ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަނީ. (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ އިން އދ.ގެ އާންމު މަޖިލީހުގައި އިސްކަންދޭނެ 6 ދާއިރާއެއް ފާހަގަކޮށްފި

'މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް' އެކުލަވާލައި ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށް ރާއްޖެ އިން ގޮވާލި
27 ސެޕްޓެމްބަރު 2023

ރާއްޖެ އިން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުގެ ކާރިސާ އާއި ރަނގަޅު ފައިނޭންސިން ނިޒާމުތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުން ހިމެނޭކަން، އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ޖަލްސާގައި ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި އިއްޔެ ބޭއްވި އާއްމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރެއްވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިން މިވަގުތު އެންމެ ބޮޑަށް އިސްކަން ދޭ ހަ ކަމަކަށް އަލިއަޅުވާލައްވާފަ އެވެ.

ތަފްސީލް - ހަލީލްގެ ވާހަކައިގައި، ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތައް ފާހަގަކުރައްވާފައިވެ އެވެ. ހާއްސަކޮށް، އދ.ގެ މޫސުމީ ބަދަލާ ބެހޭ ކޮންފަރެންސް ކޮޕް 28 ކުރިއަށް އޮތް އިރު، ރާއްޖެ ފަދަ ކުދި ގައުމުތަކުން ގުޅިގެން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ކަނޑައަޅާ މިންގަނޑު ކަމަށްވާ 'މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް' އެކުލަވާލައި ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަށް ހަލީލް ގޮވާލެއްވި އެވެ.

ހަލީލްގެ ވާހަކައިގައި މޫސުމީ ބަދަލުގެ ދާއިރާގެ އިތުރުން ވެސް ރާއްޖެ އިން އިސްކަންދޭ ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. އެއީ:

  • ބައިނަލްއަގުވާމީ މައިދާނުގައި ހަމަހަމަކޮށް ތަމްސީލުވުމުގެ ފުރުސަތު ހޯދުން

  • 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމުގެ އަޒުމް ވަރުގަދަކުރުން

  • މިންތީގެ ހަމަހަމަކަން ކަށަވަރު ކުރުމަށް ހުރި ހުރަސްތައް ނައްތާލުން

  • އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުން

  • ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން

މި ކަންކަން ކުރުމުގެ ގޮތުން ރާއްޖެއިން ހާސިލްކޮށްފައިވާ ބައެއް ކަންކަމަކީ، ހަލީލް ވިދާޅުވި ގޮތުގައި:

  • މިންތީގެ ހަމަހަމަކަން އިތުރުކުރުމަށްޓަކައި ބައިނަލްއަގުވާމީ 'ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ' ނުވަތަ ޑިޕްލޮމެޓިކް މަސައްކަތުގައި އުޅޭ އަންހެނުންގެ ދުވަސް ފާހަގަކުރަން ނިންމުން

  • އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ހަރަކާތްތެރިވުން

  • ބައިނަލްއަގުވާމީ 'ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސެޕިއަރެންސް' (އައިސީޕީޕީއީޑީ) ނުވަތަ ގަދަކަމުން ގެއްލުވާލާ މީހުން ރައްކާތެރިކުރުމުގެ މުއާހަދާ ތަސްދީގު ކުރުން

ހަލީލްގެ ވާހަކަ ނިންމަވާލެއްވީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވައި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުންނެވެ.

އެނގުން މުހިއްމު - އދ.ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލް ކުރާ ވަފުދުގައި، ހަލީލްގެ އިތުރުން، ހެލްތު މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. 

އާއްމު މަޖިލީހުގެ ޖަލްސާ އާއި ބައްދަލުވުންތަކުގެ އިތުރުން، ބޭރުގެ ގައުމުތަކާ އެކު މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ވެސް ރާއްޖޭގެ ވަފުދުން ބައިވެރިވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް