
ހުޅުމާލޭގައި މިއަދު ބޭއްވި ހަރަކާތުގައި އިލްހާމް އަހުމަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސެން ސުނޭން)
އިލްހާމް ޑިމޮކްރެޓްސްއަށް: ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ ފަހުން ކަރުނަ އަޅައި ރޯނެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ޕީޕީއެމް އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ފަހުން ހިތާމަކޮށް، ކަރުނަ އަޅައި ރޯން ޖެހޭނެ ކަމަށް، އެމްޑީޕީއާ މި ފަހުން ގުޅިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގެ ކުރިން، އެމްޑީޕީން މިއަދު ވަނީ ގިނަ އަދަދެއްގެ ބަޔަކާ އެކު ހުޅުމާލޭގައި ސައެއް ބާއްވާފަ އެވެ. މި ސައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެން، ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ.
އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ވަނީ، މިދިޔަ ޕީޕީއެމްގެ ވެރިކަމުގައި އޭނާ ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާ އާއި އަނިޔާ ހިއްސާ ކުރައްވާފަ އެވެ.
އަދި އެއިން އިބްރަތް ހާސިލްކޮށް، ޕީޕީއެމްގެ ވެރިކަމެއް އިއާދަނުވުމަށް މަސައްކަތް ކޮށްދިނުމަށް ޑިމޮކްރެޓްސްގެ މެމްބަރުން ކައިރިން އެދިވަޑައިގެންނެވި އެވެ.
އެނގުން މުހިއްމު- އެމްޑީޕީގެ މައި ތަނބުގެ ގޮތުގައި ދެކެމުން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން، އެ ޕާޓީން ވަކިވެ އުފެއްދެވި ޑިމޮކްރެޓްސްއަށް، އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނީ %7 ވޯޓެވެ. އަދި ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރުމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރިއަށް ދިޔަ ނަމަވެސް އެކަން ނިމުނީ އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކާ ނުގުޅޭ ގޮތަށެވެ.
ތަފުސީލު - މިއަދުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އިލްހާމް އޭނާގެ ބޮޑު އެދުމެއްގެ ގޮތުގައި ނަޝީދަށް ހާއްސަ މެސެޖެއް ރައްދު ކުރެއްވި އެވެ.
"އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ނަޝީދަކީ. ރައީސް ސޯލިހާ މެދު ކޮންމެވެސް ސަބަބަކާ ހުރެ [ނަޝީދުގެ] ނުތަނަވަސްކަމެއް އެބަހުރި. އެކަމަކު އެއީ، އެ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އަނިޔާ އާއި އުނދަގުލާއި ދުއްތުރާ އަދި ޖަލުގެ ގޮޅިތައް ފެންނަ ފަދަ ނުތަނަވަސްކަމަކަށް ވެގެން ނުވާނެ،" އިލްހާމް ވިދާޅުވި އެވެ.
"އަމިއްލަ މަސްލަހަތަަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ. މިއެއް ނޫންތޯ ރިއަލިޓީއަކީ؟."
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މި ސަރުކާރަކީ ޕީޕީއެމްގެ ވެރިކަމަކަށް ފަހު، ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވޯޓުލައިގެން ގެނައި ސަރުކާރެކެވެ. އެހެންވެ،
-
ޕީޕީއެމްގެ ވެރިކަމެއް އަލުން އަތުވެއްޖެ ނަމަ، ޑިމޮކްރެޓްސްގެ މެމްބަރުން ފަހުން ކަރުނަ އަޅައި ރޯން ޖެހޭނެ
-
ރަށްރަށުގައި ތިބި މީހުން، މާލޭގައި ތިބި މީހުން ހިތާމަ ކުރާނެ
-
އެހެންވެ، މިހާރު ގޭތެރެއިން އަންނަ ނުތަނަވަސްކަމެއްގެ ސަބަބުން، އެހެން ނުހެދުމަށް އެދިވަޑައިގެންނެވި
"ތާރީހަށްޓަކައި އަޅުގަނޑު މިތަނަށް އަރައި، މި ވާހަކަ މި ދަންނަވާލީ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި، އަށް މަސް ވާންދެން އިލްހާމް ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓި އެވެ. އޭނާ ބަންދުކުރީ، މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، ރިޝްވަތު ހިއްޕެވިކަމުގެ ތުހުމަތުގަ އެވެ.
އިލްހާމް ވިދާޅުވީ ޕީޕީއެމްގެ އަނިޔާވެރިކަން ވަރަށް ރަނގަޅަށް އޭނާ ތަޖުރިބާ ކުރެއްވި ކަމަށާއި އެ އަނިޔާ އޭނާގެ އަނބިކަނބަލުންނާއި އެއްބަނޑު އެއްބަފާ ކޮއްކޮ ވެސް ތަހައްމަލު ކުރެއްވި ކަމަށެވެ. އަދި އެކަން ޕީޕީއެމަށް އޮޅުވާ ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.