ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)
ނަޝީދުގެ ބަރުލަމާނީ ނިޒާމު: މެމްބަރަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ، ވަކިކުރުމުގެ ބާރު ރައްޔިތުންނަށް
ރައްޔިތުންގެ މަޖިލީހެއްގެ މެމްބަރަކު މަގާމުން ވަކިކުރުމަށް އޭނާ އިންތިހާބުކުރާ ދާއިރާގެ ރައްޔިތުންނަށް ފެނިއްޖެ ނަމަ، ސިއްރު ވޯޓަކުން އެ މެމްބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ނިޒާމީ ވޯޓުގެ ކަރުދާހުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ގަރާރެއް ފާސްކޮށް މަޖިލީހުން ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނަށް އަންގާފަ އެވެ. ނިޒާމީ ވޯޓު ނެގުމުގެ މަސައްކަތުގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ މައުލޫމާތު ހިމެނޭ ކަރުދާހެއް މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފަ އެވެ. އެކަމަކު، މިއަދުގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެ މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ.
ތަފްސީލް - ނަޝީދު ހުށަހެޅުއްވި ކަރުދާހުގައި ބުނާ ގޮތުން، ބަރުލަމާނީ ނިޒާމުގައި މަޖިލީހަށް އިންތިހާބުކުރާ މެމްބަރަކު މަގާމުން ވަކިކުރުމަށް އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންނަށް ފެނިއްޖެ ނަމަ، އެކަން ކުރެވެ އެވެ. އެގޮތުން:
-
ބަރުލަމާނީ ނިޒާމުގައި، މަޖިލީހަށް އިންތިހާބުކޮށްފައިވާ މެމްބަރަކު އެ އިންތިހާބުގެ ދައުރުގެ ތެރޭގައި މެމްބަރުކަމުން ވަކިކުރުމަށް އޭނާ އިންތިހާބުކުރާ ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ، އެ ރައްޔިތުންގެ ސިއްރު ވޯޓަކުން އެކަން ކުރެވޭނެ
-
އެ ސިއްރު ވޯޓުގައި އެ މެމްބަރަކު މަޖިލީހަށް އިންތިހާބުވުމަށް ލިބުނު ވޯޓުގެ %50 އެ މެމްބަރަކަށް ލިބިފައިނުވާ ނަމަ، މެމްބަރުކަމުން ވަކިވާނެ
-
އެފަދަ ހާލަތެއްގައި އާ މެމްބަރަކު އިންތިހާބު ކުރުމަށް ބައި-އިލެކްޝަނެއް އޮންނާނެ
އެނގުން މުހިއްމު - ރާއްޖޭގައި މިހާރު އޮންނަ ރިޔާސީ ނިޒާމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކިވަނީ ގާނޫނުއަސާސީގައި ބުނާގޮތުން:
-
އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް އަދާނުކުރާ ނަމަ
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަން ޖެހުން
-
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހެއް ނަމަ، އެ ހުކުން ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފުކުރެވުނުތާ ތިން އަހަރު ނުވުން
-
ފަނޑިޔާރަކަށް ވުން
މީގެ އިތުރުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ ޕާޓީގެ މެމްބަރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މަގާމުން ވަކިވާނެ ކަމަށް ވެސް ނަޝީދު ހުށަހަޅުއްވާ ކަރުދާހުގައި ބުނެފައިވެ އެވެ.
ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށްގެން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އިންތިހާބުވާ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް ފަހު އެ މީހަކު އެ ޕާޓީއަކުން ވަކިވެ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، އެ މީހަކު މަގާމުން ވަކިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތައް:
-
ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއް ބާރު އަނެއް ބާރާ ގުޅިފައި
-
ވެރިކަން ހިންގުމުގެ ބާރު ލިބެނީ ބޮޑުވަޒީރަށް
-
ގާނޫނު ހެދުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް
-
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ހަމައެކަނި ލިބޭނީ ޝަރުއީ ކޯޓުތަކަށް
-
ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައީސް
-
ރައީސް އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުން
-
ބޮޑުވަޒީރަކަށް ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ މެމްބަރެއް
-
ވަޒީރުންގެ މަޖިލިސް ނުވަތަ ކެބިނެޓް އެކުލަވާލާނީ ބޮޑުވަޒީރު
-
ބޮޑުވަޒީރާއި ވަޒީރުން ޖަވާބުދާރީވާނީ މަޖިލީހަށް
-
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ރައީސް؛ އެ ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހަށް
-
ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީން؛ އެ ފަނޑިޔާރުން ވަކިކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހުން ފާސްކުރުމުން
އިތުރަށް ކިޔާލަން - ނަޝީދުގެ ބަރުލަމާނީ ނިޒާމުގައި ވެސް ރައީސް ހޮވާނީ ރައްޔިތުންގެ ވޯޓުން
ކޮމެންޓް (1)
ހިތަދޫ2