އިޝްތިހާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން (ދައުރު ފޮޓޯ/ހުސައިން ސުނޭން))

ނަޝީދުގެ ބަރުލަމާނީ ނިޒާމުގައި ވެސް ރައީސް ހޮވާނީ ރައްޔިތުންގެ ވޯޓުން

ބަރުލަމާނީ ނިޒާމު ހިންގާ ބައެއް ގައުމުތަކުގައި ރައީސް އިންތިހާބުކުރަނީ ގާނޫނު ހަދާ މަޖިލީހުން
25 ސެޕްޓެމްބަރު 2023
6

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލިޔަސް، ދައުލަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވާ ރައީސް ކަމަށް ބޭފުޅަކު އިންތިހާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ވެރިކަމުގެ ނިޒާމާ ގުޅޭ ކަރުދާހުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - އަންނަ މަހުގެ 30ގެ ކުރިން، ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ބުދަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރު މަޖިލީހުގެ އިދާރާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އީސީއަށް ފޮނުވާފަ އެވެ. އީސީން ވަނީ، އެފަދަ ވޯޓެއްގައި އަހާނެ ސުވާލު ސާފުކޮށްދިނުުމަށް މަޖިލީހުގެ އިދާރާގައި އެ ދުވަހު އެދިފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ބާއްވަން އުޅުނު ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ނިޒާމީ ވޯޓުގެ ކަރުދާސް އޮންނަ ގޮތް ކަނޑައެޅުމާ ވެެރިކަމުގެ ނިޒާމާ ގުޅޭ ކަރުދާހުގެ މަސައްކަތެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

ތަފްސީލް -  ނަޝީދު މިއަދު ހުށަހަޅުއްވަން ނިންމެވި ބަރުލަމާނީ ނިޒާމުގެ ސިފަތަކާއި ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމެނޭ ކަރުދާހުގައި ބުނާ ގޮތުން:

 • ބަރުލަމާނީ ނިޒާމުގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މެންބަރުންގެ އަގުލަބިއްޔަތުން އިންތިހާބު ކުރާ ބޮޑުވަޒީރަކާއި ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރާ ރައީސެއް

 • ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސް ހުންނަވާއިރު، ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްވެރިޔާ

 • ސަރުކާރަކީ މަޖިލީހުގެ ތެރެއިން އުފެދޭ ބައެއް - ވަޒީރުންގެ މަޖިލިސް ނުވަތަ ކެބިނެޓް އެކުލަވާލާނީ ބޮޑުވަޒީރު؛ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

އެނގުން މުހިއްމު - ބަރުލަމާނީ ނިޒާމެއްގައި ރައީސް އިންތިހާބުކުރާނީ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް އެ ކަރުދާހުގައިވެ އެވެ. ނަމަވެސް، ބަރުލަމާނީ ނިޒާމު ހިންގާ ބައެއް ގައުމުތަކުގައި ރައީސް އިންތިހާބުކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ނިޒާމު ހިންގާ އަވަށްޓެރި އިންޑިއާގައި ވެސް ރައީސް އިންތިހާބުކުރަނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ނަޝީދު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ އަސާސީ ސިފަތައް

ދައުލަތް ހިންގުމުގެ ބާރު:

 • ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ބާރުތަކުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އޮންނާނީ އެއް ބާރު އަނެއް ބާރާ ގުޅިފައި

 • ވެރިކަން ހިންގުމުގެ ބާރު ލިބެނީ ބޮޑުވަޒީރަށް

 • ގާނޫނު ހެދުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް

 • އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ހަމައެކަނި ލިބޭނީ ޝަރުއީ ކޯޓުތަކަށް

 • ދައުލަތުގެ އެންމެ އިސްވެރިޔާ އަކީ ރައީސް

 • ރައީސް އިންތިހާބު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުން

 • ބޮޑުވަޒީރަކަށް ހޮވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ މެމްބަރެއް

 • ވަޒީރުންގެ މަޖިލިސް ނުވަތަ ކެބިނެޓް އެކުލަވާލާނީ ބޮޑުވަޒީރު

 • ބޮޑުވަޒީރާއި ވަޒީރުން ޖަވާބުދާރީވާނީ މަޖިލީހަށް

 • ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ރައީސް؛ އެ ފަނޑިޔާރުން ވަކިކުރެވޭނީ މަޖިލީހަށް

 • ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީން؛ އެ ފަނޑިޔާރުން ވަކިކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހުން ފާސްކުރުމުން

ރައީސްގެ މަސްއޫލިއްޔަތު:

 • ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން އިންތިހާބުކުރާ ބޮޑުވަޒީރު އެ މަގާމަށް އައްޔަންކުރުމާއި އޭނާގެ އިސްތިއުފާ ބަލައިގަތުން

 • އާއްމު އިންތިހާބު އިއުލާނުކުރުން

 • ގާނޫނުއަސާސީގައި ބަޔާންކުރާ މިނިވަން މުސްތަގިއްލު މަގާމުތަކާއި އިދާރާތަކަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މީހުން އައްޔަންކުރުން

 • ބޮޑުވަޒީރުގެ މަޝްވަރާގެ މަތިން ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރާނީ ރައީސް

 • ސުޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ރައީސް؛ ވަކިކުރެވޭނީ މަޖިލީހަށް

ބޮޑުވަޒީރުގެ މަސްއޫލިއްޔަތު:

 • ބޮޑުވަޒީރު ކަމަށް ހުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު އޭނާއަށް އޮންނަ ނަމަ

 • ބޮޑުވަޒީރާއި ވަޒީރުންނާއި ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި ހިނދެއްގައި އާ ސަރުކާރެއް އެކުލަވާލަން ޖެހޭ

 • ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި ނަމަ، އޭނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ

ރިޔާސީ ދައުރު:

 • ރައީސްގެ ދައުރަކީ ފަސް އަހަރު

 • ބަރުލަމާނީ ނިޒާމެއްގައި މަޖިލީސް އުވިއްޖެ ނަމަ ސަރުކާރު އުވޭނެ

 • މަޖިލީހުގެ އުމުރަކީ ވެސް ފަސް އަހަރު

އެނގުން މުހިންމު - ނަޝީދު ހުށަހަޅުއްވާ ކަރުދާހުގައިވާ ގޮތުން، ބަރުލަމާނީ ނިޒާމުގައި މަޖިލީހަށް އިންތިހާބުކޮށްފައިވާ މެމްބަރަކު އެ އިންތިހާބުގެ ދައުރުގެ ތެރޭގައި މެމްބަރުކަމުން ވަކިކުރުމަށް އޭނާ އިންތިހާބުކުރާ ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ނަމަ، އެ ރައްޔިތުންގެ ސިއްރު ވޯޓަކުން މަގާމުން ދުރުކުރުމުގެ ބާރު އޮވެ އެވެ. އެގޮތުން، އެ މެމްބަރަކު މަޖިލީހަށް އިންތިހާބުވުމަށް ލިބުނު ވޯޓުގެ %50 އެ މެމްބަރަކަށް ލިބިފައިނުވާ ނަމަ، މެމްބަރުކަމުން ވަކިވާނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

އިޝްތިހާރު

ކޮމެންޓް (6)

މޫސާ ސިރާޖް

25 ސެޕްޓެމްބަރު 2023
ބަރުލަމާނީ ރޯޑް މެޕްގައި ހިމެނުން މުހިއްމު ކަންތައްތައް: 1. ކުލަބް ހައުސް ފަދަ ފޯރަމް ތަކުގައި ޕަބްލިކު ޑިބޭޓަކަށް ވަކި މުއްދަތަކަށް ހުޅުވާލުން. ބަރުލަމާނީ ވިޔަސް ރިޔާސީ ވިޔަސް ދިވެހިރާއްޖެއަށް އެންމެ ރަނގަޅުވާނީ ކޮން ނިޒާމެއްތޯ . ކޮން ނިޒާމަކަށް ކޮން ބަދަލު ތަކެއް ގެނެއިމާތޯ ރާއްޖެއަށް ރަނގަޅުވާނީ. 2. ޕަބްލިކު ޑިބޭޓާ އެކުއެކީ، މި ދެންނެވި ކަންކަމުގެ މައްޗަށް ރިސަރޗެއް ހެދުމަށް ގައުމީ ޔުނިވަރސިޓީއާ ހަވާލުކުރުން. 3. ޕަބްލިކު ޑިބޭޓުން ފާހަގަކުރެވުނު ރަނގަޅު ވިސްނުމާއި ޚިޔާލާ އެކު ޔުނިވަރސިޓީގެ ރިސަރޗް ޕޭޕަރުގެ މައްޗަށް ރާއްޖޭގައި އޮންނަންވާ ނިޒާމްގެ ފަރޭމްވޯކެއް ލިޔުއްވާށެވެ. 4. ރާއްޖޭގައި ތިބި ރަނގަޅު ގާނޫނީ ތަޖްރިބާކާރުންގެ ކޮމިޓީއެއް އެކުލަވައި އެ ބޭފުޅުންނާ ހަވާލުކޮށްގެން ފްރޭމް ވޯރކެއް ލިޔުއްވުން.
3 2

މޫސާ ސިރާޖް

25 ސެޕްޓެމްބަރު 2023
ހަމަ މިހާރު ވަކުތުން-ވަކުތަށް ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ފުރޮޅާލަންވީހެއްޔެވެ. މިހެން އަވަސް އަރުވާލައިގެން ވެރިކަމުގެ ނިޒާމް ބަދަލުކުރުމުން މިރާއްޖެ އަށް އެންމެ ރަނގަޅަށް މިކަން ކުރެވިދާނެހެއްޔެވެ. އެއީ ހަމަ އެންމެ ސިޔާސީ ލީޑަރަކަށް ފެނުނީމާ އެބޭފުޅާ ބޭނުން ގޮތަކަށް ގަޔަށް ހެޔޮވަރަށް ފަހާ ކޯޓެއްހެއްޔެވެ. މި ގޮތަށް އަވަސް އަރުވާލައިގެން ދުނިޔޭގެ ކޮން ގައުމެއްގައިތޯ ވެރިކަމުގެ ނިޒާމް ބަދަލުކުރީ. ނިޒާމް ބަދަލުކުރައްޏާ އެކަން ކުރަންވާ ނުވަތަ ކުރެވެން އޮތް އެންމެ ރަނގަޅަށް ކުރާން ރޯޑް މެޕެއް ހަދާށެވެ.
2 1

ރާހޫލް

25 ސެޕްޓެމްބަރު 2023
އިންޑިޔާގަވެސް ދައުލަތުގެވެރިޔާއި ސަރުކާރާއި ވަނީ ވަކި ކުރެވިގެން. މިހެން ހެދުމުން މިނިވަން ޖުޑީޝަރީޔާ ޑިމޮކްރެޓިކް ނިޒާމް ނެގެހެއްޓޭ. ހުރިހާ އެއްޗެއް އެކަކަށް ދީގެން ވާ ގޮތް ފެނޭތަ ރާއްޖޭގަ. ބަރުލަމާނީ އިންޑިޔާ- ރާހުލް ގާންދީގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ހުއްޓުވައި، މެމްބަރުކަމުގެ ގޮނޑި އަނބުރާ ދީފި https://mihaaru.com/world/124135 ރިޔާސީ ރާއްޖެ- ޔާމީންގެ މެސެޖް: 'ޖުޑިޝަރީ ބޭނުންކޮށްގެން އަޅުގަނޑުގެ ހައްގު ނިގުޅައިގަތީ' https://dhauru.com/post/news/207
1 0

ސިންގަޕޫރާ ފިންލެންޑް

25 ސެޕްޓެމްބަރު 2023
އެންމެ ރަގަޅަށް ހިނގާ (ކޮރަޕްޝަން މަދު އެއްވަނަ) ސިންގަޕޫރާ ފިންލެންޑްގަ ވެސް ހިނގަނީ މި ގޮތަށް: ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބްކުރާ ރައީސްގެ މަސައްކަތަކީ ޑިމޮކްރެޓިކް ނިޒާމް ހިމާޔަތްކުުރުމާ ޤާނޫނު އަސާސީ ނެގެހެއްޓުން: ސިފައިންގެ ވެރިކަން، ޖުޑިޝަރީއަށް މީހުން ލުން، އޭސީސީ ހިގާތޯ ބެލުން. މީނަ އަތުގަ ސަރުކާރުގެ ވަޒީފާއެއް ފައިސާއެއް ނުހުރޭ. ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބްކުރާ މަޖިލިސާ އެތާގެ ބޮޑުވަޒީރުގެ މަސައްކަތަކީ ސިޔާަސަތުތައް ހެދުމާ ބްރިޖާ މަގާ ހެދުން. ހުރިހާ ފައިސާޔާ ވަޒީފާޔާ ހުންނަނީ ބޮޑުވަޒީރު އަތުގަ. މި ދެބައި އެއްކޮށްލާގެން އިލްޔާސް ލަބީބަށް ދިނަސް ވާނީ ޗޯރަކަށް. ވަކި ކުރޭ. ޗެކް އެންޑް ބެލެންސް. ޑިމޮކްރެޓިކް ގުޑް ގަވަރނެންސް ނިޒާމް ނަގަހައްޓާން ހުންނަ މީހާއަށް ހުރިހާ ވަޒީފާޔަކާ ފައިސާއެއް ދިނީމަ ވާނީ ކިހެން؟
3 2

ޒަމީރު

25 ސެޕްޓެމްބަރު 2023
@ސިންގަޕޫރާ ފިންލެންޑް ބަލަގަ މިއީ އެއްވެސް ކަމެއް ރަނގަޅުކުރާން ކުރަން އުޅޭ ކަމެއް ނޫން. އެނޫން ނަމަ މިގޮތަކަށް ކުރަން ނޫޅުނީސް. މިހާރު އިބޫ ބްލެކްމެއިލްވާ ހާލަތެއްގައި ހުރުމުން ވަގުތުގެ ނާޖާއިޒް ނަގައިގެން ކޮން ބަރުލަމާނީ ބަޢާވާތެއް ގެންނަން ނަޝީދު އުޅެނީ.
2 0

އިރުވަރު

25 ސެޕްޓެމްބަރު 2023
@ޒަމީރު ދެން ކޮން ދުވަހަކުން ކޮން ސާޢަތަކުން ތި ބުނާ ހެޔޮ ނިޔަތުގަ މިކަން ފަށަން ޖެހެނީ. އަހަރެމެން މި ކަން ފަށާގެން 17 އަހަރު ވަނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް