވަޑައިގަތީ ގާތްގަނޑަކަށް %48 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ %51 އަށް ވުރެ ގިނަ ވޯޓު އެ އަތޮޅުން ހޯއްދަވައިފަ އެވެ.

ފާހަގަކޮށްލެވޭ - އިންތިހާބުގެ ދެވަނަ ބުރުގައި ރައީސަށް މެޖޯރިޓީ ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫން އެކަންޏެވެ.

ރައީސަށް ޅ. އަތޮޅުގެ މެޖޯރިޓީ ގެއްލުނު ނަމަވެސް، އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރުން މެޖޯރިޓީ ހޯއްދެވި އެވެ.

އެނގުން މުހިއްމު - ރައީސް އިންތިހާބުގެ ފުރަތަމަ ބުރުގައި ޅ. އަތޮޅުގެ މެޖޯރިޓީ ހޯއްދެވި އެވެ. އެމަނިކުފާނު އެ ފަހަރު ވޯޓުގެ %46 ހޯއްދެވި އިރު މުއިއްޒަށް ލިބިވަޑައިގަތީ %44 އެވެ.

ފަސްމަންޒަރު - ރައީސް ސޯލިހު 2018 ވަނަ އަހަރު ރައީސްކަމަށް އިންތިހާބުވުމުގެ ކުރިން ޅ. އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވާފައިވެ އެވެ.

ދައުރު އަށް ލިބިފައިވާ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން:

  • ހިންނަވަރުން ރައީސް %58.2 ހޯއްދެވި، މުއިއްޒަށް ލިބިވަޑައިގަތީ %41.8 ވޯޓު

  • ނައިފަރުން ރައީސަށް ލިބިވަޑައިގަތީ %35.4 ވޯޓު، މުއިއްޒު އެ ރަށުން %64.5 ހޯއްދެވި

  • ކުރެންދޫ އިން ރައީސް %52.1 ހޯއްދެވި އިރު މުއިއްޒަށް ލިބިވަޑައިގަތީ %47.9 

  • އޮޅުވެލިފުށިން ރައީސް ގާތްގަނޑަކަށް %58 ހޯއްދެވި، މުއިއްޒަށް %42

  • މާލޭގައި ބެހެއްޓި ޅ. އަތޮޅުގެ ހަތަރު ވޯޓު ފޮށީގެ ޖުމްލަ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހު %52.9 ވޯޓު ހޯއްދެވި އިރު މުއިއްޒުއަށް ލިބިވަޑައިގަތީ %47 

އިތުރު އާޓިކަލް

އިތުރު އާޓިކަލް