މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންއާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުމުގެ 23 ދައުވާއެއް އުފުލާފައިވާ، ހުސައިން ޝިފާއު، މ. ހަނީސަކްލް

ކުށްކުރުން

ޝިފާއު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓައި ދޫކޮށްލައިފި

އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އޭނާ ހޯދަން ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އަމިއްލައަށް
28 ސެޕްޓެމްބަރު 2023

މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިން އާއި އެނގިހުރެ ސައްހަ ނޫން ލިޔުން ދިނުން ހިމެނޭ ގޮތަށް، ކްރިމިނަލް ކޯޓުގައި 23 ދައުވާއެއް އުފުލާފައި ވަނިކޮށް ރާއްޖެއިން ފުރި ހުސައިން ޝިފާއު އަނބުރާ ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ޝިފާއު ރާއްޖެ އައިސްފައިވަނީ ޝަރީއަތަށް ހާޒިރު ނުވެ، އަދުލު އިންސާފަށް ފިލައިގެން އުޅޭތީ އޭނާ ހޯދަން، މިދިޔަ މަަސް ތެރޭ ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، މިދިޔަ މަހުގެ ފަހު ކޮޅު އެވެ. 

ތަފްސީލް - ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަ އަހްމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، މިދިޔަ މަހުގެ ފަހުކޮޅު އޭނާ އަމިއްލައަށް ރާއްޖެ އައުމުން، ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު އޭރު ހައްޔަރުކުރި 

  • ނަމަވެސް، ކޯޓުން މިހާރު ވަނީ ޝަރުތަކަކާ އެކު އޭނާ ދޫކޮށްލާފައި

މައްސަލައިގެ ފެށުން - ޝިފާއުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ 'ކިންގްޑަމް އޮފް ފުރުޓްސް' މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި ކަމެވެ.

މި މައްސަލާގައި:

  • 27 އޭޕްރީލް - ދައުލަތުން އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅި

  • 28 އޭޕްރީލް - ކުށުގެ ތުހުމަތުގައި ހައްޔަރުކުރި

  • 27 މޭ - ކޯޓުން އޭނާ ދޫކޮށްލުމުން ރާއްޖެއިން ބޭރަށް ފުރި

  • 29 އޯގަސްޓު - އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު

އެނގުން މުހިންމު - ޝިފާއުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވާ ގޮތުން، އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ.

އެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަަކީ:

  • 123،800އަށް ވުރެ ގިނަ ޑޮލަރު

  • އެއީ 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ

  • އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި ވަނީ އެދިފައި

ޝިފާއުގެ މައްޗަށް ކުރާ 23 ދައުވާ އަކީ:

  • އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ

  • މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ 

  • މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ

މި ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ 23 ދައުވާގެ ޝަރީއަތް އަދިވެސް ނުފެށެ އެވެ. އެ މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް